އޮސްޓްރޭލިއާގެ ޕާލަމެންޓްގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ބޮޑުވަޒީރު މައާފަށް އެދިވަޑައިގެންފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން

ކެންބެރާ (ފެބްރުއަރީ 17) : އޮސްޓްރޭލިއާގެ ޕާލަމެންޓް އިމާރާތުގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ބޮޑުވަޒީރު ސްކޮޓް މޮރިސަން ވައުދުވެ ވަޑައިގެންފި އެވެ.

މޮރިސަން ވިދާޅުވީ މިއީ ލަދުވެތިކަމެއްކަމަށާއި ރޭޕްގެ މައްސަލާގައި އޭނާގެ ސަރުކާރުގެ މަސްއޫލުވެރިންނާއި އިދާރާތަކުން އަމަލުކުރި ގޮތުގެ ސަބަބުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމުގަ އެވެ.

މި ޖަރީމާގެ ޝިކާރައަކަށްވި އަންހެންމީހާ އަކީ ބްރިޓިނީ ހިގިންސް ނަމަކަށްކިޔާ 24 އަހަރުގެ ޒުވާން އަންހެނެކެވެ. ބްރިޓިނީ ބުނި ގޮތުގައި އޭނާ ރޭޕްކުރީ ޕާލަމެންޓް އިމާރާތުގައި ހުންނަ އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާ ރެނަލްޑްސްގެ އޮފީހުގައި 2019 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެދުވަސްވަރު އޭނާ މަސައްކަތްކުރީ ލިންޑާގެ އޮފީހުގައި އެހެން މުވައްޒަފުންނާ ވެސް އެކުގައި ކަމަށާއި އޭނާ ރޭޕްކުރީ އޭނާއާއެކު މަސައްކަތްކުރި ތަންކޮޅެއް އުމުރުން ދުވަސްވީ ފިރިހެން މުވައްޒަފެއް ކަމުގަ އެވެ.

ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ އަންހެންމީހާ ބްރިޓިނީ ހިގިންސް

ރޭޕްކުރީ ރޭގަނޑުގެ ކެއުމަކަށް ފިރިހެންމީހާ އެކު ދިޔުމަށް ފަހު އަނބުރައި ގެއަށް ގެންގޮސްދޭނެ ކަމަށް ފިރިހެން މީހާބުނުމުން އޭނާއާއެކު ކާރަށް އެރުމަށް ފަހު ކާރުގޮސް ޕާލަމެންޓް އިމާރާތަށްވަދެ އެތަނުގައިވާ ލިންޑާގެ ކޮޓަރިއަށް ދެމީހުން ވަދެތިބި ތިބުމުގެ ތެރޭގައި ކަމަށާއި އޭރު ދެމީހުން ވެސް ތިބީ ބަނގުރާ ބޮއިގެން މަސްތުވެފައިވާ ހާލަތުގައި ކަމުގަ އެވެ. މަސްތުގެ ހާލަތުން ސަލާމަތްވުމުން ފިރިހެންމީހާ އޭނާ ރޭޕްކޮށްފައިވާކަން އެނގިގެން އެމައްސަލަ ލިންޑާގެ އޮފީހުގެ ސީނިއާ މުވައްޒަފަކަށް ރިޕޯޓްކުރިކަމަށާއި އެހެންކަމުން ލިންޑާއަށް އެޚަބަރު ލިބިފައިވާނެކަމަށް ބްރިޓިނީ ބުނެފައިވެ އެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާވަނީ އެދުވަސްވަރު އެކަމަނާ އެވާހަކަ އެއްސެވިކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ނަމަވެސް އެމައްސަލަ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އެއްވެސް ނުފޫޒެއް ބޭނުންކޮށްފައި ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާ ރެނަލްޑްސް

ރޭޕްގެ ޝިކާރައަކަށްވި ބްރިޓިނީ ބުނާގޮތުން އެދުވަސްވަރު އޭނާ މިމައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ކޮންމެވެސް ފަރާތެއް ނޫނީ ފަރާތްތަކެއްގެ ނުފޫޒެއްގެ ސަބަބުން ފުލުހުން މި މައްސަލަ ބަލައި ތަހްގީގްކޮށްފައިނުވަނީ އެވެ. ނަމަވެސް އޮސްޓްރޭލިއާގެ ފުލުހުން ބުނާ ގޮތުން ބްރިޓިނީ ހުށަހެޅީ ހަމައެކަނި ޝަކުވާއެކެވެ. ރަސްމީކޮށް މައްސަލަ ބަލައި ދިނުމަކަށްނޫނެވެ. މައްސަލަ ތަހްގީގްކޮށް ދައުވާއާ ހިސާބަށް ނުގެންދިޔައީ ބްރިޓިނީ އެކަމަށް އެދި ހުށަނޭޅުމުންކަމަށް ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނެއެވެ.

ބްރިޓިނީ ބުނި ގޮތުގައި ދައުވާކޮށްދިނުމަށް އެދި ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަނޭޅީ އޭނާގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުންނާއި ދައުވާކުރުމުގެ ތެރޭގައި އޭނާގެ ނަން ހާމަވެއްޖެނަމަ އަބުރު ސަލާމަތް ނުވެދާނެތީ އެވެ. މި ޖަރީމާ ހިންގި މީހަކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާ ވަރަށް ގާތް އަދި އޭނާގެ ލިބަރަލް ޕާޓީގެ ނުފޫޒުގަދަ މީހެއްކަމަށްވެސް އޮސްޓްރޭލިއާގެ މީޑިއާއަށް ދިން ބަޔާނެއްގައި ބްރިޓިނީ ބުނެފައިވެ އެވެ. އަދި މި ފިރިހެންމީހާއަކީ ބްރިޓިނީ އާއެކު މަސައްކަތްކުރާ މީހެއްކަމަށްވެސް ބުނެފައިވެ އެވެ.

ބްރިޓިނީގެ މި ވާހަކަތަކުގެ ހަގީގަތް އެނގޭނީ އެކަން ރަނގަނޅަށް ތަހްގީގްކޮށްގެން ކަމަށާ މިކަން އަވަހަށް ތަހްގީގް ކުރުމަށް ބޮޑުވަޒީރު ސްކޮޓް މޮރިސަން އަންގަވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. (ބީބިސީ)

comment ކޮމެންޓް