ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 14 އަހަރަށް ޖަލަށް

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ތަކުރާރުކޮށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 50 އަހަރުގެ ފިރިހެނަކު 14 އަހަރަށް ޖަލަށް ލާން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުން 14 އަހަރުގެ ޖަލު ހުކުމެއް އިއްވީ އދ. ދިގުރަށު ކަނީރުވިލާ ހުސައިން ޔަހްޔާ އަށެވެ.

އޭރު އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާއާއަށް ޔަހްޔާ އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައި ވަނީ 2014 އާއި 2015 އާ ދެމެދު އެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ދިގުރަށު ކޯޓުން ނިންމާފައިވަނީ ޙުސައިން ޔަޙްޔާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އޭނާއަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

comment ކޮމެންޓް