ގާސިމްގެ މަރަށް އަދުހަމް އަނެއްކާ އިއުތިރާފުވެއްޖެ، އެކަމަކު ބުނަނީ ގަސްތުގައި ނޫން ކަމަށް

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މުހައްމަދު އަދުހަމް ވާހަކަ ދައްކަނީ ---

ޓެކްސީ ޑްރަވައިރު ގާސިމް ހަސަން މަރާލެވުނީ އޮޅިގެން ކަމަށް ބުނެ، އެކަން ހިނގައި ދިޔަ ގޮތް ގާސިމް މަރާލި މައްސަލައިގައި ދައުވާ ކުރާ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފި އެވެ.

ދިގުމިނުގައި ހަ އިންޗު ހުރި ވަޅިއަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު ރެ އެވެ. ގާސިމް މަރާލީ އޭނާގެ އަތުން އަދުހަމް ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

އެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ދައުވާއަށް އިއުތިރާފުވި އެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި، އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ބުނެ އޭނާ ދައުވާއަށް އިންކާރުކުރި އެވެ. އެއާއެކު، ކުރިން ހެދި އިއުތިރާފު އެއްބަސްވުން ވަނީ އުވިފަ އެވެ.

މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ގާޒީ އިސްމާއިލް ރަޝީދު ވަނީ، ދައުލަތުން އެދުނު ގޮތަށް ބައެއް ހެކި ސިއްރު ކުރަން ނިންމައި، ޝަރީއަތުގެ މަރުހަލާ ފަށައިފަ އެވެ.

މިއަދު އަދުހަމްއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އޭނާ ވަނީ، ގާސިމް މަރާލީ އޭނާ އަތުން ކަމަށް ބުނެ އަނެއްކާވެސް އިއުތިރާފުވެފަ އެވެ. ނަމަވެސް، އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އިންކާރު ކުރި އެވެ. އޭނާ ބުނި ގޮތުގައި އެކަން ހިނގި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ. ލުއި އަދަބެއް ދިނުމަށް އޭނާ އެދުނެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ.

އޭނާ އެ ވާހަކަތައް ދެއްކެވުމުން ގާޒީ އެންގެވީ ގާސިމް މަރާލި ދުވަހު ކަން ހިނގި ގޮތް ތަފްސީލުކޮށް ޝަރީއަތަށް ކިޔައިދިނުމަށެވެ.

އަދުހަމް ބުނީ، ގާސިމް މަރާލި ދުވަހު އޭނާ މާލޭގައި ހުރެފައި، ޕިކަޕެއްގައި ހުޅުމާލެއަށް ގޮސް މަސް ކަނޑަން ކަމަށް ބުނެ ކެފޭއަކުން ވަޅިއެއް ހޯދީ ކަމަށެވެ. އަދި އެ ދުވަހު ވަޅި ފޮރުވައިގެން ހުޅުމާލޭ ތެރޭގައި ފޭރުމުގެ ފުރުސަތެއް ހޯދަން އުޅުނު ކަމަށެވެ. އަދި އެންމެ ފަހުން އޭނާ ހުޅުމާލެއިން ފޭރެން ފުރުސަތެއް ނުލިބުމުން، އެއާޕޯޓަށް ދިޔައީ އެވެ. އަދި އެތަނުން ގާސިިމް ޓެކްސީ ކިއުގައި އިންދާ އަދުހަމް އޭނާގެ ކާރަށް އެރީ އެވެ.

ގާސިމްގެ ކާރަށް އަރައި ހުޅުމާލޭ ހާފްވޭ ހައުސްއަށް ގެންދަން އެދުމުން ގާސިމް އޭނާ ގޮވައިގެން ހުޅުމާލެއަށް ދިޔަ އެވެ. ހުޅުމާލެއަށް ގޮސް ވަކި ހިސާބަކުން އޭނާ ވަޅި ގާސިމް ކުރިމައްޗަށް ދިއްކޮށް، ބިރުދައްކަން ފެށި އެވެ.

