ބަތުގެ ރަހަ ނެރުން، ޝެފް މޯޑުއާ އެކު

ބަތް ކެއްކުން 101 ޗެފް މޯޑު އާއި އެއްކޮށް!

ދިވެހި ބަދިގެއެއްގައި އެންމެ ގިނައިން ބޭނުންކުރެވޭނެ، އަދި ތައްޔާރުކުރެވޭނެ އެއްޗަކީ ހަނޑޫ ނުވަތަ ބަތެވެ. އެހެންނަމަވެސް ބަތް ކެއްކުމުގެ މި ޕްރޮސީޖާއަކީ ތަފާތު ގޭބިސީތަކުގައި ތަފާތު އެކި ގޮތްގޮތަށް ކުރަމުން އަންނަ ކަމެކެވެ. އަދި މިކަމާ ގުޅޭ ތަފާތު އެތަކެއް 'ތޯތޯ' ވާހަކަ ވެސް އެބަހުއްޓެވެ. މިފަހަރު މި ގެނެސްދެނީ މުޅީން އަލަށް ބަދިގެއަށް ވަންނަ ފަރާތްތަކަށް ވެސް ނިކަން ފުރިހަމައަށް ބަތް ކައްކާލެވޭނެ މުހިންމު ބައެއް ބޭސިކް ކަންކަމެވެ.

މި ކަންކަން 'ސަން' އާ ހިއްސާ ކޮށްދެއްވީ ޝެފް މުހައްމަދު އާދަމް ނުވަތަ އަހަރެމެން އެންމެންގެ ވެސް ފޭވަރިޓް ޝެފް މޯޑެވެ. ކަލިނަރީ ދާއިރާގައި ފާއިތުވެދިޔަ 20 އަހަރުގެ ތަޖުރިބާއާއި އެކު މިއަދު އޭނާއަކީ ދިވެހި ރަހަތަކަށް ހާޢްސަ ޝެފެކެވެ.

މުހައްމަދު އާދަމް، ޝެފް މޯޑު،38 --- ފޮޓޯ: އިފާޒް/ސަން

ފެންގަނޑު ސާފުވަންދެން ހަމަ ހަނޑޫ ދޮންނަންޖެހޭތަ؟

ބަތް ކެއްކުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ހަނޑޫ ދޮވުމެވެ. އެމީހަކަށް ކަމުދާ ބާވަތެއްގެ ނުވަތަ ބްރޭންޑެއްގެ ހަނޑުލަކުން ކައްކަން ބޭނުންވާ މީހުންގެ އަދަދަށް ބަލާ މިނެކިރާ ފަށަންވީ ހަނޑޫ އެތި ދޮވުމެވެ.

އެއްބަޔަކަށް މިއީ ސިކުނޑި ސުމަކަށް ދާވަރުގެ ކަމެކެވެ. ހާސްނުވާށެވެ. ހަނޑޫ ދޮވެ ކެއްކުމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަދި އެކި ސަގާފަތްތަކުގައި ވެސް އެކިގޮތްގޮތަށް ކުރަމުން އަންނަ ކަމެކެވެ. ފުރަތަމަ ކަމަކީ މިކަމުގައި ކިރިޔާވެސް ހަނޑޫތައް ދޮވެވިއްޖެ ނަމަ އެއޮތީ އެދެވޭ ވަރެއް ހަމަ ހާސިލް ވެފަ އެވެ.

ވިއެޓްނާމަށް އުފަން ޝެފް އަދި ލިޔުންތެރިއެއްކަމުގައިވާ އެންޑްރިއާ ނުވިން ވިދާޅުވާ ގޮތުގައި ކިތަންމެ ވަރަކަށް ހަނޑޫތައް ދޮވުނަސް ފެންހާ ސާފެއް ނުވާނެ އެވެ. އެހެންނަމަވެސް ފުރަތަމަ ހަނޑޫ ފެނަށްލުމުން އެހުންނަ ކިރުކަމާއި ނުސާފުކަން ކޮންމެވެސް ވަރަކަށް ފިލައިގެން ދާނެ އެވެ.

