އެޗްޑީސީގެ 20 އަހަރު ފާހަގަކުރުން 20 އަހަރުވީ މުވައްޒަފުންނާއެކު

އެޗްޑީސީ އަށް ގިމަ ދުވަހު ހިދުމަތް ކުރި މުވައްޒަފުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ތަރައްގީ ކުރުމާ ބެހޭ ޔުނިޓު އުފައްދަވައި، ކަނޑައެޅިފައިވާ މާސްޓާ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްގީކޮށް އާބާދުކުރުމަށް ބޭނުންވާ ބިން ހިއްކައި ހުޅުމާލެ އަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ހުޅުމާލެ ތަރައްގީ ކުރުމާ ބެހޭ ޔުނިޓެއް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން އުދެއްދެވީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އެވެ.

ފަހުން އެ ޔުނިޓު އުވާލައްވައި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ 2005 ވަނަ އަހަރުގެ އޮގަސްޓުމަހު އެވެ.

ހުޅުމާލެ އާ ގުޅޭކަންތައް ބެލެހެއްޓުމަށް އުފެއްދެވި ޔުނިޓުގެ މަސައްކަތްތަކުގެ އިތުރަށް ކުންފުނިން ކުރާނެ މަސައްކަތްތަކުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހުޅުމާލޭގައި ދިރިއުޅުމަށްޓަކާ ބޭނުންވަ ގޯތިގެދޮރު ބިނާ ކުރުމުގެ ކަންތައް ރާވައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަންތައް ހިންގައި، ހުޅުމާލޭގެ ބިމާއި، މަގުތަކާއި ފަޅު ތަރައްގީކޮށް ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ކަންތައްތައް ފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ކުރެވޭ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ހުޅުމާލޭގައި ސިނާއީ މަސައްކަތްތަކާއި ވިޔަފާރީގެ މަސައްކަތްތައް އަދި ދަތުރުފަތުރު ކުރުމުގެ ކަންތައްތައް ދެމެެހެއްޓެނިވި ގޮތެއްގައި ކުުރމަށް މަގުފަހިކޮށްދީ، ސަރުކާރުން ހުޅުމާލެއަށް ފޯރުކޮށްދޭ ހުރިހާ އަސާސީ ހިދުމަތެއް ވިލަރެސް ކުރުމަކީވެސް ކުންފުނި އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

ކުންފުނީގެ ނަން ހުޅުމާލޭ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ނަމުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލު ކުރެއްވީ 2009 ވަނަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އާބަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ފުރަތަމަ އެޅި ފިޔަވަޅަށް މިއަދަށް 20 އަހަރު ވީއެވެ. ހުޅުމާލޭގެ ތަރައްގީގެ ކަންތައް ބެލެހެއްޓުމަށް ޔުނިޓެއް އުފައްދަވައި، އެތަނުގެ މަސައްކަތުން ފެށިގެން، މިއަދާއި ހަމައަށް އެޗްޑީސީގެ ހިދުމަތުގައި ނުވަ މުވައްޒަފަކު އެބަތިއްބެވެ.

އެޗްޑީސީގެ ވިހި ވަނަ އަހަރީ އެކުންފުނިން ފާހަގަ ކުރަނީ މި ނުވަ މުވައްޒަފުންގެ އަގު ވަޒަން ކުރަމުންނެވެ. މި މުވައްޒަފުންގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެެެ މަސައްކަތް ކުރިއަށް ދިޔައިރު އެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންވެސް ހިމެނެ އެވެ.

