ގޭމަރުންނަށް ޢީދެއް: ދެހާހަށްވުރެ ގިނަ ބައިވެރިންނާއެކު ދިރާގު މޯލްޑިވްސް ގޭމިން ކޮންކެސްޓް، މިރޭ ފަށަނީ!

މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ގޭމިން ކޮންކެސްޓްގެ ތެރެއިން-- ފޮޓޯ: ދިރާގު

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކެސްޓް (ޑީއެމްޖީސީ) 2،000 އަށްވުރެ ގިނަ ގޭމަރުންނާއެކު މިރޭ ކަލާފާނު ސްކޫލުގައި ފަށާނެއެވެ.

މިރޭ ފަށާ މި މުބާރާތް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތުގެ ގޮތުގައި ދިރާގުން ސިފަކުރެއެވެ. މި ހާއްސަ އިވެންޓަކީ ހުރިހާ ފަރާތްތަކަށް ވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވައިގެން ކުރިއަށްގެންދާ ރާއްޖޭގެ ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަންނަ ބޮޑު ޢީދެކެވެ.

މި އިވެންޓުގައި މޯބައިލް، ޕީ.ސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކާއި، ގޭމިން ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ފެނިގެންދާނެކަމަށާއި އެގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް ގެ އިތުރުން ރޮކެޓް ލީގްގެ ފޯރިގަދަ ފައިނަލް މެޗުތައް ކުރިއަށްދާނެކަމަށް ދިރާގުން ބުނެއެވެ. މި ގޭމްތަކުގެ އިތުރުން އީ.އޭ ސްޕޯޓްސް އެފް.ސީ 27 އަދި ޓެކެންގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ.

މި މުބާރާތްތަކުގެ އިތުރުންވެސް، މި އިވެންޓުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ، ރޭސިންގ ސިމިއުލޭޓަރ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީ.އެންޑް.ޑީ)" ފަދަ ޝައުގުވެރި ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް ދިރާގުން ބުނެފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައިކަން ދިރާގުން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބޭނެއެވެ.

comment ކޮމެންޓް