އެހެންކަމުން ހަނޑޫ ދޮންނަން މިޖެހެނީ އެ މިލަ ހުދުކުލަ ފެންގަނޑުން ކޮންމެވެސް ވަރަކަށް ފިލައިގެން ދާވަރަށެވެ. އަދި އެއަށް ފަހު ފުރޭންޏަކުން ހަނޑޫތައް ނަގައިގެން ކައްކަން ބޭނުންވާ ތެއްޔަކަށް އެޅިދާނެ އެވެ.

އަހަރެމެން ދިވެހިންނަކީ ކެއްކުން ފަދަ ކަންކަމުގައި ސާފުތާހިރުކަމަށް ނުހަނު އަހަންމިއްޔަތުކަން ދޭ ބަޔަކަށް ވާއިރު ރަނގަޅަށް ފެންގަނޑު ސާފުވާވަރަށް ދޮވުމަށް ގިނަބަޔަކު މަސައްކަތްކުރެއެވެ. ޝެފް މޯޑު ބުނާ ގޮތުގައި، ދިިވެހިންނަކީ ފެން ހިންދައިގެން ބަތް ކައްކާ ބަޔަކަށް ވުމާއެކު، ރަނގަޅަށް ހަނޑޫ ދޮވެލުމަކީ މުހިންމު ކަމެކެވެ. މިގޮތުން އެންމެ ފަސޭހަވާނީ ހަނޑޫތައް ދޮވުމުގެ ކުރިން ކުޑަ ގޮދަން ފުށްކޮޅެއް ހަނޑޫކޮޅަށް އަޅާލުމަށް ފަހު ދޮވުމެވެ.

ފެން އަޅަންވީ ވަރު---

ބަތް ކައްކާއިރު ފެންއަޅަން ޖެހެނީ ކިހާވަރަކަށް؟

މިއީ ވަރަށް އެހެންކަހަލަ ސުވާލަކަށް ވެސް ވެދާނެ އެވެ. ދެމީހެއް އިނދެގެން ފުރަތަމަ އެއްކޮށް އުޅޭ ދުވަސްކޮޅުގައި ފިރިމީހާއަކީ ނިކަން ޗަސްކޮށް ބަތް ކާން ބޭނުންވާ މީހަކަށްވެދާނެ އެވެ. އަދި އަނބިމީހާއަކީ ތަންކޮޅެއް ހަރުކޮށް ބަތްކާން ބޭނުންވާ މީހަކަށް ވެދާނެ އެވެ. މި ހާލަތުގައި ދެން ބަތް ކައްކާއިރު ފެން މިން ކުރާނެ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ވިސްނޭނެ ހެނެއް ހިޔެއް ނުވެ އެވެ. ކޮންމެއަކަސް އާންމު މިންގަނޑުން ބަލާއިރު މިކަމުގައި އަހަރެމެންނެއް 'މެޝަރިން ކަޕްސް'ތަކެއް ބޭނުމެއް ނުކުރެއެވެ. ހުރިހާ ވެސް އެއްޗަކީ އަތްތިލައެވެ.

"އަތް ގޮށްމުށް ކަވާލީމަ ފެންނަން މިހުންނަ ކަށިތައް، ނޫނީ އިނގިލީގެ މެދުބައި، ބަތްއެއްޗަށް ފެން އަޅާލީމަ އެހާ ހިސާބަށް ފެންތައް ހުރިއްޔާ އެހުރީ ރަނގަޅަށް. ޗެފްމެން ވެސް އާންމުކޮށް ގެންގުޅެނީ ހަމަ އެ މިންްގަނޑު" ޝެފް މޯޑު ބުންޏެވެ.

ނޫންނަމަ ބައެއް މީހުން ބުނާ ގޮތުގައި ހަނޑޫ އަޅާ މިންވަރެެއްގެ ދެގުނަ ފެން އެޅުމުން ވެސް ރަނގަޅުވާނެ އެވެ.

ބަތް ކައްކާއިރު ކިރު އަޅަނީ--

ތެލާއި ކިރު ކޯއްޗެއް ކިހާ ވަރަކަށް؟

އަނެއްކާ ވެސް ހުއްޓުމެއް އައިސްފި ދޯ އެވެ. އެއްބައި މީހުންނަށް ކަމުދަނީ ބަތް ކައްކާއިރު އާދައިގެ ކުޑަ ތެޔޮކޮޅެއް އަޅާލުމުންނެވެ. އަނެއްބަޔަކަށް ބަތް ކައްކާނަމަ ކާށި ކިރަކީ ހަމަ ކޮންމެހެން ވެސް ހުރުން މަޖުބޫރު އެއްޗެކެވެ.