އަދުހަމް ކިޔައިދިން ގޮތުގައި އޭނާ ހުރީ ގާސިމްގެ ކަރުގައި ކާރުގެ ހެޑް ރެސްޓާއެކު ލޮކު އަޅުވައިގެން އަނެއް އަތުން ވަޅި ގާސިމްގެ ކަރުގައި ޖައްސައިގެންނެވެ. އެގޮތަށް ޖައްސައިގެން ހުއްޓާ ގާސިމް ހާސްވެގެން ސަލާމަތްވާން ތެޅިގަތުމުން ކަރަށް ވަޅި ހެރުނީ ކަމަށް އޭނާ ބުންޏެވެ.

"ޖައްސައިގެން އިންދާ އޭނަ ތެޅިގަތް ބޮނޑީގަ ވަޅި ވަންނަނީ، ވަދެގެން އެ ދިޔަ ގޮތަށް އެއް ފަޅިން އަނެއް ފަޅިއަށް ފޫދާ ވަރަށް ވަދެގެން ދިޔަ ވަރަށް ފުނަށް،" އަދުހަމް ކިޔައިދިނެވެ.

ކަރަށް ވަޅި ހެރުމުން ވަގުތުން ވަޅި ދަމާފައި ޝޮކެއްގައި، ވަޅިއަށާއި އަތަށް ބަލައިގެން ހުރެވުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އހާފްވޭ ކައިރިން ލާފައި ދުވެ ފިލީ ކަމަށެވެ. އަދި އޭނާ ދުވަމުން ދަނިކޮށް، ކޮންސްޓްރަކްޝަން ސައިޓެއްގައި ފައުންޑޭޝަން އަޅަން ކޮނެފައި ހުރި ވަޅުގަނޑަކަށް ވަޅި ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ވަޅި ދޫކޮށްފައި ގޮސް، ޗަކަ ފެންގަނޑަކުން މުނާ އަތާ އެއްޗެހި ދޮވުނީ ކަމަށް އޭނާ ކިޔައިދިނެވެ. ޝޮކުގައި ހުރި ވަރުން، ލޭ އެޅިފައި ހުރި އެ ފެންގަނޑުން ފެން ކޯވަރެއް ބޮވުނު ކަމަށްވެސް އޭނާ ބުންޏެވެ.

ހުޅުމާލޭ ފަސް ނަމްބަރު ފެލްޓު ކައިން ގަމީސް ބާލައިގެން އުޅެނިކޮށް ރައްޓެއްސަކާ ދިމާވި ކަމަށް އޭނާ ބުންޏެވެ. ގަމީސް ބާލައިގެން ކީއްކުރަނީތޯ އެ މީހާ ސުވާލު ކުރުމުން ބިދޭސީއަކު އަތުން ފޭރިގަތީ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ. އަދި ރައްޓެހި މީހާ އަތުން ގަމީހެއް ހޯދައިގެން ބަހުގައި މާލެ ދިޔައީ ކަމަށް އޭނާ ބުންޏެވެ. މާލެ ދިޔައީ، އޭނާގެ ގަމީސް ގާ އަޅާފައި ހުރި ގޯނިތަކެއްގެ ތެރެއަށް އަޅާފައި އެ ގޯނި މަތީގައި އެހެން ބަސްތާއެއް ބެހައްޓާފަ އެވެ.

މާލެ ގޮސް ރައްޓެހިން ތިބި ގެތަކަށް ވަންނަމުން ދިޔައީ ކަމަށާއި، އެ ރޭ ޓެކްސީ ޑްރައިވަރު މަރާލުމަކީ އޭނާ ކުރި ކަމެއްތޯ ރައްޓެސަކު އެހި ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، އެ ކަމާ އެއްބަސް ނުވާ ކަމަށް އަދުހަމް ބުންޏެވެ. އޭނާ ބުނީ އެ ރޭ ގެއަށް ގޮސް ފިލަންވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރަން އައުމުން އެއްބާރުލުން ދީގެން ދިޔައީ ކަމަށް ބުންޏެވެ.

ކުރިން ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ ދައުވާއަށް އިންކާރު ކުރީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ބުނީ، އެއީ އޭނާއާއެކު ޖަލު ގޮޅީގައި ތިބި ބަޔަކު ބުނެގެން ކުރި ކަމެއް ކަމަށެވެ. އެއީ އޭނާއަށް އޮޅުވާލައިގެން "ބޮލަށް ޗިޕު" ޖަހައިގެން ކުރުވި ކަމެއް ކަމަށް ބުންޏެވެ.

ދައުލަތާއެކު އަދުހަމް ހެދި އިއުތިރާފު އެއްބަސްވުން ދެމި އޮތް އިރު، މިދިޔަ ފެބްރުއަރީ މަހު ދައުލަތުން ވަނީ ޝަރީއަތުގައި އަދުހަމް ތަހުގީގަށް ދިން ބަޔާން އިއްވައިފަ އެވެ. ބަޔާނުގައިވާ ގޮތުން، އަދުހަމް ފޭރެން ނުކުމެ އުޅުނީ ކުލި ދައްކާނެ ފައިސާ ނެތިގެން ފައިސާ ހޯދުމަށެވެ. އަދި އެ ބަޔާނުގައިވާ ގޮތުން އަދުހަމް ގާސިމްގެ ކަރަށް ވަޅި ހެރީ ގާސިމް ހަޅޭއްލަވަން ފެށުމުން އެކަން ހުއްޓުވާށެވެ.

އަދުހަމް ގާސިމް މެރުމަށް އިއުތިރާފުވުމުން ގާޒީ ވަނީ ދައުލަތުގެ ދައުވާ ސީޣާގައިވާ ކަންކަން ކަށަވަރު ކުރަން ސުވާލު ކުރައްވައިފަ އެވެ. އެގޮތުން، ކަން ހިނގި ވަގުތާއި، ވަޅީގެ ދިގުމުން ފަދަ ސުވާލުތަކެއް ކުރެއްވި އެވެ.

އަދި އެ ވަޅިއަކީ މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރެއްކަން އެނގޭތޯ ސުވާލު ކުރެއްވި އެވެ. އެކަމުގެ ޖަވާބުގައި އަދުހަމް ތަކުރާރު ކުރީ، އޭނާ އެކަން ކުރީ ގަސްތުގައި ނޫން ކަމަށް ބުނި ބުނުމެވެ. މަސްތުވީ އެއްވެސް ފަރާތެއްގެ ބިރުދެއްކައިގެން ނުފޫޒެއް އޮވެގެންތޯވެސް ގާޒީ ސުވާލު ކުރެއްވި އެވެ. އަދުހަމް ބުނެފައި ވަނީ މަސްތުވީ މަސްތުވާން ބޭނުންވެގެން އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.

ދައުލަތުން ފާހަގަ ކުރީ ދައުވާ ސާބިތު ކުރަން ކުށުގެ އަމަލާއި ނިޔަތް ސާބިތުވާން ޖެހޭ ކަމެވެ. އަދުހަމް އަތުން ގާސިމް މަރުވި ކަމަށް އޭނާ އިއުތިރާފުވިވިޔަސް، އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނާތީ އޭނާ ކުށުގެ ނިޔަތަށް އިއުތިރާފު ނުވާކަން ދައުލަތުން ފާހަގަ ކުރި އެވެ.

އެހެންކަމުން، އިއުތިރާފުވި އަމަލު ކުރިކަމަށް ބާރުދޭ ހެއްކާއި، ނިޔަތް އޮތްކަން ސާބިތު ކުރަން ހެކި ހުށަހަޅަން ދައުލަތުން އެދުނެވެ. ގާޒީ ނިންމެވީ އެ ފުރުސަތު ދެއްވާށެވެ. އެހެންކަމުން، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ބަސް ނެގުމެވެ.

މިއަދު އަދުހަމް ބަންދު މުރާޖައާ ކުރުމުގެ ބައިވެސް ކުރިއަށް ގެންދިޔަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހޭތީ އެވެ. އަދުހަމް ބަންދު ކުރި ސަބަބުތައް އަދިވެސް ދެމި އޮތުމުން އޭނާގެ ބަންދު ދަމަހައްޓައިދޭން ދައުލަތުން އެދުނެވެ. އަދުހަމް ޝަރީއަތަށް އެއްބާރުލުންދޭން ނިންމާފައިވާކަން ފާހަގަކުރައްވައި އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އޭނާގެ ފަރާތުން އެދުނެވެ. ނަމަވެސް، ގާޒީ ނިންމެވީ އޭނާ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތުމުން ބަންދު ދަމަހައްޓާށެވެ.

comment ކޮމެންޓް