ފްލެޓްތަކުގެ ދާއިމީ ލިސްޓާއެކު ތުހުމަތުތަކާއި މާޔޫސްކަން!

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: އެޗްޑީސީ

މި ސަރުކާރުން "ކޮތަރު ކޮށިތަކެއް"ގެ ގޮތުގައި ސިފަކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި "ހިޔާ ފްލެޓް"ތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު ރޭ ކުއްލިއަކަށް އާންމުކުރި އެވެ. އެއާ އެކު އާންމުންގެ ޖަޒުބާތުތައް ކެކިއެރި ގޮތުގެ ވާހަކަ ދެއްކުމުގެ ކުރިން ފަހަތަށް ގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވި ވާހަކައެއްގެ މަތިން ހަނދާން އާ ކުރަމާ ހިނގާށެވ.

އެ މަނިކުފާނު ފެބުރުއަރީ 2020ގައި ވިދާޅުވީ؛ "ކުރީގެ ސަރުކާރުތަކުން ވައުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫއަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ، އެއްބަސްވެފައިވާ ގޮތަށް، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަހެއްނުވެ ކޮށްދޭނަން،" ކަމަށެވެ.

އެކަމަކު ފްލެޓުތައް ލިބޭ މީހުން ފާސްވެ، ސިއްކަ ޖެހިގެން ދިޔައިރު ކަންވީ ރައީސް އެ ދެއްކެވި ވާހަކައާ ދިމާއިދިކޮޅަށެވެ. ތަރުތީބު މުޅިން އޮތީ އޮޅުން ބޮޅުންވެފަ އެވެ. އަދި ދާއިމީ ލިސްޓާއެކު އަނެއްކާވެސް ބޯހިޔާވަހިކަމަށް ޖެހިފައި ތިބި ނިކަމެތި އެތައް ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ މާޔޫސްވެ މަގުމަތި ވެފަ އެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓް ކޮމިޓީން އާންމުކުރި ވަގުތީ ލިސްޓުތަކާ ގުޅިގެން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޝަކުވާ ހުށަހަޅައިގެން ތިބީ ރަނގަޅު ގޮތެއް ވާނެ ކަމަށެވެ. އެ މީހުންގެ އުންމީދަކަށް އޮތީ ދާއިމީ ލިސްޓަށް އަލުން ނަން އަރާނެ ކަމަށެވެ.

ނަމަވެސް ދާއިމީ ލިސްޓުން ވެސް ޖާގަ ނުލިބި އަނެއްކާ ވެސް ކުރީ ސަރުކާރުން ދިން ފްލެޓް މި ސަރުކާރުން އަތުލި ކަމުގެ ޝަކުވާތައް މިވަނީ ގިނަ ވެފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ދިން ލިޔުމަށް ބަލަހައްޓައިގެން މިއަދު އެތައް ބަޔަކު ތިބީ ފެންކަޅިވެފަ އެވެ. ދެން އިތުރަށް އެމީހުންނަށް ލިބޭނެ "ކޮތަރު ކޮށްޓެއް" ވެސް ނެތްކަން ރޭ ވަނީ ކަށަވަރުވެފަ އެވެ.

ޝަކުވާއަކަށް އޮތީ ދެފައިން ނުހިނގި ބަލި އެނދުގައި އޮންނަން ޖެހިފައިވާ މަންމައަށް ނުކުޅެދުންތެރިކަމުގެ ބައިން އެންމެ ޕޮއިންޓެއް ވެސް ނުލިބުމެވެ. މާލޭގައި ދިރިއުޅޭތާ 40 އަހަރު ވީއިރުވެސް އަދިވެސް ބޯހިޔާވަހިކަމެއް ހައްގު ނުވި ވާހަކަ އެވެ. ކައިވެނިކޮށްގެން އުޅޭ މީހަކު ކައިވެނި ނުކުރާ ކަމަށް ބުނެ ފްލެޓް އަތުލި އިރު، ހަމަ އެ މީހާއަށް 25 އަހަރު ފުރި، ކައިވެނި ކޮށްގެން އުޅޭތީ އޭނާގެ މަންމައަށް އެކަނިވެރި މައިންގެ ކެޓަގަރީ އިން ފްލެޓް ހައްގު ނުވި ވާހަކަ އެވެ. މިފަދަ އެތައް ޝަކުވާއަކުން އޮތީ ފުނިޖެހިފަ އެވެ. ދާއިމީ ލިސްޓުގެ މައްޗަށް ހިޔަނި އެޅީ މިކަހަލަ އެތައް އެތައް ޝަކުވާތަކެކެވެ.