ހަގީގަތުގައި ތެޔޮ ނުވަތަ ކިރުވިޔަސް ބަތް ކައްކާއިރު މި އަޅަނީ ބަތް އެތި އޮލަވުމުން ދުރުކޮށްދީ ހަނޑޫ ފުއްތައް ވަކިވަކި ކުރުމަށްޓަކަ އެެވެ. ދެ ލާހި ހަނޑުލަށް އާދައިގެ މޭޒުމަތީ ސަމްސަލެއްގެ ދެ ސަމްސާ ތެޔޮ އެންމެ ރަނގަޅުވާނެ އެވެ. ނޫންނަމަ ކާށިކިރު، ކާށިކިރު ޕައުޑަރު ނުވަތަ ކާށިކިރު ކްރީމްވެސް ބޭނުންކުރެވިދާނެ އެވެ. އެއާއެކު ކުޑަ ލޮނުކޮޅެއް ވެސް އަޅައި ރަހަ ހެޔޮވަރުކުރުން މުހިންމެވެ. ރަހަ ހެޔޮވަރުކުރުމުގައި އެއްބަޔަކު ކަންކުރާ ގޮތަކީ ލޮނު އެޅުމަފަހު ބަތް އެތި އުނދާލުމުގެ ކުރިން ފެނުގެ ރަހަ ބަލާލަނީ އެވެ. ލޮނު ރަހަ ރަނގަޅަށް ލާނަމަ އެ މިން ހަމަވީވެ އެވެ. ޝެފް މޯޑު އަށް ބަތް ކައްކާއިރު އެހާ ބައިވަރު ލޮނު އެޅުމެއް ކަމަކު ނުދެއެވެ. އެހެންނަމަވެސް ކުޑަ އެހީތެރިކަމެއް ދިނުމުގެ ގޮތުން ޝެފް ބުނީ އިނގިއްޔެއްގެ ފުރަތަމަ ބަޔަށް ވާވަރަށް އަތުން ނަގައި ލޮނު އެޅުމުން އާދައިގެ ބަތް އެއްޗަކަށް ލޮނު ހެޔޮވަރުވާނެ ކަމަށެވެ. މިކަމުގައި އަސްލު ލޮނު ހެޔޮވަރުވުން ބިނާވާނީ އެބައެއްގެ އަމިއްލަ "ޓޭސްޓް ބަޑް" އަށެވެ.

އުނދުން މަތީގައި ބަތް ކައްކަނީ--

ކުކަރުގައި ކެއްކުމާއި އުނދުން މަތީގައި ކެއްކުން؟

މިހާ ހިސާބަށް އައިއިރު ހަމަގައިމު ވެސް ޝެފް މޯޑުގެ ކިބައިގައި ދިވެހި ސަގާފަތާއި އިހުޒަމާނުގެ ހާޢްސަ އާދަކާދަތަކަށް ހުރި ލޯބި އަހަރެމެން އެންމެނަށްވެސް އޮންނާނީ އެނގިފައިކަން ޔަގީނެވެ. ބަތް ކެއްކުމަށްޓަކައި ޝެފަށް އެންމެ ކަމުދަނީ ކޮން ގޮތެއްގޯ އަހާލުމުން ހިނިގަނޑަކާއި އެކީގައި ޝެފް ބުނީ އިހުގެ ދަރު އުނދުނެއްގައި ކައްކާ ބަތް ތަވާއެއްގައި ލާ މީރު ރަހަ އެހެން އިތުރު ގޮތަކަށް ނުލާނެ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ މި ޒަމާނީ ދުނިޔޭގައި މިއީ ތަންކޮޅެއް އުނދަގޫ ކަމެއްތާ އެވެ. އެހެންކަމުން މިފަހަރު އިޚްތިޔާރުކުރަން މިޖެހެނީ ކުކަރެއް ނުވަތަ ގޭސް އުނދުނެކެވެ.

