ފާރޫޤު ޙަސަންގެ "ވޯޓުގެ ޝަރުޢީ ހައިސިއްޔަތު" އަށް ނަޒަރެއް

އޭޕްރީލް 9، 2019: ރައްޔިތުން މަޖިލީސް އިންތިހާބްގެ ދެ ދާއިރާއެއްގެ ވޯޓް ފޮށި އަލުން ގުނުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ބަހުން އެންމެ ގިނަ ފޮތްތައް ޝާއިޢު ކުރެއްވި އެއް ބެއިފުޅެއް ކަމަށް ވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން "ވޯޓުގެ ޝަރުޢީ ހައިސިއްޔަތު" މި ނަމުގައި ލިޔުއްވައިފައި ވާ ފޮތުގެ މައްޗަށް ކަޅިއެއް ހިންގައިލުމުން، އަޅުގަނޑަށް ފާހަގަ ކުރެވުނީ އެ ފޮތަކީ ހުރިހައި ގޮތަކުން ވެސް ދިވެހި ގައުމަށް މި ދަނޑިވަޅު މުހިއްމު ފޮތެއް ކަމެވެ. އަދި އެ ފޮތަކީ ދިވެހި އިލްމީ އަލަމާރިޔަށް އިތުރު ވެގެން ދާ ވަރަށް ބުރަދަން ބޮޑު މަސައްކަތެއް ކަމެވެ. އަތަށް ލުއި ފޮތެއް ކަމަށް ވުމާ އެކު ވެސްމެއެވެ.

ހަތްދިހަ ވަރަކަށް ސަފުހާގެ މައްޗަށް އެކުލެވޭ "ވޯޓުގެ ޝަރުއީ ހައިސިއްޔަތު" މި ފޮތުގެ އަސްލަކީ ޕާކިސްތާނުގެ މަޝްހޫރު ސިޔާސީ ލީޑަރު، ދީނީ އިލްމުވެރިޔާ، އަދި މުގައްރިރު މައުލާނާ ކައުޘަރު ނިޔާޒީ ދެއްވި ހުކުރު ޚުޠުބާއެކެވެ. ފޮތުގެ ތައާރަފުގައި ފާރޫޤު ވިދާޅުވެފައި ވާ ފަދައިން، ޚުޠުބާ ތަރުޖަމާ ކުރައްވައިފައި ވަނީ މައުލާނާ ނިޔާޒީގެ ތަގުރީރުތައް އެއް މަޖުމޫއާއެއްގެ ގޮތުގައި ޝާއިއު ކުރެވުނު ފޮތެއް ކަމަށް ވާ "އަންދާޒެ ބަޔާން"ގެ އަސްލުންނެވެ. ފޮތުގެ ތައާރަފުގައި ފާރޫޤު ވަނީ މައުލާނާ ނިޔާޒީގެ ކުރު ތައާރަފެއް ވެސް ދެއްވައިފައެވެ. އެ ތައުރީފުން އެކަނި ވެސް މައުލާނާ ނިޔާޒީ އަކީ މި ޒަމާނުގައި އިސްލާމީ އުއްމަތް ދެކެފައި ވާ އެންމެ މުހިއްމު އެއް އެޕިސޯޑުގެ އެންމެ މުހިއްމު އެއް ސިކުނޑިކަން އެނގެއެވެ. އެ އެޕިސޯޑަކީ މުސްލިމުންނަށް ޚާއްސަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ޕާކިސްތާން އުފައްދައި، ހަރުދަނާ ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކަކާއި، ހެޔޮ އިޖުތިމާޢީ ބުންޔާދެއްގެ މަތީގައި އެ ދައުލަތް ގާއިމު ކުރުމުގެ މުހިއްމު މަސައްކަތެވެ. އެހެންކަމުން، ވޯޓާއި އިންތިޚާބާ ބެހޭގޮތުން މައުލާނާ ނިޔާޒީ ފަދަ ބެއިފުޅެއްގެ ބަސްފުޅަކީ ކޮންމެހެން ވެސް އަޑު އަހައިލުން މުހިއްމު ބަސްފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ.

