ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ، ގެއަށް ބަދަލުކުރުމާމެދު މިދަނީ މަޝްވަރާކުރަމުން: ރައީސް

ރައީސް ޔާމީން: އެމަނިކުފާނު ގެއަށް ބަދަލުކުރަން މަޝްވަރާކުރަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްްދުލްގައްޔޫމަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްއާއި އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން އެތައް ފަހަރަކު އެދިފައިވެ އެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ބޮޑެތި ގޮނޑިތަކެއް ނެގިފައިވާތީވެ، ރައްޔިތުން ސަރުކާރަށް ދިން މެސެޖަކީ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭކަން ކަމަށް ބުނެ އިދިކޮޅުން އަނެއްކާވެސް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ލުއި ގޮތެއް ހޯދައިދިނުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މީގެ ހަތަރު ދުވަސް ކުރިން ބައްދަލުކޮށް އެދިފައިވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ގެއަށް ބަދަލުކޮށްދިނުން ނުވަތަ ލުއެއް ހޯދުމަށް [އެދިފައިވަނީ]. ސިއްހީ ބައެއް ކަންތައްތަކުގެ ވާހަކަވެސް އެ ސީޓީގައި އެބަ އޮތް. އަޅުގަނޑު މިދަނީ އެކަމާ ދޭތެރޭ މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެއަށް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން،" ރައީސް ޔާމީންގެ އަނބިކަބަލުންގެ ސިޓީއާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މާދަމާއަކީ ރޯދަ މަސްކަމަށްވުމުން އެކަމާމެދު ގޮތެއް ނިންމުމަށް ކިހާ ދުވަހެއް ނަގާނެތޯ ނޫސްވެރިއަކު ސުވާލުކުުރުމުން ރައީސް ސޯލިހް ވިދާޅުވީ، "ލަސްތަކެއް ނުވެ، އަޅުގަނޑު އިރާދަކުރެއްވިއްޔާ އެއަށް ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިކުރަނީ" ކަމަށެވެ.

މެޑަމް ފާތުންގެ ސިޓީގައި ރައީސް ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރި ނަމަވެސް، ރައީސް ޔާމީނާ ހަވާލާދެއްވަައި ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީ މައްސަލަައެއް ނެތް ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީން މިވަގުތު ޖަލުގައި ހުންނެވީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ޓެސްޓުތަކެއް ހަދަން ބޭރަށް ފޮނުވަން ޑޮކްޓަރު އިރުޝާދު ދިން ނަމަވެސް، ރައީސް ޔާމީން އެގޮތެއް ބޭނުންފުޅެއް ނުވި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެއީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް. އެކަމަކު އެއީ ވަރަށް ކުރީގެ ރިކޮމެންޑޭޝަނެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެއީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއީ ވަރަށް ކުރީގެ ރިކޮމެންޑޭޝަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިދިކޮޅުން ބުނާ ގޮތުގައި އިންތިހާބުގައި ސަރުކާރަށް ބައެއް މުހިންމު ދާއިރާތަކެއް ނުލިބުމުން ރައީސް ޔާމީނަށް ސަރުކާރުން ދަނީ އަނިޔާ ކުރަމުން ކަން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންތިހާބުގެ ނަތީޖާއަށްފަހު އިދިކޮޅުން ގޮވާލައިފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ޖުރީ ފަސް އަހަރު ދުވަހަށެވެ. އޭގެ އިތުރުން ކޯޓުން ވަނީ ފަސް މިލިއަން ރުފިޔާއަށް އެމަނިކުފާނު ޖޫރިމަނާކުރުމަށްވެސް ހުކުމްކޮށްފައެވެ.އެއީ ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ކުރި ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ބުނެއެވެ.

comment ކޮމެންޓް