ދެއްވަދޫ ކްލަސްޓާގެ ކޮންޓެކްޓުންގެ ތެރޭގައި 101 ހައި ރިސްކު މީހުން

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ގއ. ދެއްވަދޫ -- ސެޓެލައިޓް ފޮޓޯ

ގއ. ދެއްވަދޫއިން މިފަހުން ފެނިގެން އުޅޭ ކޮވިޑް-19 ކްލަސްޓާގެ ކޮންޓެކްޓުންގެ ތެރޭގައި 101 ހައި ރިސްކު މީހުން ހިމެނޭކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ މިދިޔަ މަހު 23 އިން ފެށިގެން ދެއްވަދޫ ކްލަސްޓާއިން 52 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެެވެ.

އޭގެ ތެރެއިން 43 ކޭސް ދެއްވަދުއިން ފެނުނުއިރު ލ. ފޮނަދޫން ހަތަރު ކޭސް، ގއ. ދާންދުއިން ދެ ކޭސް އަދި ގއ. ވިލިނގިލިން އެއް ކޭސް އަދި ހުޅުމާލެއިން ދެ ކޭސް ވަނީ ފެނިފައެވެ.

އެ ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު 255 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު 101 ފަރާތެއް ފާހަގަވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ކްލަސްޓާއާ ގުޅިގެން 750 ސާމްޕަލެއް ނަގައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގއ. ދާންދޫގެ ކޭސްއާ ގުޅިގެން މިހާރު ވަނީ ގއ. އަތޮޅު ފެރީން ނުވައެއް ޖެނުއަރީގައި ދަތުރުކޮށްފައިވާ އެންމެން 23 ޖެނުއަރީއާ ހަމައަށް ކަަރަންޓީނުވާން އަންގައިފަ އެވެ.

ދެއްވަދޫ ކްލަސްޓާ ކޮންޓްރޯލްކުރަން މިހާރު ވަނީ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށްވެސް ލައިފަ އެވެ. އޭގެ ތެރޭގައި ގއ. ދެއްވަދޫ. އެއަތޮޅު ވިލިނގިލި އަދި ދާންދޫގެ އިތުރުން ލ. ފޮނަދޫ އަދި ލ. ގަން ހިމެނެ އެވެ.

comment ކޮމެންޓް