ފޮތުގައި އެންމެ ފުރަތަމަ ފާހަގަ ކުރައްވައިފައި ވާ ނުހަނު މުހިއްމު ނުކުތާޔަކީ "މިހާރަކަށް އައިސް އެކިއެކި ހީލަތްތަކާއި މަކަރުވެރި އުކުޅުތަކުން ޝައިތާނީ އަމަލެއް ކަމުގައި" ހަދައިފައި ވާ، އަދި މަކިޔާވޭލިޔަން ކުޅިގަނޑަކަށް ވެފައި ވާ ސިޔާސީ އިންތިޚާބުތައް އިސްލާމް ދީނުގެ މަތިވެރި ޝަރީއަތުގެ ރިވެތި އުސޫލުތަކާއި އަޚްލާގީ އަސާސުތަކުގެ މަތީގައި ކުރިޔަށް ގެންދެވިއްޖެއްޔާ، އެއީ "ރައްބާނީ ނުވަތަ ރަޙުމާނީ ކަމަކަށް" ހަދައިލެވިދާނޭ ކަމެވެ. އިންތިޚާބާއި ވޯޓަކީ ގައުމާއި ރައްޔިތުންގެ މުސްތަގުބަލަށް ޓަކައި ހެޔޮކަމުގެ އުއްމީދާއި ޚަބަރުގެ ވަސީލަތަކަށް ހަދައިލެވިދާނޭ ކަމެވެ. މައުލާނާގެ ނަޒަރުގައި އެކަން ކުރެވޭނީ އިސްލާމް ދީނުގެ އިލްމުވެރީންނާއި ހެޔޮކަމުގެ އަހުލުވެރީން އިންތިޚާބުތަކާއި ވޯޓުގެ މަރުހަލާތަކާއި ކަންކަމުގައި އިސް ދައުރެއް އަދާ ކުރައްވައިގެންނެވެ. އިންތިޚާބަކީ "ދުނިޔަވީ ކޯޅުންގަނޑެއް" ކަމަށް ބެއްލެވުމުގެ ބަދަލުގައި އެއީ ދީނާ ގުޅި ލާމެހިފައި ވާ ކަމެއް ކަމަށް ދެކެވަޑައިގެން، އެކަމުގައި ދީނީ ޢިލްމުވެރީންނާއި "މާތްﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ ހެޔޮލަފާ" މީހުން ވާޖިބު އަދާ ކޮށްގެންނެވެ.

ވޯޓުގެ ހައިސިއްޔަތާ މެދު މައުލާނާ ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓަކީ އަމާނާތެކެވެ. ހެކި ދިނުމަކާއި ވަކާލާތު ކުރުމެކެވެ. ސަކާ ކުރުމެކެވެ. އޭނާ ވިދާޅުވަނީ "ދީނާއި ގައުމަށް ޓަކައި އަދާކުރާން ޖެހޭ ވަރަށް ބޮޑު، ވަރަށް ބުރަދަންހުރި އަމާނާތެއް" ކަމަށެވެ. އެހެންކަމުން "ޤައުމާއި ދީނުގެ އިޖުތިމާޢީ ފައިދާ އާއި މަސްލަހަތަށް ބެލުމެއް ނެތި، ތިމާގެ އަމިއްލަ އެދުމަށް އެ އަމާނާތުގެ ބޭނުން ކުރުމަކީ އެކަކަށް ވެސް ލިބިގެންވާ ހައްގެއް ނޫން" ކަމަށެވެ. މި ގޮތުން ދައްކަވައިފައި ވާ ވާހަކަފުޅުގައި މައުލާނާ ވަނީ ގާތް މީހުންނަށް ވޯޓު ހަދިޔާ ކުރުމާއި، ފައިސާޔާއި މާލީ އަދި ދުނިޔަވީ އެހެން ވެސް ފައިދާތަކަށް ޓަކައި ވޯޓު ވިއްކުމަކީ ވަރަށް ބޮޑު ގޯހެއް އަދި ޚިޔާނާތެއްކަން ބަޔާން ކުރައްވައިފައެވެ. ވޯޓަކީ ހެކިބަސް އަދާ ކުރުމެއް ކަމަށާއި، ކޮންމެ މީހަކު ވެސް ދޭ ވޯޓަކީ އެ މީހަކުގެ ވޯޓުން "އާނއެކޭ" ބުނާ މީހަކީ އެ މީހަކު އިންތިޚާބު ކުރެވޭ މަގާމެއްގެ މަސްއޫލިއްޔަތުތަކުގެ އަމާނާތް އުފުލުމުގެ ގާބިލިއްޔަތު ހުރި މީހެއް ކަމަށް ދެވޭ ހެކިބަހެއް ކަމަށް އޭނާ ވިދާޅުވެއެވެ. އެހެންކަމުން، "ނާޤާބިލު، ނުބައިނުލަފާ މީހަކަށް" ވޯޓު ދިނުމަކީ ދޮގުހެކި ދިނުން ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ހަމައެހެންމެ، ވޯޓު ދިނުމަކީ ސަކާ ކުރުމެއް ކަމަށާއި، ރަނގަޅު މީހަކަށް ވޯޓު ދީފިއްޔާ އޭނާ ހޮވިގެން ކުރާ ކޮންމެ ހެޔޮކަމެއްގައި ވޯޓު ދިން މީހާޔަށް ވެސް ބައިވެރި ވެވުނީ ކަމަށާއި، ނުބައި މީހަކަށް ވޯޓު ދީފިއްޔާ އެ މީހަކު އިންތިޚާބު ކުރެވުނު މަގާމެއްގައި ހުރެގެން ކުރާ ކޮންމެ ނުބައި ކަމެއްގެ ޒިންމާ ވޯޓު ދިން މީހާ ވެސް އުފުލާން ޖެހޭނޭކަން އޭނާ ކީރިތި ޤުރްއާނުގެ ނިސާ ސޫރަތުގެ 85 ވަނަ އާޔަތަށް ހަވާލާ ދެއްވައި ބަޔާން ކުރައްވައެވެ.

