އެއްވުންތައް ބޭއްވުމަށް އެއްވެސް ފުރުސަތެއް ނުދޭނަން: ފުލުހުން

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އެ އެއްވުން ނުބޭއްވުމަށް އިންޒާރުކޮށް ގާނޫނާ ހިލާފު އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައި ވަނިކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަށް އެއްވުންތައް ބާއްވައި ކަންކަން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮވިޑް ފެތުރުން ކުރިއަށް ވުރެ ބޮޑުތަން އިތުރުވެ ހާލަތު ނާޒުކުވެފައިވާކަން ފާހަގަ ކުރަމުން ފުލުހުން ބަޔާނުގައި ގޮވާލާފައި ވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި އެންމެން މަސައްކަތްކުރުމަށެވެ.

"އެހެންކަމުން މިފަދަ ގާނޫނާ ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް މި ސާވިސް އިން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާނަމަ އަދި އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވާއިރު "ކޮބާ މަގޭ ފްލެޓު"ގެ ނަމުގައި އިދިކޮޅުން މިއަދު ހަވީރު މުޒާހަރާއެއް ބާއްވާނެ އެވެ.

މީގެ ކުރިން ފާއިތުވި ދެ ހަފްތާ ބަންދާ ދިމާކޮށްވެސް އިދިކޮޅުން ވަނީ މާލޭގެ މަގުމައްޗަށް އެއްވެފަ އެވެ. ފުލުހުން އެ އެއްވުންތައް ރޫޅާލީ ބާރުގެ ބޭނުންކޮށްގެންނެވެ.

އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓްރީ އިން ވެސް މިއަދު ވަނީ ބަޔާނެއް ނެރެ އަންގައިފަ އެވެ.

comment ކޮމެންޓް