ފައިސަލްއާއި ޖީހާން، ލޯބީގެ ހަގީގީ ވާހަކައެއް

އެއީ 1990 ގެ އަހަރުތަކެވެ: އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު މުހައްމަދު ފައިސަލް މެލްބަންގައި ހުންނަ އޭނާގެ ރަހުމަތްތެރިއެއްގެ ގެއަށް ގޮސް ޓަކިޖަހާލުމުން ދޮރުހުޅުވާލީ ވަރަށް ރީތި އަންހެންކުއްޖެކެވެ--ޖީހާން ސަލީމެވެ. ދެ މީހުންގެ ހިތަށް ވެސް އޭރު މާ ބޮޑު އެއްޗެއް ނާރައެވެ.

އެހެން ނަމަވެސް އެ ދުވަހުގެ ފަހުން ދެމީހުން އެކުވެރިވެ، ގާތްކަމެއް އުފެދުނެވެ. އޭރު ޖީހާން އެހެން މީހަކާ ރައްޓެހިވެގެން އުޅުނު ނަމަވެސް، ދެމީހުންނަށް އެކަކު އަނެކެއްގެ މިޒާޖު ވަރަށް ކަމުދާން ފަށައިފިއެވެ. މި އެކުވެރިކަމެއްގެ ގުޅުން ބޮޑުވަމުން ގޮސް އުފެދުނު ލޯބި، 25 އަހަރު ދުވަސް ފަހުން މިއަދުވެސް ދެމި އެބަ އޮތެވެ--އިހަށް ވުރެ މާ ބޮޑަށްވެސް ވަރުގަދަވެފައެވެ.

"ހަނދާންވޭ، ވީ ވެންޓް ޓު ބޮމްބޭ ބާޒާރް، މެލްބަންގަ. އެ ދުވަހު ޖީ ބުނި، ބޭނުންވަނީ ޑިގްރީ ހަދާފައި ހުރި އިސްކޮޅުން ދިގު މީހެކޭ. އޭރު ކުޑަކޮށް ހިތްކިޔާފައި ހުރީމަ ހިތަށް އެރި 'އާނ ދިސް އިޒް މީ' އޭ،" އޮސްޓްރޭލިއާގައި ދެ މީހުންގެ ގުޅުން އުފެދެމުން އައި ގޮތް ފައިސަލް ކިޔައިދެއްވިއެވެ.

ދެ އަހަރެއްހާ ދުވަހުގެ ކުރު ރޮމޭންސްއަކަށްފަހު މާލެ އައިސް ދެމީހުން ކައިވެނިކުރީއެވެ. އެކަމަކު އެކުގައި ގޮންޖެހުންތަކެއްވެސް ގިރާކޮށްގެންނެވެ.

"އޭރު އެހާ ގަބޫލުކުރެވޭ ކަމެއް ނޫން އެކަކާ ރައްޓެހިވެގެން އުޅެފަ، ރުޅިވެފަ އެހެން މީހަކާ ރައްޓެހިވުމަކީ. ފެމިލީ ސައިޑަކުންނެއް ނޫން، ފްރެންޑްސް ސައިޑުން [ޕްރެޝާތަކެއް] އައި. މާލެ އައިމަވެސް މީހުންވެސް ވަރަށް ގިނަ ވާހަކަ ދެއްކި. އެކަމަކު ވީ ޑިޑްންޓް ލުކް ބެކް. ހަމަ 25 އަހަރު މިވަނީ އެކުގައި. މިއީ ވަރަށް ރަނގަޅު ލާނިންގް އެކްސްޕީރިއަންސެއް. ލައިފްގައި ވަރަށް ބައިވަރު ކަންކަމާ ކުރިމަތިލާނެ ގޮތް ދަސްވި. އަމިއްލައަށް ބޭނުންވާ ގޮތް އެނގެން މަގުފަހިވި،" ރާއްޖޭގެ ޔޫއެންއެފްޕީއޭގައި މަސައްކަތްކުރައްވަމުންދާ މޮލެކިއުލާ ސައިންޓިސްޓް ޖީހާން ސަލީމް ވިދާޅުވިއެވެ.