މައުޟޫޢުގައި މައުލާނާ ނިޔާޒީ ދައްކަވައިފައި ވާ ވާހަކަފުޅުތަކުގެ ތެރޭގައި އެންމެ ޝައުގުވެރި އެއް ބަޔަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި މާފަދަރިކަލުން ޙުސައިން ބިން ފާޠިމާ ރަޟިޔަﷲ ޢަންހު އުމަވީ ވެރިޔާ ޔަޒީދު ބިން މުޢާވިޔާއާ ދެކޮޅަށް ތެދު ވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅާއި، ކަރުބަލާގެ ބިމުގައި ޔަޒީދުގެ ލަޝްކަރު އެކަލޭގެފާނު ޝަހީދު ކޮށްލި ހާދިސާޔަށް އިޝާރާތް ކުރައްވައި ކުރައްވައިފައި ވާ ބަހުސެވެ. މައުލާނާގެ ނަޒަރުގައި، އެ ޒަމާނުގައި ވޯޓު ފޮށި ބަހައްޓައިގެން ވޯޓު ލައި ނުއުޅުނު ކަމަށް ވިޔަސް، ޙުސައިން ރަޟިޔަﷲ ޢަންހު ޔަޒީދަށް ބައިޢަތު ނުހިއްޕަވާން ނިންމެވި ނިންމެވުމަކީ "ކަމާ އެކަށީގެން ނުވާ، ނާޤާބިލު، އަދި ސުލޫކު ރަނގަޅު ނޫން މީހެއްގެ ހައްގުގައި" އެކަލޭގެފާނު ދެއްވި ނޫން ވޯޓެކެވެ. އެކަލޭގެފާނު ޝަހީދު ކޮށްލެވުނީ އޭގެ ބަދަލު ހިފުމަށް ޓަކައި ހިންގުނު އަނިޔާވެރި އަމަލުތަކެއްގެ ތެރޭގައެވެ. އެކަލޭގެފާނު މުޅި އިސްލާމީ އުއްމަތަށް ނަންގަވައިދެއްވި ފިލާވަޅަކީ، ކިތަންމެ ބޮޑު އަނިޔާތަކެއްގެ ތެރެޔަށް ވައްޓައިލެވުނަސް، އަނިޔާވެރީންނާއި ނުބައިނުލަފާ މީހުންނަށް ބައިޢަތު ނުހިފުމުގެ ފިލާވަޅެވެ. އެމީހުންނަށް ވޯޓު ނުދިނުމުގެ ފިލާވަޅެވެ. އެމީހުންނަކީ ލީޑަރުން ކަމަށް ބަލައިނުގަތުމުގެ ފިލާވަޅެވެ.

