ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ލަންކާއަށް ވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ފެބްރުއަރީ 24): ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ އެގައުމަށް ވަޑައިގެންފި އެވެ.

އިމްރާން ޚާން ލަންކާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކީ 2018 ވަނަ އަހަރު އޭނާ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން އެގައުމަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ފަހަރެވެ. އަދި އޭނާއަކީ 2019 ވަނަ އަހަރު ގޯޓާބަޔަ ރާޖަޕަކްސަ އާއި މަހިންދަ ރާޖަޕަކްސަ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެގައުމަށް ޒިޔާރަތް ކުރައްވާ ބޭރު ގައުމެއްގެ ފުރަތަމަ ލީޑަރެވެ.

އެ ދަތުރުގައި ޚާންއާ އެކު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރޭޝީ އާއި ކޮމާސް މިނިސްޓަރު އަބުދުއްރައްޒާގް ދާވޫދާއި އެހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އިއްޔެ ޚާން އާއި މަހިންދަ ބައްދަލު ކުރައްވާ، ދެ ބޭފުޅުން ވަނީ ދެގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓާއި، ސިއްހަތާއި ތައުލީމާއި، ދަނޑުވެރިކަމާއި، ސައިންސާއި ޓެކްނޮލޮޖީ އާއި ސަލާމަތާއި ސަގާފަތާއި ފަތުރުވެރިކަމުގެ ރޮނގުން ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން މިއަދު ޚާން ވަނީ ރައީސް ގޯޓާބަޔާއާ ބައްދަލު ކުރައްވާ، ވިޔަފާރީ އާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާ ގުޅުން ހުރި ޓެކްނޮލޮޖީއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ލަންކާގެ ސްޕޯޓްސް މިނިސްޓްރީން ވަނީ އެގައުމުގައި ކުޅިވަރު ކުރިއެރުވުމަށް ޕާކިސްތާނުން 327،146 ޑޮލަރު ހަދިޔާ ކުރާނެކަން ޚާން އިއުލާން ކުރެއްވި ކަމަށް ބުނެފަ އެވެ.

ޚާންގެ ދަތުރުފުޅާ ދިމާކޮށް ލަންކާގެ ރައީސް އޮފީސް ކައިރީގައި މުޒާހަރާތަކެއް ބޭއްވި އެވެ. އެއީ އެގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އެންދުމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބޭއްވި މުޒާހަރާތަކެކެވެ.

މި މަހުގެ ކުރީކޮޅު ބޮޑުވަޒީރު މަހިންދަ ވަނީ ލަންކާއިން ކޮވިޑު ޖެހިގެން މަރުވާ މީހުންގެ ހަށިތައް އެންދުން މަޖުބޫރު ކުރުން ހުއްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޚާން އެ ނިންމުމަށް މަރުހަބާ ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ހަފްތާގެ އަންގާރައިގައި ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ ހަށިތައް އާއިލާގެ ނުރުހުމުގައި އަދިވެސް އަންދަމުންދާ ކަމަށް ބުނެފަ އެވެ.

ބޮޑުވަޒީރު ޚާން ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެކަން ހާމަ ކުރައްވާފައި ނުވެ އެވެ.

comment ކޮމެންޓް