ޕަންޖާބުގެ މުނިސިޕަލް އިންތިހާބުން ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް

ޕަންޖާބުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި މުނިސިޕަލް ކޯޕަރޭޝަން އިންތިހާބުގައި މީހުން ވޯޓު ލަނީ -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ދިއްލީ (ފެބްރުއަރީ 18): އިންޑިއާގެ ޕަންޖާބުގައި މިދިޔަ އާދިއްތަ ދުވަހު އެ ސްޓޭޓުގެ އަށް މުނިސިޕަލް ކޯޕަރޭޝަނަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ކޮންގްރެސް ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ އިންތިހާބުގައި ވޯޓަށް ހުޅުވާލި އަށް މުނިސިޕަލް ކޯޕަރޭޝަންގެ ތެރެއިން ހަތް ކޯޕަރޭޝަނެއްގެ އަގުލަބިއްޔަތު ހޯދީ ކޮންގްރެސް ޕާޓީންނެވެ. އެއީ ބަޓިންޑާ، ހޮޝިއާރުޕޫރު، ކަޕޫރުތަލާ، އަބޯހަރު، ބަޓާލާ، މޯގާ އަދި ޕަތަންކޮޓްގަ އެވެ. އޭގެ ތެރެއިން ބަޓިންޑާއަށް ކޮންގްރެސްގެ މޭޔަރަކު ހޮވިފައި ވަނީ ފާއިތުވި 53 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

އެ ހަތް މުނިސިޕަލް ކޯޕަރޭޝަނުގައި ކޮންގްރެސްއަށް ފަހު އެންމެ ގިނަ ވޯޓުތައް ކާމިޔާބު ކުރީ އެ ސްޓޭޓުގެ ޕާޓީއެއް ކަމަށްވާ އެސްއޭޑީއިންނެވެ. އަދި ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އޮތީ ތިން ވަނައިގަ އެވެ.

އެ އިންތިހާބުގައި ވޯޓަށް ހުޅުވާލި އަށް ވަނަ މުނިސިޕަލް ކޯޕަރޭޝަންގެ ވޯޓުތައް މިހާރު ގުނަމުންދާ އިރު ކޮންގްރެސްއިން މިހާތަނަށް ކާމިޔާބު ކުރި ސަރަހައްދުތަކަކީ 2015 ވަނަ އަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް އަގުލަބިއްޔަތެއް ނުލިބޭ ސަރަހައްދުތަކެވެ. އަދި ޕަންޖާބުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އިރު، މުނިސިޕަލް އިންތިހާބުގެ ކާމިޔާބީން ކޮންގްރެސްއަށް ހިތްވަރު ލިބިގެންދާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ ޕަންޖާބުގެ ޗީފް މިނިސްޓަރު އަމަރިންދަރު ސިންހު ވިދާޅުވި ގޮތުގައި އެ އިންތިހާބުން އެނގިގެން ދިޔައީ "ގައުމުގެ ރައްޔިތުންނާއި ދަނޑުވެރިންނާ ދެކޮޅު" ޕާޓީތަކަށް މީހުންގެ ތާއިދު ނެތް ކަމެވެ.

ސިންހު އެފަދައިން ވިދާޅުވީ އިންޑިއާގެ ޕާލިމެންޓުން މިދިޔަ ސެޕްޓެމްބަރު މަހު ފާސް ކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ގުޅިގެންނެވެ. އެ ގާނޫނުތަކާ ދެކޮޅަށް އެގައުމުގެ ދަނޑުވެރިން ދަނީ ދިއްލީ ކައިރީގައި މިދޔަ ނޮވެމްބަރު މަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ.

އެ ގާނޫނުތަކުގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

މީގެ ކުރިން 1964ގައި އިންޑިއާއިން ފާސްކުރި ގާނޫނެއްގައި ވަނީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް، ސްޓޭޓްތަކުގެ ސަރުކާރުން ބަލަހައްޓާ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުކޮށްފަ އެވެ. އަދި އެ އުފެއްދުންތައް ދައުލަތުގެ ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ފަރާތްތަކަށް ވިއްކަން އެހީތެރި ވަނީ އެ ބާޒާރުތަކުގައި ތިބޭ މީހުންނެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އާ ގާނޫނުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ އެވެ. އަދި ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ބާޒާރުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެ އެވެ.

comment ކޮމެންޓް