ވޯޓު ދޭ މީހުން ވިސްނާން ޖެހޭ ކަންތައްތަކަށް ކުރު ގޮތަކަށް ބައްލަވައިލެއްވުމަށް ފަހު، މައުލާނާ ނިޔާޒީ ދެން ވާހަކަފުޅު ދައްކަވައިފައި ވަނީ އިންތިޚާބެއްގައި ކުރިމަތި ލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނާން ޖެހޭ ސިފަތަކާ މެދުގައެވެ. "މުސްލިމުން ތަމްސީލު ކުރާން ނުވަތަ މުސްލިމުންގެ މައްޗަށް ވެރިކަން ކުރާން ކުރިމަތިލައި ކުރިޔަށް ނުކުންނާން ޖެހޭނީ ކޮން ކަހަލަ ބައެއްތޯ" މި ސުވާލުގެ މައްޗަށެވެ. މައުލާނާ ވިދާޅުވާ ގޮތުގައި މި ސުވާލުގެ ޖަވާބު ކީރިތި ޤުރްއާނާއި ސުންނަތުގައި ވަނީ ވަރަށް ސަރީހަކޮށް ބަޔާން ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވަނީ ދީނުގެ ތައުލީމާތުގައި ބަޔާން ކުރައްވައިފައި ވާ ފަދަ ފުރިހަމަ މީހުން ނެތަސް، އެ މިންގަނޑުތަކުން ނިސްބަތުން އެންމެ މަތީ މާކުސް ލިބޭ ބަޔަކު އިޚްތިޔާރު ކުރުމަށް އިސްކަން ދިނުން ލާޒިމު ކަމަށެވެ. އެންމެ ރަނގަޅު މީހާ ނެތިއްޔާ، ދެން ހުރި އެންމެ ރަނގަޅު މީހާ އިޚްތިޔާރު ކުރުމުގެ އަގުލީ އަސާސުގެ މަތީގައެވެ. ދެން އޭނާ ވަނީ މުސްލިމުންގެ މަންދޫބުންނާއި ވެރީންގެ ގޮތުގައި އިންތިޚާބު ކުރެވޭ މީހުންގެ ގައިގައި ހުރުން ކޮންމެހެން ލާޒިމު ހަތަރު ސިފައެއް ބަޔާން ކުރައްވައިފައެވެ. އެ ހަތަރު ސިފަޔަކީ ހެޔޮލަފާ އަދި ތަގުވާވެރި މީހަކު ކަމަށް ވުމާއި، އެ މީހަކު އިންތިޚާބު ކުރެވޭ މަގާމެއް ނުވަތަ ކަމަކަށް ބޭނުން ވާ ޝަޚްސީ ގާބިލިއްޔަތާއި ފުރަމާނަކަމާއި އާރާއި ބާރާއި ހިތްވަރާއި ފަންވަރު ހުރި މީހަކު ކަމަށް ވުމެވެ. ތިންވަނަ ކަމަކީ އެ މީހަކީ އެ މީހަކު އިންތިޚާބު ކުރެވޭ މަޤާމާ ނުވަތަ ކަމާ ގުޅޭ ޢިލްމާއި، އަދި ބުއްދިޔާއި ހިކުމަތުގެ އަހުލުވެރިޔަކަށް ވުމެވެ. ހަތަރުވަނަ ސިފަޔަކީ މަގާމާއި ގޮނޑިޔާއި ބާރުގެ ދަހިވެތިކަމުގައި އުޅޭ މީހަކު ކަމަށް ނުވުމެވެ.