ކުރީ ސަރުކާރުން ފްލެޓް ދިނީ ކިހިނެތް؟

ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7000 ހައުސިން ޔުނިޓުގެ މަސައްކަތް މުޅީން ނުނިމެނީސް، އެތަންތަން ލިބޭނެ މީހުންގެ ދާއިމީ ލިސްޓު އާންމުކުރި އެވެ.

ހަތް ހާސް ފްލެޓަށް އެދި 25،000 މީހުން ފޯމު ހުށަހެޅި އިރު، ކުރީ ސަރުކާރުން ވަނީ އެ 7000 ޔުނިޓު ދޭނެ 7000 މީހުން ކަނޑައަޅައި ލިޔުން ހަވާލުކޮށްފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އިން 475 ފްލެޓް ދޫކުރަން ނިންމި ނަމަވެސް އެ ކެޓަގަރީން ކުރިމަތިލީ 299 މީހެކެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ފްލެޓް ދީ، އެ ކެޓަގަރީން ބާކީ ހުރި ފްލެޓުތައް އިތުރުކުރީ ޓީޗަރުންގެ ކެޓަގަރީ އަށެވެ. ޓީޗަރުންގެ ކެޓަގަރީ އަށް ކަނޑައެޅި 625 ފްލެޓަށް އިތުރުވި 176 ފްލެޓާ އެކު، އެ ކެޓަގަރީއަށް ކުރިމަތިލި 735 މީހުންނަށް ވެސް ފްލެޓް ލިބޭގޮތް ވެގެން ދިޔަ އެވެ.

މާލޭ ރަށްވެހީންނަށް ކަނޑައެޅި 1000 ފްލެޓަށް ވެސް، ޑޮކްޓަރުންގެ ކެޓަގަރީން 50 ފްލެޓް އިތުރުކޮށްދީ، 1050 މާލެ ރަށްވެހީންނަށް ވެސް ކުރީ ސަރުކާރުން ފްލެޓް ދިނެވެ. ގުޅީފަޅު އަދި ޓާޓާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުން ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުންނަށް 300 ފްލެޓް އަދި ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އޮތީ ކަނޑައަޅައިފަ އެވެ.

ނަމަވެސް ވެރިކަން ބަދަލުވެ، އަލަށް އިންތިހާބުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފެނުނީ އެއީ ސަރުކާރު ބަދަލުވުމުގެ ކުރިން އަވަސް އަރުވާލައިގެން ހިންގި "ޖަރީމާ"އެއްގެ ގޮތުގަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގާފައިވާ ގޮތް ބެލުމަށް ފްލެޓް ކޮމިޓީއެއް އުފެއްދި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި ހުރިހާ ކަމެއް ރޫޅާލައްވައި ފަހުން ރައީސް ސޯލިހު ވަނީ އެ ފްލެޓްތަކުގެ އަދަދު ވެސް މަދުކޮށްފަ އެވެ. ކުރިން 7000 ފްލެޓް ދޭން ނިންމާފައިވަނިކޮށް، މި ސަރުކާރުން ވަނީ ކޮންމެ ޓަވަރެއްގެ އެންމެ ތިރި ވިޔަފާރި ބޭނުމަށް ހާއްސަކޮށް، މީހުން ދިރިއުޅުމަށް ދޫކުރާ ފްލެޓުތައް 6720 އަށް މަދުކޮށްފަ އެވެ.

ފްލެޓުތަކުގެ އަދަދު މަދުކޮށް، ކެޓަގަރީތަކަށް އެލޮކޭޓް ކުރި ފްލެޓުގެ އަދަދަށް ވެސް ބަދަލުތަކެއް ގެނަ އެވެ. އަދި ދާއިމީ ލިސްޓު އެކުލަވާލި އިރު، ބައެއް ކެޓަގަރީތަކަށް ކަނޑައެޅި ފްލެޓާ އެއްވަރަށް މީހުން ޝަރުތު ހަމަނުވާތީ، އެ ފްލެޓުތައް ވަނީ މާލޭ ރަށްވެހިންގެ ކެޓަގަރީއަށް އިތުރުކޮށްފަ އެވެ. މި ސަރުކާރުން މީގެ ކުރިން ވެސް އެ ކެޓަގަރީއަށް 722 ފްލެޓު އިތުރުކުރި އެވެ. އަދި ފަހުން މިވަނީ އަނެއްކާވެސް 65 ފްލެޓު އިތުރުކޮށްދީފަ އެވެ.

ވަކި ކެޓަގަރީއަކަށް ފްލެޓު އިތުރުކުރުން އިންސާފުތަ؟

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް، ޑޮކްޓަރުންގެ ކެޓަގަރީއަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ ކެޓަގަރީގެ ފްލެޓުތައް އެހެން ކެޓަގަރީތަކަށް ބަހައިލި އެވެ. ހުރިހާ ފްލެެޓެެއް ދިނީ އެއް ކެޓަގަރީއަކަށް ނޫނެވެ.

ފްލެޓު ކޮމެޓީ އިން ބުނީ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވާނީ، 24 އޮގަސްޓު 2020 ގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ ގޮތުން ނެރެފައިވާ އިއުލާނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ.

ނަމަވެސް، ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓު ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ކޮމިޓީއިން ކަނޑައަޅާފައި ވާތީ، ދާއިމީ ލިސްޓް ފައިނަލް ކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު މަދުވެފައިވާ ކަމަށް ބުންޏެވެ. ފްލެޓު މަދުވީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގެ އިތުރުން ޓީޗަރުންގެ ކެޓަގަރީއިންނެވެ.

އެ ފްލެޓުތައް މާލޭ ރަށްވެހިންގެ ކެޓަގަރީއަށް އިތުރުކުރީ ހިޔާ މަޝްރޫއުގެ ފްލެޓް އެލޮކޭޓްކުރާއިރު، މާލޭގެ ރަށްވެހިންނަށް ފުރުސަތު ބޮޑުވާނެގޮތަށް ފްލެޓް އެލޮކޭޓްކުރުމުގެ އުސޫލަށް ބަދަލުގެނައުން އެންމެ ރަނގަޅުކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައި ވާތީ ކަމަށް ފްލެޓް ކޮމިޓީން ބުންޏެވެ.

ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނީ މިކަމާ ގުޅިގެންނެވެ. އެއް ބަޔަކު ބުނަމުން އަންނަނީ ފްލެޓު އިތުރުވި ނަމަ، އެ ފްލެޓުތައް ދޭންޖެހޭނީ ލިބުނު ޕޮއިންޓަށް ބަލައިގެން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން މާލޭ ރަށް ވެހިންގެ ތެރެއިން 1050 މީހަކަށް ފްލެޓު ދިނެވެ. މި ސަރުކާރުން އެ ކެޓަގަރީން 1837 މީހަކަށް ފްލެޓު ދިން އިރު، 1051 ވަނަ މިހާއިން ފެށިގެން 1837 ވަނަ މީހާއާ ހަމައަށް ލިބިފައި ހުރީ 65.82 ޕޮއިންޓާއި 56.73 ޕޮއިންޓެވެ.

ނަމަވެސް އެއަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ތިބި މީހުން އެހެން ކެޓަގަރީތަކުގައި އެބަތިއްބެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގައި ފްލެޓަށް ޝަރުތު ހަމަވެ، 50 ޕޮއިންޓަށް ވުރެ މަތިން ލިބުނު ނަމަވެސް ފްލެޓް ނުލިބޭ 566 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 142 މީހުންނަކީ، 65.82 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ތިބި މީހުންނެވެ.

ދަފްތަރު ކެޓަގަރީގައި ވެސް އެއަށް ވުރެ މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު 625 މީހަކު އެބަތިއްބެވެ. އެކަނިވެރި މައިންގެ ކެޓަގަރީގައި ވެސް އެއަށްވުރެ މަތިން ޕޮއިންޓް ލިބި ފްލެޓް ނުލިބޭ 13 މީހުން އެބަތިއްބެވެ.

މަތިން މާކްސް ލިބިފައި ތިބި މީހުންނަކީ ގައިމުވެސް ދިރިއުޅުމުގެ ހާލަތު ދަށް، ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުންޖެހިފައި ތިބި މީހުންނެވެ. މަތިން މާކްސް ލިބިފައި ތިބި މީހުންގެ ހާލަތަށް ނުބަލައި، ވަކި ކެޓަގަރީއަކުން އެކަނި ފްލެޓުތަކެއް އިތުރުކުރުމަކީ އެންމެ އިންސާފުވެރި ގޮތްތޯ އެއީ ގިނަ ބައެއްގެ ސުވާލެކެވެ.

މިއީ އެންމެ އިންސާފުވެރި ގޮތްތޯ ނުވަތަ ނޫންތޯ "ސަން" އިން ސުވާލުކުރުމުން ފްލެޓް ކޮމިޓީގެ ރައީސް ތޯހާ މުހައްމަދު ވަކި ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ފްލެޓުތައް އެލޮކޭޓް ކުރުމަކީ ކޮމިޓީގެ މެންޑޭޓު ނޫން ކަމަށާއި އެލޮކޭޝަނަށް ބަދަލުގެނައުމަކީ ކެބިނެޓުގެ ނިންމުމެއް ކަމަށެވެ.

އެހެން ވީމާ ތޯހާ އެ ވިދާޅުވަނީ އެއީ ސިދާ ސަރުކާރުގެ "ސިޔާސީ" ނިންމުމެއް ކަމަށެވެ. އެ ސިޔާސީ ނިންމުމުގެ ފަހަތުގައި އޮތީ ކޮން ކަމެއްތޯ އެއީ ސުވާލެކެވެ. އެއް ބައެއްގެ ތުހުމަތަކީ ސަރުކާރުގެ މަގުބޫލުކަން މާލޭ ރައްޔިތުންގެ މެދުގައި ދަށްވެފައި ވާތީ، މި ކަމަކީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލޭ މީހުންގެ ސަޕޯޓް އިތުރު ކުރުމަށް ސަރުކާރުން ކުރިކަމެކެވެ. ބޭނުމަކީ ފްލެޓްތަކެއް ދީގެން އެ މީހުން ރުއްސުމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ތުހުމަތުތަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާލޭ ރަށްވެހިންނަށް އިސްކަން ދޭން ކެބިނެޓުން ނިންމީ، އެންމެ ގިނަ ބަޔަކު ފޯމު ހުށަހެޅި ކެޓަގަރީ އަކީ އެއީ ކަމަށް ވާތީ ކަމަށެވެ.

"މާނައަކީ އެންމެ ބޮޑު ނީޑެއް އޮތް ކަމަށް ފެންނަނީ. ފަސް ހާހަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކެޓަގަރީއެއް މާލޭ ކެޓަގަރީ އަކީ. އެހެންވީމަ އިތުރުވާ ސްލޮޓްތައް ދާއިމީ ލިސްޓުގައި މާލޭ ރަށްވެހިން ގެނައުމުގެ ވިސްނުން މައިގަނޑު ގޮތެއްގައި އައިސް އޮންނަނީ މި ސަބަބާ ހެދި،" މަބްރޫކް ވިދާޅުވި އެވެ.

ނަމަވެސް މިޔަކީ އަދި މުޅިއަކުން ރަނގަޅު ވާހަކައެއް ނޫނެވެ. ތަރުޖަމާން އެ ވާހަކަ ވިދާޅުވީ އޮޅިގެން ނުވަތަ ގަސްތުގައި ދޮގު "އޮޅުވާ" ލެއްވުމަށެވެ.