އަޒީޒުލް ހައްގު، ވެލްޑާ / ގްރީނިން އެންޑް ޕަބްލިން އިންފްރާސްޓްރަކްޗާ މެއިންޓެނެންސް: އަޒީޒުލް ހައްގު، އެޗްޑީސީގެ މަސައްކަތާ ފުރަތަމަ ގުލުނީ ބޯޓް ކްރޫ އެއްގެ ގޮތުގައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަަސައްކަތް ކުރި އިރު ޑްރެޖަރުގައިވެސް މަސައްކަތް ކުރި އެވެ. ގިނަ ޓްރެއިނިންގްތަކެއް ފުރިހަމަކޮށް މަސައްކަތުގެ ތަޖުރިބާ އާއެކު މިހާރު އޭނާ އަކީ އެޗްޑީސީގެ ވެލްޑަރެވެ. އެއް ދުވަސްވަރެއްގައި، އެޗްޑީސީގައި މަސައްކަތްކުރި ހަމަ އެކަނި ވެލްޑަރަކީވެސް އެއީ އެވެ. ހުޅުމާލޭގެ ކޮމަޝަން ބްލޮކްތަކުގެ ސިޑީތަކުގެ ވެލްޑިންގް މަސަސައްކަތަކީ އަޒީޒުލް ހައްގުގެ މަސައްކަތެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމާއި އެޗްޑީސީގެ ނާސަރީ އަށް ބޭނުންވާ ފާޓިލައިޒާ ތައްޔާރުކުރުމުގައިވެސް އެނާ ހަރަކާތްތެރިވެ އެވެ. އަޒީޒުލް އާއެކު މަސައްކަތްކުރާ އެހެން މުވައްޒަފުން ސިފަކުރާގޮތުގައި އޭނާ އަކީ މަސައްކަތަށް ފަރުވާތެރި ހަވާލުކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ނިންމާ ހީވާގި މުވައްޒަފެކެވެ.

އިބްރާހިމް ޝެއިޚް، ހެވީ ވެހިކަލް އޮޕަރޭޓާ / ޓްރާންސްޕޯޓް އެންޑް ކްލީނިން: އިބްރާހިމް ޝެއިޚް އެޗްޑީސީ އާ ގުޅުނީ ލޯޑާ އޮޕަރޭޓަރެއްގެ ގޮގައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ދިޔަ ދުވަސްވަރު މަގުތައް ލެވެލް ކުރުމާއި ގަސް އިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެވެ. އިބްރާހިމްގެ މިހާރުގެ މަސްއޫލިއްޔަތަކީ ލޯޑަރު ދުއްވާނެ އާ ޑްރައިވަރުން ތަމްރީނު ކުރުމާއި އެޗްޑީސީގެ ކުނި ނަގާ ޓްރަކްތައް އޮޕަރޭޓު ކުރުމެވެ. ފެށުނީއްސުރެ އެޗްޑީސީގައި މަސައްކަތްކުރަމުންދާ އިބްރާހިމް ފަހަގަ ކުރާގޮތުން މަަސައްކަތުގެ މާހައުލުންް އެންމެ ހަނދާންވަނީ ސުނާމީ އާއި ގުޅިގެން ގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ވަގުތީ ހިޔާތައް ގާއިމް ކުރުމަށް ކުރި މަސައްކަތްތަކެވެ.

މުހައްމަދު އަބްދުއްރަހުމާން، ބޯޓް ކެޕްޓަން / ޓްރާންސްޕޯޓު އެންޑް ކްލީިނިން: މުހައްމަދު އަބްދުއްރަހުމާނު ވެސް އެޗްޑީސީ އާ ގުޅުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އެވެ. ކުންފުނީގައި 20 އަހަރު ހިދުމަތް ކުރި އިރު އެނާގެ މަސައްކަތުގެ ޒިންމާ ކޮންމެ ދުވަހަކުވެސްއަދާކުރަނީ ފަހުރުވެރިކަމާއެކު އެވެ. އެްޑީސީގެ ވަޒީފާ އާއެކު ދިރިއުޅުމަށް އައި އުފާވެރި ބަދަލު އޭނާ ފާހަގަ ކުރެއެވެ. މުހައްމަދު އަބްދުއްރަހުމާނުގެ އަމާޒަކީ ރިޓަޔާމެންޓާ ހަމައަށްވެެސް އެޗްޑީސީގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތުގައި ދެމިހުރުމެވެ.

އައިޝަތު ލީނާ މުހައްމަދު، އެޑްމިނިސްޓްރޭޓިވް އޮފިސަރު / ޖެނެރަލް އެޑްމިނިސްޓްރޭޝަން: ލީނާ އެޗްޑީސީގެ މަސައްކަތާ ގުޅުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު ފައިނެންސް ޑިޕާޓުމެންޓުގައި މަސައްކަތްކުރި ހަމައެކަނި މުވައްޒަފަކީ ލީނާ އެވެ. ޕޭރޯލްގެ ކަންތައްތަކާއި ފިނޭންސް މިނިސްޓްރީ އަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއްގެ މަސައްކަތް އޭރު ކުރީ ލީނާ އެކަންޏެވެ. ލީނާ ބުނީ ފުރަތަމަ ކުންފުނި އުފެދިގެން ދިޔަ އިރު މަސައްކަތް ކުރަން ޖެހުނީ މަދު މުވައްޒަފުން ކޮޅަކާއެކު ކަމަށާއި މަސައްކަތްތައް ގަޑިއަށް ނިންމުމަށް ހުރިހާ މުވައްޒަފުންވެސް އެކުގައި މަސައްކަތް ކުރި ކަމަށެވެ.