މި ދެމަފިރިންގެ ލޯތްބަކީ ސިއްރެއް ނޫނެވެ. ފޭސްބުކްއާއި އިންސްޓަގްރާމް ބަލައިލި ކޮންމެ ފަހަރަކުން ފެންނާނީ ފައިސަލް ލިޔުއްވާ އިޝްގީ ޅެންތަކާއި، ޖީހާން ޕޯސްޓުކުރައްވާ އެ ދެމަފިރިންނާއި އާއިލާގެ ލޮބުވެތި ފޮޓޯތަކެވެ.

މުހައްމަދު ފައިސަލް އަދި ޖީހާން ސަލީމް -- ފޮޓޯ/ މުހައްމަދު ފައިސަލް (އިންސްޓަގްރާމް)

"ބައެއް މީހުން ބުނޭ ފޭސްބުކްއަށް ރޮމޭންޓިކް ފޮޓޯ ލާފައޭ މިވެނި ކަމެކޭ. ދެން އެހެެނެއް ނޫޅޭނެ އަބަދަކު. މީހުންނަށް އަންޑަސްޓޭންޑްނުވާ ކަމަކީ، ކޮންމެ ބަޔަކީވެސް ތަފާތު އިންސާނުންކަން. ހަމަ ހުންނާނެ ހިތްހަމަނުޖެހޭ ކަންކަންވެސް،" ޖީ ވިދާޅުވިއެވެ

ފައިސަލްވެސް ވިދާޅުވީ ރޮމޭންޓިކްކޮށް އުޅުނަސް މައްސަލަވެސް ޖެހޭ ކަމަށާއި ނަމަވެސް އެ ދެމަފިރިންނަށް ދުވަސް ނިމޭނީ އެކަންކަން ހައްލު ކޮށްފައި ކަމަށެވެ.

"ކޫސަނި ކަންކަން. ބައެއްފަހަރު މައްސަލަޖެހިގެން ވީ ބޯތު ކްރައި ޓުގެދާ. އަސްލު މައްސަލައެއް ޖެހިއްޖިއްޔާ އެކަން ހައްލު ނުކޮށް ވީ ޑޯންޓް ގޯ ޓު ބެޑް. ކަންކަމާ އެޑްރެސް ނުކުރަންޏާ އެކަންކަން ޓޮކްސިކް ވާނީ،" ޖީއާ އޮންނަ ގުޅުން ވަރުގަދަކޮށް އޮންނަ މުހިންމު އެއް ސަބަބު ފައިސަލް ކިޔައިދެއްވިއެވެ.

މިހާރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަން ކުރައްވާ ފައިސަލް ކައިވެނި ސިފަކުރެއްވީ ދެމީހުންގެ ދެމެދުގައި ވެވޭ އަގުދަކަށްވުރެ ބޮޑަށް، އެކަކު އަނެކެއްގެ އަމިއްލަ އިންތަކަށް އިހުތިރާމުކޮށްގެން އެކުގައި އުޅޭ ދިރިއުޅުމެއްގެ ގޮތުގައެވެ. ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާކަން ކުރައްވާ ޖީހާންވެސް ވިދާޅުވަނީ މީހަކު ސުވާލުކޮށްފިނަމަ ޖަވާބުގައި ބުނެވެނީ "ހެޕިލީ މެރީޑް"އޭ ކަމަށެވެ. ގުޅުން އެހާވެސް ވަރުގަދަވެފައި، ލޯބީއެވެ.

މި ދެމަފިރިންގެ ހަޔާތުގެ އިތުރު ވާހަކަތައް އަޑުއަހާލުމަށް ވީޑިއޯ ބައްލަވާލައްވާށެވެ.

comment ކޮމެންޓް