ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރަކަށް ސުއޫދު

ހުސްނުއްސުއޫދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓު ތަމްސީލުކުރުމަށް ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސައިފިއެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން މިހާތަނަށް ހުންނެވީ އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ސުޖޫންގެ މަގާމު ހަމަވާނީ މި އަހަރު ފަހުކޮޅުގައެވެ.

ސުޕްރީމް ކޯޓުން ބުނީ، ޖޭއެސްސީގައި އެ ކޯޓު ތަމްސީލުކުރުމަށް ފަނޑިޔާރު ސުއޫދު ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ނިންމެވީ މަގާމުގައި ހުންނެވި ފަނޑިޔާރު ޝުޖޫން ޖޭއެސްސީގެ މެންބަރުކަމުން ވަކިވުމުންނެވެ. ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީގެ މެންބަރުކަމުގައި ފަނޑިޔާރު ޝުޖޫން ކޮށްދެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައިފައެވެ.

ޝުޖޫން ޖޭއެސްސީގެ މެންބަރުކަމުން ވަކިވެވަޑައިގެން ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު ސުއޫދުއަކީ ގާނޫނީ ދާއިރާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 ވަނަ އަހަރު އޭނާ ވަނީ ޖޭއެސްސީގެ ކޮމިޝަންގެ މެންބަރުކަން ފުރުއްވާފައެވެ. އަދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު އަށެއްގައެވެ.

ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިޚާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިޚާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ވެސް އިންނަވައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.

comment ކޮމެންޓް