ސުއޫދުގެ ވެބްސައިޓުން ގާނޫނީ ފޮތްތަކާއި އަގުހުރި ލިޔުންތައް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު --- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު ލިޔުއްވާފައިވާ ފޮތްތަކާއި، އިލްމީ ލިޔުއްވުންތައް އޮންލައިންކޮށް މުޅިން ހިލޭ ދޫކޮށްލައްވައިފި އެވެ.

ސުއޫދުގެ ލިޔުއްވުންތައް ޝާއިއުކުރުމަށް ހާއްސަ ވެބްސައިޓެއް ހައްދަވައި، ފޮތްތަކާއި ލިޔުއްވުންތަކާއި ސުޕްރީމް ކޯޓުގައި ކުރައްވާ ހުކުމްތައް މިހާރު ވަނީ އާންމުކުރައްވަން ފައްޓަވައިފަ އެވެ.

އެ ވެބްސައިޓުގައި ބުނެފައި ވަނީ އެއީ ސުއޫދު ލިޔުއްވާފައިވާ ލިޔުންތަކާއި، ފޮތްތަކާއި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އިއްވާ ރައުޔުތައް ޝާއިއުކޮށް، އާންމުކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

އެގޮތުން މިހާތަނަށް ލިޔުއްވި 11 ފޮތަކާއި، އަށް ލިޔުމަކާއި، ސުޕްރީމް ކޯޓުގައި އިއްވެވި 30 ރައުޔެއް ވަނީ ޝާއިއުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ގާނޫނާ ބެހޭ މަޒުމޫނުތަކާއި ފޮތްތަކާއި، ދުސްތޫރީ ތާރީހުގެ މުއްސަނދި ލިޔުންތައް ހިމެނެ އެވެ.

މިއީ މީގެކުރިން އޮންލައިންކޮށް ލިބެންހުރި ފޮތްތަކެއް ނޫނެވެ. ހުރިހާ ފޮތެއް ވެސް ބުކްޝޮޕްތަކުން ލިބެންހުރި ނަމަވެސް، އެއީ ބޮޑު އަގުގައި ކިޔަވާ ކުދިން ގަންގަން ޖެހޭ ފޮތްތަކެވެ. އެހެންކަމުން އަގަކާ ނުލައި އޮންލައިންކޮށް ފޮތްތަކާއި ލިޔުންތައް ޑައުންލޯޑު ކުރެވޭ ގޮތް ވުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ސުއޫދު ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ, އެލްއެލްބީ (އޮނަރސް) ހާސިލުކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިންނެވެ. އަދި 2002 ވަނަ އަހަރު އޮސްޓްރޭލިއާގެ ދަ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑް އިން އެލްއެލްއެމް ހާސިލު ކުރެއްވި އެވެ.

ސުއޫދު ވަނީ ދިވެހި ދައުލަތުގައި އާއި، ރާއްޖޭގެ ގާނޫނީ ދާއިރާގައި ގިނަ މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އަދި ގާނޫނީ ދާއިރާއިން ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ދޭ ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ވެސް 2011 ވަނަ އަހަރު، ސުއޫދު ވަނީ ހާސިލްކުރައްވައިފަ އެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަނުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ޗެއާމަން ކަމުގަ އެވެ.

comment ކޮމެންޓް