ކައިވެންޏަކާ ގުޅިގެން ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު --- ސަން ފޮޓޯ މުއާވިޔަތު އަންވަރު

ފެމިލީ ކޯޓުގެ ކުރީގެ އިސްގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީއިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އެ މައްސަލައަކީ، އޭނާ ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި އިރު، 2018 ވަނަ އަހަރު، އެ ކޯޓުގެ ފަރާތުން، އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ.

ހަސަން ސައީދުގެ އެ މައްސަލަ ބަލަން ނިންމީ 17 މާޗުގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީއިން ބުންޏެވެ. މީގެ ކުރިންވެސް އޭނާގެ އެކި ސުލޫކީ މައްސަލަ ޖޭއެސްސީއިން ބަލާފައިވެ އެވެ.

މާޗު 17 ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސްގެ ސުލޫކީ މައްސަލައެއް ބަލަންވެސް ނިންމި އެވެ. އެއީ އޭނާ ބެއްލެވި މައްސަލައެއްގައި ވަކީލު ކޯޓަށް ހާޒިރުވެ ހުއްޓައި ވަކީލުގެ ޣައިރުހާޒިރުގައި މައްސަލަ ކުރިއަށްގެންދިޔަ ކަމަށް ބުނާ މައްސަލައެކެވެ.

comment ކޮމެންޓް