އޮކްޓޫބަރުގައި ކުޑަކުދިންނަށް އިހުމާލުވުމުގެ 34 މައްސަލަ ހުށަހެޅި

އޮކްޓޫބަރުގައި ޗައިލްޑް ހެލްޕްލައިނަށް 1650 ކޯލް ލިބިފައިވޭ، 36 ކުޑަކުދިން އަމިއްލައަށް ގުޅާފައިވޭ

ނިމުނު އޮކްޓޫބަރުގައި ކުޑަކުދިންނަށް އިހުމާލުވުމުގެ 34 މައްސަލަ ހުށަހަޅައިފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެވުޒާރާއިން މިއަދު ނެރުނު ތަފާސް ހިސާބުން ދައްކާގޮތުގައި އެ މަހު، ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2105 ކޯލު ވަނީ ލިބިފައެވެ.

އެގޮތުން، އެ ވުޒާރާގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1650 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 36 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1356 ކޯލު ބޮޑެތި މީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 258 ކޯލު ލިބިފައިވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ހަމަ އެހެންމެ، އެ ވުޒާރާގެ ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 455 ކޯލު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޮކްޓޫބަރު މަހުގެ އިތުރު ތަފާސް ހިސާބަށް ބަލާއިރު، ކުޑަކުދިންނަށް އަނިޔާކުރުމުގެ ތަފާތު 101 މައްސަލައެއް ވަނީ މިނިސްޓްރީއަށް ރިޕޯޓްކޮށްފައެވެ.

އޮކްޓޫބަރުގައި އެ ވުޒާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން، މި ބާވަތުގެ 34 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 23 މައްސަލައެއް އޮކްޓޫބަރު މަހު މި ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ ހަ މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 17 މައްސަލައެކެވެ.

ހަމައެހެންމެ، މީގެ ތެރޭގައި ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލައެއް އެވުޒާރާއަށް ހުށަަހަޅާފައިވެއެވެ.

އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ، އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ އެއް މައްސަލަ އަދި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 48 މައްސަލައެކެވެ.

https://sun.mv/213260

ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް