އއ. ތޮއްޑޫ އައު އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
ސްޓެލްކޯއިން ބުނީ ތޮއްޑޫގައި އަޅާ އިންޖީނުގެއަކީ ފަސް މެގަވޯޓުގެ ކެޕޭސިޓީއެއް ހިމެނޭ އިންޖީނުގެއެއް ކަމަށެވެ. މިހާރު އެރަށުގައި ބޭނުންކުރަމުން އަންނަނީ 810 ކިލޯވޮޓުގެ އިންޖީނުގެއެކެވެ.
ތޮއްޑޫގެ އައު އިންޖީނުގެ އިމާރާތްކުރަނީ ކަސްޓަމާ ސާވިސް އިމާރާތަކާވެސް އެކުގަ އެވެ.
އެގޮތުން އެ އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުން ތަމްރީން ކުރުމަށާއި ބައްދަލުވުންތައް ބޭއްވުމަށެވެ.
މީގެ އިތުރުން ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވަނީ އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށެވެ.
ހަމައެއާއެކުންޖީނުގެ އަކީ އަޑުމަޑު ތަނަކަށް ހެދުމަށް ނިންމާފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް ވެސް އެ އިމާރާތުގައި ހަރުކުރުމަށް ވަނީ ރާވާފަ އެވެ.
ސްޓެލްކޯއިން ތޮއްޑޫގެ ކަރަންޓުގެ ހިދުމަތާ ހަވާލުވުމުގެ ކުރިން އެ ރަށުގައި އެ ހިދުމަތް ދެމުންދިޔައީ އެ ރަށުގެ ކްލަބު ޖަމިއްޔާ ފޯރީގައި، ދެ ޖަމިއްޔާއަކުން ހިންގަމުންދިޔަ ދެ އިންޖީނުގެއެކުންނެވެ.
ދެ ޑިސްޓްރިބިއުޝަން ވިއުގައެއްގެ ގޮތުގައި އެ ހިދުމަތް ދެމުންދިޔައިރު، އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ހިސާބުތަކުގަ އެވެ. ސްޓެލްކޯއިން އެރަށުގެ ކަރަންޓުގެ ހިދުމަތާއި ހަވާލުވެ، އެރަށުގެ އާންމުން ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެންމެ މަގަތުގައި ހުރި އިންޖީނުގެ އުވާލުމަށްފަހު ދެވަނައަށް ހިންގަމުން އައި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރި އެވެ.
ސްޓެލްކޯއިން ބުނީ މާލެއާއި އެއްހަމައެއްގައި ރަށްރަށުގައި ހިދުމަތް ދިނުމަށްޓަކައި ތަފާތު އައު ވިސްނުންތަކެއް އެކުންފުނިން އަބަދުވެސް ގެންގުޅެމުން އަންނަ ކަމަށެވެ.
ތޮއްޑޫއަކީ އާބާދީ ބޮޑު، ބިން ތަނަވަސް އަދި ދަނޑުވެރި ރަށެއްގެ އިތުރުން ލޯކަލް ޓުއަރިޒަމްއަކީވެސް އެރަށުގައި ފައްކާވަމުން އަންނަ ސިނާއަތެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ އައު އިންޖީނުގެއާއެކު ތޮއްޑޫއަށް އިތުރު ކުރިއެރުމާއި ފާހަގަތިކަން ލިބި، ކަރަންޓުގެ ދާއިރާއިން އައު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.