ސްވިޒަލޭންޑުގެ އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރަން ވޯޓު ދީފި

ސްވިޒަލޭންޑުގެ އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރަން އެގައުމުގެ ރައްޔިތުން ވަނީ ވޯޓު ދީފަ -- ފޮޓޯ: އޭއެފްޕީ

ބާން (މާޗް 8): ސްވިޒަލޭންޑުގެ އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރަން ފެންނަ ކަމަށް އެގައުމުގެ ރައްޔިތުން އިއްޔެ ވޯޓު ދީފި އެވެ.

ސްވިޒަލޭންޑުގެ މަގުތަކާއި ފިހާރަތަކާއި ރެސްޓޯރެންޓުތަކުގައި އެއްކޮށް މޫނު ފޮރުވުމާ ބެހޭ ގޮތުން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި، މޫނު ފޮރުވުން މަނާ ކުރުމަށް 51.2 ޕަސެންޓު މީހުން ވޯޓު ދިނެވެ. އަދި މަނާ ކުރުމާ ދެކޮޅަށް 48.8 ޕަސެންޓު މީހުން ވޯޓު ދިނެވެ. އެހެންކަމުން އެ ގަވާއިދު ތަންފީޒު ކުރުމަށް ބެހޭ ގާނޫނު ކުރިއަށް އޮތް ދެ އަހަރު ތެރޭ އެގައުމުން އެކުލަވާލަން ޖެހޭނެ އެވެ.

އެ ގަވާއިދުން އިސްތިސްނާ ވާނެ ހާލަތްތަކަކީ އަޅުކަން ކުރާ ތަންތަނާއި ކާނިވާ ފަދަ ހަރަކާތްތަކުގައި މޫނު ފޮރުވުމެވެ. އަދި ކޮވިޑް-19 ފަދަ ސިއްހީ ހާލަތްތަކުގެ ސަބަބުންވެސް މޫނު ފޮރުވުން ހުއްދަ ވާނެ އެވެ.

ސްވިޒެލޭންޑުގެ ސަރުކާރާއި ޕާލިމެންޓުން ވަނީ އަންހެނުން ހެދުން އަޅާ ގޮތް ނިންމާނީ ދައުލަތުން ނޫން ކަމަށް ބުނެ އެ ވޯޓާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އެ ގަވާއިދުގެ ބަދަލުގައި، މޫނު ފޮރުވޭ ގޮތަށް ހެދުން އަޅާ މީހުންނަކީ ކޮން ބަޔެއްކަން ދެނެގަންނަން ޖެހޭ ހާލަތްތަކުގައި އެމީހުންގެ މޫނު ދައްކަން އަންގާ ގަވާއިދެއް ފާސް ކުރުން ރަނގަޅު ކަމަށް ބުނެފަ އެވެ.

އެ ވޯޓު ނަގަން ހުށަހެޅީ ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ސްވިސް ޕީޕަލްސް ޕާޓީ (އެސްވީޕީ)އިންނެވެ. އަދި އެ ވޯޓުގައި އެއީ މޫނު ބުރުގާ އެޅުން މަނާ ކުރާ ގަވާއިދެއް ކަމަށް ބުނެފައި ނުވި ނަމަވެސް، އެ ވޯޓަށް ކެމްޕޭން ކޮށްފައި ވަނީ "ހައްދުފަހަނައެޅުން ހުއްޓުވަން ޖެހޭ" ކަމަށް ބުނާ ސްލޯގަންތަކާއި މޫނު ބުރުގާ އަޅާފައިވާ އަންހެނުން ފެންނަ ޕޯސްޓަރުތަކާ އެކު އެވެ.

ސްވިޒަލޭންޑުގެ މުސްލިމް ގުރޫޕްތަކުން ވަނީ އެ ގަވާއިދަށް ފާޑު ކިޔާފަ އެވެ. އަދި އެއީ މުސްލިމުންނާ މެދު އޮތް ގާނޫނީ ތަފާތު ކުރުންތައް ފުޅާކޮށް، މުސްލިމުން އެކަހެރި ކުރުމަށް އެޅި ފިޔަވަޅެއް ކަަމަށް ސެންޓްރަލް ކައުންސިލް އޮފް މުސްލިމްސް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ ވޯޓާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ސްވިޒަލޭންޑުގެ 8.6 މިލިއަން މީހުންގެ އާބާދީގައި މުސްލިމުން ހިއްސާ ކުރަނީ އެންމެ ފަސް ޕަސެންޓެވެ. އަދި އެގައުމުގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެގައުމުގައި މޫނު ބުރުގާ އަޅަނީ އެންމެ 30 ވަރަކަށް އަންހެނުންނެވެ. އޭގެ ތެރޭގައި ލޯ ފޮރުވޭ ގޮތަށް މޫނު ބުރުގާ އަޅާ އެއްވެސް މީހަކު ނުހިމެނެ އެވެ.

comment ކޮމެންޓް