ހުޅުމާލެ ފެހިކުރުމަށް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައިވެސް އަމަލީގޮތުން ލީނާ ވަނީ ބައިވެރިވެފައެވެ. އެގޮތުން ހުޅުމާލޭގައި އިންދުމަށް ރަށްރަށުން ގަސް ގެނެސްގެން އަދި އޮށް އިންދައިގެންވެސް ގަސް ހެެއްދި ކަމަށް ލީނާ ބުންޏެވެ.

ހުޅުމާލެއިން ފުރަތަމަ ދޫކުރި ފްލެޓުތަކުގެ ކަންތައް ބެލުމަށް އުފެއްދި ކޮމެޓީގެ މަސައްކަތުގައިވެސް ލީނާ ވަނީ ހަރަކާތްތެރިވެފައެވެ. މީހުން އާބާދުވެ. ކޮމިޔުނިޓީ އެންގޭޖުމެންޓު ޕްރޮގްރާމުތައް ކުުރިއަށް ގެންދިޔުމުގައި ވެސް ލީނާ ހަރަކާތްތެރިވި އެވެ. މިހާރު އެޗްޑީސީގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަނުގައި މަސައްކަތް ކުރާއިރު އުއްމީދަކީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ ހިމެނުން ކަމަށް ލީނާ ބުންޏެވެ.

ހަދީޖާ މުހައްމަދު، އެސިސްޓެންޓް ޑިރެކްޓަރު / ޖެނެރަލް އެޑްމިނިސްޓްރޭޝަން: އޭޕްރީލް 2001 ގައި ހަދީޖާ މުހައްމަދު އެޗްޑީސީގެ މަސައްކަތާ ގުޅުނީ އެޑްމިނިސްޓްރޭޓިވް ކަންތަކާ ގުޅޭ މަސައްކަތްތައް ކުރުމަށެވެ. ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ހަދީޖާ އަށް ވަނީ ގާތުން ފެނިފައެވެ. މުވައްޒަފުންގެ މަދުކަމާއެކު އޭރު ހުރިހާ ކަމެއްގައި އަމަލީގޮތުން ބައިވެރިވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ހަދީޖާ ވަނީ އެޗްޑީސީގެ މުނިސިޕަލް ޑިމާޓުމެންޓުގައި 2005 އިން 2015 އަށް މަސައްކަތް ކޮށްފައެވެ. 20 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ސުނާމީ ގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކުރި މަސައްކަތްތަކާއި ރޯހައިސް އެއްގައި އަލިފާން ރޯވި ހާދިސާއެއްގައި މީހުން ސަލާމްތަކުރުމަށް ކުރި މަސައްކަތަކީ އަދިވެސް ވަރަށް ހަނދާންވާ މަސަައްކަތްތަކެއް ކަމަށް އޭނާ ބުންޏެވެ.

ހަދީޖާ ސިފަކުރާގޮތުން އެޗްޑީސީގެ މަސައްކަތްތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ސީދާ ގުޅުންހުރި މަސައްކަތްތަކަކަށްވާއިރު ހުޅުމާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއް ފޯރުކޮށްދީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ އެޗްޑީސީގެ ޒިންމާއެވެ.

ހަސަން އަބްދުﷲ، ކާޕެންޓާ / ގްރީނިންގް އެންޑް ޕަބްލިކް އިންްފްރާސްޓްރަކްޗާ: ހަސަން އަބްދުﷲ އެޗްޑީސީ އާ ގުލުނީ 2002 ވަނަ އަހަރު ސަޕޯޓް ސްޓާފެއްގެ ގޮތުގަ އެވެ. ފަހުން ކުދިކުދި ކާޕެންޓްރީ މަސައްކަތްތައް ކުރަން ފަށައި، މަސައްކަތް ދަސްކޮށް އެ މަސައްކަތާ ގުޅުނެވެ. އެޗްޑީސީގެ ބޮޑެތި ޕްރޮޖެކްޓުތަކުގައި ހަސަން ވަނީ ކާޕެންޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ހުޅުމާލޭގެ ވެކްސިން ސްޓޯރޭޖުގެ މަސައްކަތާއި އެކި އެކި އެގްޒިބިޝަންތަކަށް ސްޓޯލް ފެބްރިކޭޝަންގެ މަސައްކަތް އޭނާ ވަނީ ކޮށްފައެވެ.

އެޗްޑީސީގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ހަސަން ބުނާގޮތުން އެންމެ ކުރީގައި މަސައްކަތަށް ދިމާވާ ދައްޗަކީ ބޭނުންވާ ސާމާނު ލިބުމުގައި ހުންނަ ދައްޗެވެ. އޭގެ ސަބަބުން މަސައްކަތްތައް ޑިލޭވެގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ލިބިފައިވާ ތަޖުރިބާ އާއި މަސައްކަތުގައި ބޭނުންކުރާ ސާމާާއި ޓެކްނޮލަޖީ އާއެކު މަސައްކަތް ހަލުވި ވެފައި ފަސޭހަވެއްޖެ ކަމަށް ހަސަން ބުންޏެވެ.

ހަސަން ސިފަކުރާގޮތުން ކުންފުނި އިތުރަށް ކުރިއަރައދިޔުމަށް މިހާރަށްވުރެވެސް ބޮޑަށްއެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

އަހުމަދު ޝަފީގު، މެނޭޖާ / ގްރީނިންގް އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ: ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރުމަށް ހުޅުލޭ ފަޅުތެރެ ސާވޭ ކުރުމުގެ މަސައްކަތުން ފެށިގެން އަހުމަދު ޝަފީގު ދަނީ އެޗްޑީސީ ގައި މަސައްކަތް ކުރަމުންނެވެ. އެންމެ ފުރަތަމަ ހުޅުމާލެ ހިއްކައި، މަސައްކަތް ފެށިއިރު ކަރަންޓައި ފެނާ ނުލައި މަސައްކަތުގައި އުޅެން ޖެހުނުކަމަށް އޭނާ ބުންޏެވެ. ޝަފީގު ވަނީ އެޑްމިނިސްޓްރޭޓިވް މަސައްކަތުން ފެށިގެން ގޮސް ހުލުމާލޭ ފެހިކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތައް އަދި މަގުބައްތި ހަރުކުުރުމުގެ މަސައްކަތްތައްވެސް ލީޑުކޮށްފައެވެ. އަދި އެޗްޑީސީގެ ޓްރާންސްޕޯޓު އެންޑް ކްލީނިން ޑިޕާޓުމެންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައި ވެއެވެ.

ގިނަ ބަޔަކަށް މަސައްކަތުގެ ތަމްރީނުދީ ޓްރެއިން ކޮށްދީފައިވާއިރު ޝަފީގަކީ އަމިއްލަ އިސްނެގުމުގެ މަތިން ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައިވާ މީހެކެވެ.

އެންމެ ފުރަތަމަ ހުޅުމާލޭގައި ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ކެންޓީނެއް ހުޅުވުމުގެ ކަންތައްތކަކީވެސް ޝަފީގުގެ އިސްނެގުމެވެ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމާއި ރޯހައުސް އެއގްގައ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކުރި މަސައްކަތް ޝަފީގުވެސް ފާަހަގަ ކުރެއެވެ.

ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ކާމިޔާބީ އަށް މުހިއްމު ކަމެއްގެ ގޮތުގައި ޝަފީގު ސިފަ ކުރެ އެވެ.

ހުސައިން އަލީ، ލޯންޗު ކެޕްޓަން / ޓްރާންސްޕޯޓް އެންޑް ކްލީނިން: ހުސައިން އަލީ އެޗްޑީސީ އާ ގުޅުނީ 2001 ވަނަ އަހަރު ކެޕްޓަން އެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އެޗްްޑީސީގެ މަސައްކަތާ ގުޅުން އިރު ހުޅުމާލެ އަކީ ހުސް ބިމެއް ކަމަށާއި ހުރީ ހަމައެކަނި މިސްކިތެއް ކަމަށް ހުސައިން ބުންޏެވެ.

