މަރުކޮމިޝަނުގެ ރައީސާއަކަށް ފަރީޝާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްއެލުލަވާލި ކޮމެޓީގެ ރައީސާ އަކަށް ގދ. ފަރެސްމާތޮޑާ، ބަގީޗާގެ، ފަރީޝާ އަބްދުﷲ އައްޔަނު ކުރައްވައިފި އެވެ.

ފަރީޝާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުންނެވެ.

މަރުކޮމިޝަން އުފެއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އިސްލާހުކުރައްވާ މިއަދު އާންމުކުރެއްވި ގަރާރުން ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ފަރީޝާ އާއެކު އިތުރު ދެ ބޭފުޅަކު ވަނީ އައްޔަނު ކުރައްވައިފައެވެ.

އެބޭފުޅުންނަކީ އަހުމަދު ނާޝިދު، މއ ގޯލްޑަންމޫން އާއި މިސްބާހު އައްބާސް، ބަހާރީވިލާ، ގދ. ރަތަފަންދޫ އެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވީ މަރުކޮމިޝަނުން ބަލަންޖެހޭ ކަންތައް ކަމަށް އާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ އަދި ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނާ މަތިކުރައްވާ ކަމަށެވެ.

އަދި އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އަޅަންޖެހޭ ހުރިހާފިޔަވަޅުތައް އެޅުމަށާއި ޖިނާއީ މައްސަލަތައް ތަހުގީުކުރާ އިދާރާއަކަށް ލިބޭ ހިުރިހާ ބާރެއް ލިބޭ ކޮމިޝަނެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވައިފައެވެ.

ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސަށް ފެނިލައްވަންދެން އެ ކޮމިޝަން ދެމިއޮންނާނެ ކަމަށްވެސް ގަރާރުގައި ވިދާޅުވެފައި ވެއެވެ.

މަރުކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އަދި އެ މައްސަލަތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރުމަށެވެ.

މަރުކޮމިޝަނުން ވަނީ ވަގަށް ނަގައި، ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރިޕޯޓެއް ނެރެފައެވެ.

comment ކޮމެންޓް