"އުނދުނުން ކެއްކުމާއި ކުކަރުން ކެއްކުމުގައި މައިގަނޑުގޮތެއްގައި ސަމާލުކަން ދޭންމިޖެހެނީ އުނދުނުގައި ކެއްކީމަ ވަރަށް ފަސޭހައިން ފުލުގައި ހިފާނެ. އެކަމަކު އެ ބިރެއް ކުކަރުން ކައްކާނަމަ ނޯންނާނެ. ދެން ކުކަރުން ކައްކާއިރު، ވަރަށް މަދު ބާވަތްތަކެއްގައި ނޫނީ ހުރިހާ ސްޓީމެއް ބޭރެއް ނުވާނެ. އެކަމަކު އުނދުންމަތީގައި ނަމަ އެ ހުރިހާ ވަހަކާއި ރަހައެއް އެބަ ބޭރުވޭ. އެހެންވީމަ ބަތްއެތިވެސް މާ މީރުވާނެ." ޝެފް މޯޑު ވިދާޅުވި އެވެ.

އަދި ހަމައެޔާ އެކު ފުރަތަމަ ބަތްކައްކާއިރު އާދައިގެ ގަދަ ގިނީގައި ކެއްކުމަށް ފަހު ފެންތައް މަތިން ހިނދޭވަރުވުމުން މަޑު ގިނީގައި ކެއްކުމަކީ ވެސް ބަތުގެ ރަހަ އިތުރަށް މީރުކޮށްދޭ ކަމެއްކަމަށް ޝެފް ވިދާޅުވި އެވެ.

ބަތް އެތި ދުންގަނެއްޖެނަމަ ދެން ކިހިނެއް ހަދާނީ؟

ވަރަށް މަސައްކަތް ކުރެވިއްޖެތާ ދޯ އެވެ. އެހެންނަމަވެސް ފަހު ވަގުތު އުނދުންމަތީ ހުރި ހުރި ބަތް ތަވާ މަތިން ހަނދާން ނެތި ކުޑަކޮށް ދުންގަނެއްޖެނަމަ އެކަމުގެ ހައްލުވެސް ޝެފް މިއޮތީ އަހަރެމެންނަށްދީފަ އެވެ. ޝެފް ބުނާ ގޮތުން ދުންރަހައެއް ބަތުގައި ލާހެން ހީވާނަމަ ތެލި އުނދުންމަތިން ވީހާވެސް އަވަހަށް ނަގައި، އެއަށްވުރެ ބޮޑު ތެއްޔަކަށް ފެން އަޅައި އޭގެ ތެރޭގައި ބަހައްޓާށެވެ. އަދި މެދަށް ދަގަނޑު ސަމްސަލެއް ޖަހާފައި ބެހެއްޓުމުން ދުންރަހަ ފިލައިގެން ދާނެ އެވެ.

އެހެންނަމަވެސް ވަރަށް ބޮޑަށް ދުންގަނެ ނުކެވޭ ވަރުވެއްޖެނަމަ ދެންޖެހޭނީ ހަމަ ބަތްތައް އުކާލާށެވެ. ހަމައެޔާއެކު ޝެފް މޯޑު ދިން އެންމެ މުހިންމު އެއް ނަސޭހަތަކީ ބަތް ކައްކާ ނިމުމުން މަތިޖަހާފައި އެހުރި ގޮތަކަށް ނުބަހައްޓާ 10 މިނިޓު ވަންދެން މަތި ނުޖަހާ ބަހައްޓާއި އަދި ދެތިން ފަހަރެއްގެ މަތިން ރަނގަޅަށް ބަތްތައް ހާކާލުމެވެ.

އެކި ބްރޭންޑްތަކުގެ އަދި އެކި ބާވަތްތަކުގެ ހަނޑޫ މިހާރު ބާޒާރުން ލިބެން ހުރިއިރު މިފަދަ އެކި ބާވަތްތައް ކެކޭ ސްޕީޑުގައި އަދި މަޑުވުމުގައި ވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުންނާނެކަން ވިސްނުމުގައި ބަހައްޓަންވާނެ އެވެ.

މުޅިން އަލަށް ބަދިގެއަށް ވަންނަ ފަރާތަކަސް، ކެއްކުމުގައި ބޭނުން ވަނީ ހަމަ ކުޑަކުޑަ ހިތްވަރެކެވެ. ޝެފް މޯޑު ބުނާގޮތުގައި ޕެޝަންއާއި ޝައުގާއި އެކީ ކޮށްފިނަމަ ބަތްކޮޅެއް ކައްކާލުމަކީ ހަމަ އެއްވެސް ކަމެއް ނޫނެވެ.

comment ކޮމެންޓް