ނިމިގެންދިޔައީ ހަތް އަހަރުގެ ތެރޭގައި ވައްކަން އެންމެ ގިނަ ޖެނުއަރީ މަސް

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައިވެސް މިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން ވައްކަމުގެ މައްސަލަ ހުށަހަޅާފައިވާ މިއަހަރު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ކުށުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ވައްކަމުގެ 519 މައްސަލަ ހުށަހަޅާފައިވެ އެވެ. އެންމެ ފަހުން އެއަށްވުރެ ގިނައިން ޖެނުއަރީ މަހެއްގައި ވައްކަމުގެ މައްސަލަ ހުށަހެޅީ 2014ވަނަ އަހަރު އެވެ.

  • 2021: 519
  • 2020: 390
  • 2019: 327
  • 2018: 341
  • 2017: 278
  • 2016: 345
  • 2015: 392
  • 2014: 623

ޖެނުއަރީ މަހު ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 141 މައްސަލަ ޖެނުއަރީގައި ހުށަހަޅާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި ހުށަހެޅި މަސްތުވަތަކެތީގެ މައްސަލަތަކަށްވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ 147 މައްސަލައެކެވެ.

މީގެ އިތުރުން ޓްރެފިކް އެކްސިޑެންޓްގެ 114 މައްސަލައާއި ހިޔާނާތުގެ 91 މައްސަލައާއި ތަކެތި ގެއްލިގެން 83 މައްސަލަ އަދި މާރާމާރީގެ 50 މައްސަލަ މިއަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް