ދިރާގާއި ކެއާ ސޮސައިޓީއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޮމްޕިއުޓަރު ހުނަރު ދަސްކޮށްދެނީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓު (ވީޓީޔޫ)އަށް އެހީތެރިކަން ފޯރުކޮށްދޭން ދިރާގުން ނިންމައިފި އެވެ.

މިއަހަރުގެ ވީޓީޔޫ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ބޭސިކް ކޮމްޕިއުޓާ ހުނަރު ކުދިންނަށް ދަސްކޮށްދިނުމަށެވެ. އެގޮތުން ލެޕްޓޮޕް/ކޮމްޕިއުޓާ ގެންގުޅޭނެ ގޮތާއި މައިކްރޮސޮފްޓް ވޯޑް އަދި އެކްސެލް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރަން ދަސްކޮށްދޭނެ އެވެ.

މިވަގުތު ހަ ކުދިން ބައިވެރިވާ އެ ޕްރޮގްރާމު މިއަހަރު އިތުރަށް ފުޅާކޮށް، ކުދިންގެ އަދަދު އިތުރުކުރަން ވީޓީޔޫއިން ވަނީ ރާވާފަ އެވެ.

ކެއާ ސޮސައިޓީގެ ވީޓީޔޫ 2018ވަނަ އަހަރު ގާއިމުކުރި ފަހުން ދިރާގުން އަންނަނީ އެ ޔުނިޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ ކުރިން ވީޓީޔޫއިން ވަނީ ކުދިންނަށް ފެހުމާއި، ކްރާފްޓް އެންޑް ޑިޒައިން ފަދަ ހުނަރުތައް ދަސްކޮށްދީފަ އެވެ.

މިއަދު ބައިނަލްއަގްވާމީ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ޑައުންސިންޑްރޯމް ހުންނަ ކުދިންވެސް ބާކީ ނުކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި އެކުދިންނަށްވެސް ބައިވެރި ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދިރާގުން ދެކެ އެވެ.

comment ކޮމެންޓް