މައުލާނާގެ ވާހަކަފުޅު ނިންމަވައިލައްވައިފައި ވަނީ ވޯޓު ދިނުމުގައި ގާތްތިމާގެކަމަށާއި އައުލާތްތެރިކަމަށް ބަލައިގެން، އަސަބިއްޔަތުގެ ތައައްސުބުގެ މައްޗަށް ބުރަ ވެތިބެ ވޯޓު ދިނުމާއި، ވޯޓުން ވިޔަފާރި ކުރުމުގެ ނުބައިކަމާ މެދު ވިދާޅުވެފައި ވާ ބަސްފުޅުތަކަކުންނެވެ. އެފަދަ މީހުންނާ މެދު ވަރަށް ހަރުކަށި ނިޔާއެއް އިއްވަވަމުން މައުލާނާ ވިދާޅުވަނީ އެފަދަ މީހުންނަކީ "ގައުމާއި މިއްލަތުގެ އެންމެ ބޮޑެތި ޚާއިނުން" ކަމަށެވެ. ގައުމާއި ދީނުގެ "އެންމެ އަފޫރުއްބަ ދުޝްމަނުން" ކަމަށެވެ. ގައުމާއި ދީނަށް އެންމެ ބޮޑަށް ޣައްދާރު ވެ ޚިޔާނާތްތެރި ވާ "ޣަދަރުވެރީން" ކަމަށެވެ. އެފަދަ މީހުންނަކީ "ފައިސާކޮޅަކަށް ތިމާމެންގެ ޒަމީރު ވިއްކައިލާ" ބައެއް ކަމަށާއި، އެފަދަ މީހުން ތިބި ގައުމެއް މަޑުމަޑުން ގޮސް "އެއްވެސް ޣީރަތްތެރިކަމެއް ނެތް ފިނޑި" ގައުމަކަށް ވެދާނޭ ކަމަށެވެ.

އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަންގެ ހިނގާ ގަލަންކޮޅުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި ވާ މައުލާނާ ނިޔާޒީގެ މި މަސައްކަތްޕުޅަކީ ދިވެހި ގައުމަށާއި ދިވެހި ގައުމިއްޔަތަށް މި ވަގުތު ޖެހިފައި ވާ އެންމެ ބޮޑު އެއް ބައްޔަށް ދެވޭނޭ ވަރަށް ރަނގަޅު ބޭހެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ތަރުޖަމާގެ ފެންވަރާ މެދު އެއްޗެއް ދެންނެވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެމެވެ. ޢަބްދުﷲ ފާރޫޤު ޙަސަނަކީ ދިވެހި ބަހުގެ އެންމެ ކުޅަދާނަ ބަސްވާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި ދިވެހި ބަހަށް އެންމެ ގިނަ އިލްމީ މަސައްކަތްތަކެއް ތަރުޖަމާ ކުރެއްވި ބެއިފުޅުންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހުންނެވި އެއް ބެއިފުޅެކެވެ. މި މަސައްކަތުގައި ވެސް އޭނާ ވަނީ އަސްލަށް ފުރިހަމަޔަށް އިންސާފު ކުރައްވައިފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

އިންތިގާދީ ނަޒަރަކުން މި ފޮތަށް ބަލާ އިރު، އަޅުގަނޑަށް ފެންނަނީ މިއީ ކޮންމެ ދިވެއްސަކު ވެސް ނިކަން ފަރުވާތެރިކަމާ އެކު ދެތިން ފަހަރު ކިޔައިލުން މުހިއްމު ފޮތެއް ކަމަށެވެ. މައުޟޫއަށް ފޯކަސް ކުރެވިފައި ވާ، މަދު ބަސްތަކަކުން ގިނަ ވާހަކަތަކެއް ހުށައަޅައިލެވިފައި ވާ، އިލްމީ ގޮތުން ބުރަދަން ބޮޑު ފޮތެއް ކަމަށެވެ. އަޅުގަނޑުމެންގެ ދިވެހި ގައުމުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި، ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމުގެ މަގާމާއި، ލާމަރުކަޒީ ކައުންސިލުތަކުގެ މެންބަރުކަމަށް ކުރިމަތި ލާ މީހުންނާއި، އެ މީހުން ވޯޓު ހޯދުމަށް ކުރާ މަސައްކަތްތަކާއި، ކެންޕޭނުގެ ކަންކަން ހިނގާ ގޮތާއި، ރައްޔިތުންގެ ތެރެއިން ނުހަނު މަދު ބަޔަކު މެނުވީ ވޯޓު ދިނުމުގައި އަމަލު ކުރާ ގޮތްތަކަށް ބެލުމުން، މިފަދަ ހެޔޮ ބަސްތަކަކަށް ގައުމު ބޭނުން ޖެހިފައި ވާ މިންވަރު ރީތިކޮށް ފެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް