ހުޅުމާލޭގައި މަރާމާތުކުރަން ނިއްވާލި މަގުބައްތިތައް ތިން ދުވަހުގެ ތެރޭގައި ދިއްލާނަން: އެޗްޑީސީ

ހުޅުމާލޭ މަގުމަތި-- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ހަރުކޮށްފައި ހުރި ބައެއް މަގުބައްތިތައް ނިއްވާލީ މަރާމާތު ކުރުމަށް ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމުކޮށް ބޭނުންކުރާ ގިނަ މަގުތައް އަނދިރިވެ، މަގުބައްތި މަދުކަމަށް އާންމުންގެ ފަރާތުން އަބަދުވެސް ޝަކުވާ ލިބެމުންދާތީ އެޗްޑީސީސީއިން ވަނީ ސްޓްރީޓް ލައިޓިން މަޝްރޫއެއް ފަށާފަ އެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 14 ސަރަހައްދެއް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ހުރި މަގުބައްތިތައް ބަދަލުކޮށް، ކަނޑައަޅާފައިވާ ހަމަތަކަށް ފެތޭ މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ.

އެ 14 ޒޯނުގައި ހުރި ބައެއް މަގުބައްތިތައް ނިއްވާލައިގެން މަސައްކަތް ކުރަން ޖެހުމާއި މިހާރު ހަރުކޮށްފައި ހުރި ބައެއް މަގުބައްތިތައް މަރާމާތުކުރަން ބައްތިތައް ނިއްވާލައިގެން މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށް، އެކަމުން ދިމާވާ އުނދަގޫތަކަށް އެޗްޑީސީއިން ވަނީ އާންމުންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ހަމައެއާއެކު އެ މައްސަލަ ހައްލުކޮށް، މައްސަލަ ޖެހިފައިހުރި މަގުބައްތިތައް ކުރިއަށް އޮތް ތިން ދުވަހުގެ ދިއްލުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ހުޅުމާލޭ ސްޓްރީޓް ލައިޓިން މަޝްރޫއުގެ ދަށުން 1330 މަގުބައްތި ހަރުކުރުމަށް ވަނީ ނިންމާފަ އެވެ. ޖޫން މަހު ނިންމަން ރާވާފައިވާ އެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޒޯން އެކެއް، ދޭއް އަދި ތިނެއްގަ އެވެ.

comment ކޮމެންޓް