ރޭ ކޮމިޓީން އާންމުކުރި ލިސްޓުގައިވާ ނަންބަރުތަކަށް ބަލާއިރު އެންމެ ގިނަ ފޯމު ހުށަހަޅާފައި ވަނީ H7 ނުވަތަ އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީ އަށެވެ. އެހެންވީމާ ތަރުޖަމާނުގެ ވާހަކަ ދިމައެއް ނުވި އެވެ. އެ ކެޓަގަރީން 8889 މީހަކު ފޯމު ހުށަހެޅި އިރު، ފްލެޓު ދީފައި ވަނީ 805 މީހުންނަށެވެ. މި ކެޓަގަރީން ފްލެޓު ހައްގު ނަމަވެސް ފްލެޓް ނުލިބުނު ލިސްޓު ދިގުވެގެން ދެ ލިސްޓަކަށް އޮތީ ބަހާލައިފަ އެވެ. ދެ ލިސްޓުގައި މުޅި ޖުމްލަ 6811 މީހެއްގެ ނަން އެބަ އޮތެވެ. އަދި 1273 މީހަކު ވަނީ ޑިސްކޮލިފައިވެސް ކޮށްފައިވެ އެވެ. މިއީ މި ސަރުކާރުން ފްލެޓުގެ އަދަދު މަދުކޮށްފައިވާ ކެޓަގަރީއެކެވެ.

އެންމެ ގިނަ މީހުން ފްލެޓް ހުށަހެޅިކަމަށް ސަރުކާރުން ބުނާ މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފޯމު ހުށަހެޅި ކަމަށް ފެންނަން އޮތީ 4180 މީހެކެވެ. އެއީ ފްލެޓް ލިބުނު 1837 މީހުންނާއި، ޝަރުތު ފުރިހަމަވެ ފްލެޓު ނުލިބުނު 2270 މީހަކާއި ޑިސްކޮލިފައިކޮށްލި 73 މީހުންގެ މުޅި ޖުމްލަ އެވެ.

އެހެންކަމުން ޑިމާންޑަށް ބަލައިގެން ފްލެޓް އިތުރުކުރާނަމަ އިތުރުކުރަން ޖެހޭނީ އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީ އަށެވެ.

ފްލެޓް ކޮމިޓީން ބުނެފައި ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކޮމިޓީން ކުރި މަސައްކަތުން، މަޝްރޫއަށް ފޯމު ހުށަހެޅި 25،000 މީހުންގެ ގެތަކަށް ޒިޔާރަތްކޮށް، އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި ފޯމުގައި ދީފައިވާ މައުލޫމާތު ދިމާވޭތޯ ބަލާފައިވާނެ ކަމަށެވެ. އަދި އެ ކޮމިޓީން ދާއިމީ ލިސްޓު އާންމުކުރާއިރު ލިސްޓުގެ ކުރީގައި ތިބޭނީ އެންމެ ބޮޑަށް ފްލެޓް ހައްގުވާ މީހުން ކަމަށެވެ. ނަމަވެސް ދާއިމީ ލިސްޓު ވެގެން މިދިޔައީ ގިނަ ބަޔަކަށް ބަލައިގަންނަން އުނދަގޫ، އެތައް ސުވާލުތަކެއް ފެންމަތިވި ލިސްޓަކަށެވެ. ޝައްކުތަކާއި ތުހުމަތުގެ އިނގިލި ސަރުކާރަށް ދިއްކުރެވުނު ކަމަށެވެ.

ތޯހާ ވިދާޅުވަނީ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ފްލެޓް ނުލިބުނީ އެވަރަށް ފްލެޓު ނެތުމުން ކަމަށެވެ. ފްލެޓް ހައްގު ނުވާތީއެއް ނޫނެވެ. އެހެންކަމުން ފްލެޓް ގެއްލުނު މީހުންނަށް ދެން އޮތީ މި ސަރުކާރުން އަޅައިދޭން ޕްލޭންކޮށްފައި ހުރި ފްލެޓުތަކަށް އަނެއްކާވެސް ފޯމު ހުށަހެޅުމެވެ. އެކަމަކު އެ އިތުބާރު ސަރުކާރަށް ރައްޔިތުން ކުރާ ހެއްޔެވެ؟ އަދިއަކު މި ސަރުކާރުން އެޅި ފްލެޓެއް ފެންނާކަށް ނެތެވެ.

comment ކޮމެންޓް