ހުސައިން ބުނީ އެންމެ ފުރަތަމަ އޭނާ އެޗްޑީސީ އާ ގުޅުނުއިރު އޭނަ އާ ލައިގެން މަސައްކަތް ކުރަނީ ދެ ލޯންޗު ކެޕްޓަނުން ކަމަށާއި ކޮންމެ ދުވަހަކުވެސް މުވައްޒަފުން މާލެއިން ހުޅުުމާލެ އަށް ގެނެސް ގެންގޮސް ހަދާ ކަމަށެވެ. އޭނަ ބުނާގޮތުން އެޗްޑީސީ އަކީ މަސައްކަތް ކުރަން ފަސޭހަ މާހައުލެއް އޮތްތަނެކެވެ. ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ނުގެންގުޅޭ ކަމަށާއ ިއެކު މެނޭޖުމެންޓުތަކުގައި މަސައްކަތް ކުރި އިރުވެސް އެފަދަ ކަމެއް ކުރިމަތިނުވާ ކަމަށް ހުސައިން ބުންޏެވެ. އުމުރުން 18 އަހަރުން ފެށިގެން ކަނޑުމަތީ މަސައްކަތްކުރާ ހުސައިން ބުނީ ރާއްޖޭގެ ހިރިހާ ސަރަހައްދަކަށް ދަތުރުތައް ކުރެވިފައިވާ ކަމަށާއި މިހާރު އެންމެބޭނުންވަނީ ޒުވާނުންނަށް ދައިރާއިން ތަމްރީނުދިނުމަށް ކަމަށެވެ.

އިބްރާހިމް ޝަރުމީލް، ސީނިއާ އޮޕަރޭޝަންސް އޮފިސާ / ގްރީނިންގް އެންޑް ޕަަބްލިކް އިންފްރާސްޓްރަކްޗާ މެއިންޓެނަންސް: ޝަރުމީލް އެޗްޑީސީގެ މަސައްކަތާ ގުޅުނީ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައެވެ. އެރު ހުޅުމާލެ އަކީ ހުސް ބިމެކެވެ ގަހެއް އިމާރާތެއް ނެެތެވެ. ގުޅުމާލެ ފެހި ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ޝަރުމީލުގެ ހިއްސާ ބޮޑެވެ.

ވެމްކޯގެ އޮޕަރޭޗަންތައް ފެށުމުގެ ކުރިން ހޫޅުމާލޭގެ ކްލީނިން ޑިޕާޓުމެެންޓު ލީޑު ކުރީވެސް ޝަރުމީލް އެވެ. ހުޅުމާލޭގެ ޕަބްލިކް ސްޕޭސް ތަކާއި ޕާކުތައް އަދި ރަސް ފެހި ކުރުމުގެ މަސައކަތް ކުރަނީ ޝަރުމީލުގެ ބެލުމުގެ ދަށުންނެވެ.

ފުރަތަމަ ވަޒީފާގެ ގޮތުގައި އެޗްޑީސީ އާގުޅުނު ޝަރުމީލު އެދެނީ މުސްތަގުބަލުގައި އެޗްޑީސީ އަށް މިއަދަށްވުރެ ކާމިޔާބު މާދަމާއެކެވެ.

އެޗްޑީސީ އިން ވަނީ އެ ކުންފުންޏަށް 20 އަހަރު ވަންދެން ހިދުމަތް ކުރި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް އެވޯޑު ދީފައެވެ. އެވޯޑު ދީފައިވަނީ ކުންފުނީގެ އަހަރީ އާއި ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެޗްޑީސީގެ އުމުރުން 20 އަހަރު ވީއިރު އެ ކުންފުނި އުފެދުނީއްސުރެ ހިދުމަތުގައި ދެމިތިބި މި ނުވަ މުވައްޒަފުންވެސް ބުނާ ގޮތުން ކުންފުނިން މުވައްޒަފުންނާ ދޭތެރޭ ބަހައްޓާ ގާތްކަމާއި މަސައްކަތުގެ މާހައުލުގައި ލިބޭ ހިތްހަމަޖެހުމަކީ ކުންފުނީގެ ހިދުމަތުގައި ދެމިތިބުމުގެ އެއް ސިއްރެވެ.

comment ކޮމެންޓް