މި ސަރުކާރުގެ ހައުސިން މަޝްރޫއުތަކަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލަނީ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކަށް ކުރިމަތިލުމުގައި އަމަލުކުރަން ޖެހޭ އުސޫލު މިއަދު އާންމުކުރާނެ ކަމަށާއި، މެއި މަހުގެ ތެރޭ ހައުސިން މަޝްރޫއުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރިއށް ހުރި ހައުސިން ޕްރޮޖެކްޓުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ރައްޔިތުންގެ ހައުސިން ނީޑް އެސެސްމެންޓުން ފާހަގަވި، މިވަގުތަށް ބޯހިޔާވަހިކަން ބޭނުންވާ 5،600 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"އެ ބޭފުޅުންނަށް ވަރަށް ބޮޑު ފޯކަސްއެއްގައި އަޅުގަނޑުމެން މިއަދު މި އިއުލާނުކުރާ ހައުސިން އެޕްލިކޭޝަންތަކުގައި ހުންނާނި. އެޕްލިކޭޝަނުގައި އަޅުގަނޑުމެން މާކްސް ދިނުމަށް ކަނޑައަޅާފައި ހުރި ކްރައިޓީރިއާ ތައް ކަނޑައަޅާފައި ހުރިގޮތުން މާލޭގައި އެމީހެއްގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ދިރިއުޅޭނެ ތަނެއް ނެތް މީހަކު، ފްލެޓެއް ވެސް ގޯއްޗެއްވެސް ނެތް މީހެއްވިއްޔާ މިހާރު މިކަން ތަރުތީބު ކޮށްފައި އޮތްގޮތުން އެލިޖަބަލް އެބަވޭ ހައުސިން ޔުނިޓަކަށް ދިޔުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތަށް މާކްސްދޭއިރު ތިން ކަމަކަށް ބަލާނެ ކަމަށާއި ފުރަތަމަ ކަމަކީ 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ތަނެއް ނެތުންކަމަށާއި 15 އަހަރު މާލެގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ އޮތުމާއި އާއިލާގެ ކުޑަބޮޑުމިނާ ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ތެރެއިން ބޯހިޔާވަހިކަން ދިނުމަށް އިސްކަންދޭނީ 75 މާކްސް އަށްވުރެ މަތިން ލިބޭ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން އެލިޖިބަލް ވާ ފަރާތްތަކަށް މިވަގުތު ހައުސިްނ ނެތްކަމަށް ވަންޏާ، ހުރި މިންވަރަކުން އެބޭފުޅުންގެ މެދުގައި ގުރެކޭ އަޅުގަނޑުމެން ލާނީ. އެހެންވީމާ މާކުްސް ތަރުތީބުން، 100، 98 އެގޮތަކަށް ނޫނޭ ކުރިއަށްގެންދާނީ. 75 ވީމާ އެ ބޭންޑަށް ވަރަށް ބޮޑަށް ޕްރަޔޮރަޓައިޒް ކޮށްގެން އެ ފަރާތްތަކަށް ދިނުމަށް އަމާޒު ހިފާފައި [ވާނީ]،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ 5،600 ހައުސިން ޔުނިޓު މަދުވެގެން މާލޭ ރައްޔިތުންނަށް އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް