ގައުމީ އެއާލައިންގެ ވަރަ ބިނދި ވެއްޓެނީތަ؟

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ޖައްސާފައި އޮތް އިރު އެހެން ފްލައިޓެއް ރަންވޭގައި ޖައްސަން އަންނަނީ: ގައުމީ އެއާލައިންގެ މާލީ މައްސަލަތައް ވަނީ ކަންބޮޑުވާ ދަރަޖައަކަށް ވެއްޓިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިލިއަން ޑޮލަރުގެ އަގު ބޮޑު މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ނަން މަޝްހޫރުވެފައިވާ ރާއްޖޭން އަމިއްލަ ގައުމީ އެއާލައިންއަކާ އެކު ކޮށްފައި ވަނީ ނިޔާމަ ދަތުރެއް ނޫނެވެ. މީގެ 47 އަހަރު ކުރިން "އެއާ މޯލްޑިވްސް"ގެ ނަމުގައި ދުނިޔޭގެ ހުޅަނގާއި އިރަށް އުދުހުނު ގައުމީ އެއާލައިންއަށް އަމާން ބަނދަރަކާ ހަމަޔަށް ނާދެވި ދެން ދުވަހަކުވެސް ހިންދެމި ނުލެވޭ ހާލަތަކަށް އެ އެއާލައިން "ވެއްޓި" ބަނގުރޫޓްވީ 1977ގަ އެވެ.

ހާމަވެފައި ހުރި މަދު މައުލޫމާތުތަކުން އެނގޭ ގޮތުގައި އެއާ މޯލްޑިވްސްގެ ބަނގުރޫޓްވުމުގައި ފަހަތުގައި އޮތީ އެތައް އަހަރެއްގެ އިހުމާލެވެ. އެއް އިރެއްގައި ދިވެހީން ފަހުރުވެރިވި "އެއާ މޯލްޑިވްސް" 2،000 ވަނަ އަހަރު އުވާލިއިރު އެ އިހުމާލުތަކުން ލިބުނު ގެއްލުން 69.2 މިލިއަން ޑޮލަރަށް އަރަ އެވެ. އެ ދަތުރުން ފިލާވަޅު ލިބިގެން އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އުފަންކޮށް އެ ކުންފުނީގެ ބެލެނިވެރިކަމުގެ ދަށުން "މޯލްޑިވިއަން"ގެ ނަމުގައި އާ ގައުމީ އެއާލައިނެއްގެ ދަތުރު ފެށިތާ 21 އަހަރުވީ އިރު، ހިސާބު ނަމްބަރުން ފެންނަނީ އެއާ މޯލްޑިވްސްގެ ހިތި ނިމުމާ ދިމާލަށް މޯލްޑިވިއަން ވެސް ދަތުރު ކުރާ ތަނެވެ.

މޯލްޑިވިއަންގެ ކައުންޓަރުތަކުން ހިދުމަތް ދެނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެއާލައިންގެ މާލީ ހާލަތު ވަރަށް ނާޒުކު

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ އައިއޭއެސްގެ ބެލެންސް ޝީޓްތަށް ހާވާ ބަލާއިރު، ފެންނަ އެންމެ ކަންބޮޑުވާ މަންޒަރަކީ ކުރު ރާސްތާއެއްގައި އެ ކުންފުނީގެ ބިލްތައް އަމިއްލައަށް ދެއްކޭނޭ ގާބިލްކަން ކުންފުނީގައި ނެތުމެވެ. އައިއޭއެސްގެ ވިކުރާ ފޮތުން ދައްކަނީ އެ ކުންފުނި ބޮޑުތަނުން ދަރާ ވިކި ގޮތް ހުސްވާ މަންޒަރެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތައް ނޫނީ އެސްއޯއީތަކުގެ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ފައިނޭންޝަލް ރިވިއު ރިޕޯޓުގައިވާ ގޮތުން އުފުލޭ މުދަލާއި ނުއުފުލޭ މުދާ ބޭނުންކޮށްގެން ކުރު ރާސްތާގައި ކުންފުންޏެއްގެ ދަރަނި ދެއްކި ދާނެ މިންވަރު ވަޒަންކުރާ މިންގަނޑު، އައިއޭސްއެސްގެ "ކަރަންޓް ރޭޝިއޯ" ވަނީ 0.91 އަށް ވެއްޓިފަ އެވެ. އެ ނަމްބަރުން ބުނެދެނީ އައިއޭއެސްއިން ކުރު ރާސްތާގައި ކުރަން ޖެހޭ ހަރަދުތައް ފޫބެއްދޭ ވަރަށް ވެސް ކުންފުނީގެ ތަނަވަސްކަން ނެތުމެވެ.

ރިޕޯޓުގައި ފާހަގަ ކުރި ގޮތުގައި ކަރަންޓް ރޭޝިއޯ އެކަކަށް ވުރެވެސް ދަށަށް ވެއްޓުމަކީ ވަރަށް "ކުރިޓިކަލް" ފައްތަރަކަށް ކުންފުނި ވެއްޓިފައިވާކަން ދަލީލް ކުރާ ކަމެކެވެ. ކަރަންޓް ރޭޝިޔޯ އެކަކަށް ވުރެވެސް ދަށްވުމުން ދައްކުވައި ދެނީ ކުރު މުއްދަތުގައި ކުރަން ޖެހޭ ހަރަދުތައް ކުރެވޭނޭހާ މާލީ ގާބިލްކަން އައިއޭއެސްގައި މިހާރު ނެތް ކަމެވެ.

މޯލްޑިވިއަންގެ ފްލައިޓެއް މާފަރު އެއާޕޯޓަށް ޖައްސަން އަންނަނީ -- ސަން ފޮޓޯ

އެ ހާލަތު އިތުރަށް ނާޒުކުވާ ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަ ކުރަނީ އައިއޭއެސްގެ ކަރަންޓް އެސެޓުގެ ބޮޑު ބައެއް ހިއްސާ ކުރާ "ޓްރޭޓް ރިސީވެބުލްސް"، ނުވަތަ ކުންފުނިން ކޮށްފައިވާ ބިލްތަކަށް ލިބެން ހުރި ފައިސާ ނުލިބި ދުވަހެއް ދުވަހަކަށް އެ އަދަދު އިތުރުވެ ބޮޑުވަމުން ދިއުމެވެ. އެގޮތުން ކުންފުންޏަށް ލިބެން ހުރި ފައިސާގެ އަދަދު 45 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ބެލެންސް ޝީޓުން ދައްކާއިރު، ރިޕޯޓުގައި ފާހަގަ ކުރީ އެގޮތަށް ދިމާވީ ކޮވިޑާ އެކު މޯލްޑިވިއަނުން ކުރި ދަތުރުތަކުގެ ބިލްތަކަށް ފައިސާ ލިބިފައިނެތުމުންނެވެ.

ބެލެންސް ޝީޓުން ދެން ހާމަވި އަނެއް ކަމަކީ އެ ކުންފުނީގެ ބޭންކު އެކައުންޓުގައި އައިއޭއެސްގެ ހަރަދުތަކަށް ފުދޭ ވަރަށް ފައިސާ ނެތުމުން އެ ހަރަދުތައް ހަމަޖައްސަން ބަރޯސާވާން ޖެހިފައި ވަނީ ބޭންކު އޯވަޑްރާފްޓް ނުވަތަ ބޭންކު ދަރަންޏަށް ކަމެވެ. ބެލެންސްޝީޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު އައިއޭއެސްއިން ވަނީ ބޭންކު އޯޑީ ފެސިލިޓީގެ ތެރެއިން 84 މިލިއަން ރުފިޔާ ދަރަންޏަށް ނަގައިފަ އެވެ. އަދި އެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ކުރު ރާސްތާގެ ހަރަދުތައް ހަމަޖެއްސޭ ވަރަށް ވެސް ކުންފުނީގައި އެއްވެސް މިންވަރަކަށް ފައިސާއެއް ނެތް ކަމަށް އައިއޭއެސްގެ ފައިނޭންޝަލް ރިވިއުއިން ހާމަވެ އެވެ.

ނަތީޖާއަކަށް ވަނީ މިދިޔަ އަހަރު ފެށުނު އިރަށް ވުރެ ބޭންކު މެދުވެރިކޮށް އެ ކުންފުނިން ނަގާފައިވާ ދަރަނި ދެވަނަ ކުއާޓަރުގައި 9.6 މިލިއަން ރުފިޔާ އިތުރުވުމެވެ. ކުންފުނީގެ އަމިއްލަ ފައިސާއިން ކުރު ރާސްތާގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު ދައްކުވައިދޭ "ކޭޝް ރޭޝިއޯ" ވަނީ މައިނަސް 0.09- އަށް ވެއްޓިފަ އެވެ. އަދި ކުންފުނީގެ އޮޕަރޭޝަންތަކުގެ 49 ޕަސެންޓް ފަރު ޖައްސަން ޖެހިފައި ވަނީ ދަރަންޏަށް ފައިސާ ނަގައިގެންކަން ހިސާބުތަކުން ދައްކަ އެވެ. އަދި ކުންފުނީގެ ހާލަތު މިހާރު އޮތް ގޮތުން ކުންފުނިން ނަގާފައިވާ ދަރަނިތަކުގެ އަގު ނުވަތަ ދަރަނީގެ އިންޓަރެސްޓަށް ވެސް ފައިސާ ދެއްކޭ ވަރުގެ ގާބިލްކަން ވެސް އެ ކުންފުނީގައި ނެތެވެ. އެހެންވެ، އެ ކުންފުނީގެ އިންޓަރެސްޓް ފައިސާ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު ވަޒަން ކުރާ މިންގަނޑު، "އިންޓަރެސްޓް ކަވާ ރޭޝިއޯ" ވަނީ މައިނަސް 775.2- އަށް ވެއްޓިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މި ހުރިހާ ނަމްބަރުތަކެއް ތަރުތީބުން އަތުރާލުމުން ފެންނަ މަންޒަރަކީ ގައުމީ އެއާލައިންގެ މާލީ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ކަމެވެ. ދުވަހުން ދުވަހަށް އެއާލައިނުން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އެ ކުންފުނީގެ މާލީ ގާބިލްކަން ހުރި ކަމާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ. ކޮވިޑާ އެކު އެ ހާލަތު އިތުރަށް ގޯސްވެ ބޮޑުވަމުން ވެސް އެބަ އާދެ އެވެ. ސުވާލަކީ ގައުމީ އެއާލައިނު މި ހާލުގައި އޮވެވޭނީ ކިހާ ދުވަހެއް ވަންދެއް ހެއްޔެވެ؟

ކޮވިޑާ އެކު ރިހޭ ފައިމައްޗަށް ފޮއި

ދުނިޔޭގެ އެހެން އެއާލައިންތަކެކޭ އެއްގޮތަށް މޯލްޑިވިއަންގެ ބޯޓުތައް ވެސް އުދުހުން ހުއްޓާލައި އެތައް މަހެއްގައި ޕާކުކޮށްފައި އޮންނަން ޖެހުމުން އެ ކުންފުނީގެ އާމްދަނީން ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. ބެލެންސް ޝީޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު އެ ތިން މަސް ދުވަހު އެކަނި އެ ކުންފުނީގެ އާމްދަނީން 257 މިލިއަން ރުފިޔާ ގެއްލި ޖުމްލަ އާމްދަނީ ވަނީ 109.4 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ހަރަދާއި ޓެކުހަށް ކެނޑުމަށް ފަހު އެ ކުންފުންޏަށް ވަނީ 129.5 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ. އޮޕަރޭޝަންތައް މަޑުޖެހުމުން އެއާލައިންގެ ހަރަދު 45.4 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ނަމަވެސް، އެކަމުން އައިއޭސްއެއަށް މާ ބޮޑު ލުޔެއް ނުލިބުނެވެ. އެއީ، އާމްދަނީ ލިބުނު ވަރަށް ވުރެ ވެސް ކުންފުނީގެ ހަރަދު އިތުރުވެފައި ވާތީ އެވެ.

ގައުމީ ޒިންމާގެ ނަމުގައި މޯލްޑިވިއަންއިން ކުރަން ޖެހުނު އެތައް ހަރަދަކަށް އެ ކުންފުންޏަށް ފައިސާ ނުލިބި މޯލްޑިވިއަންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ފައިނޭންޝަލް ރިވިއުއިން ދައްކަ އެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ކައިރީ އެ ކުންފުނީގެ މުވައްޒަފުން --

މި މައްސަލައާ ގުޅުވާއިރު އެއާ މޯލްޑިވްސް ހަލާކުގެ މަަގަށް ވެއްޓި ދިޔައީ ވިޔަފާރީގެ ވިސްނުމަށް ނުބަލައި ތަކުރާރުކޮށް ނެގުނު ގޯސް ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެހެންވީ އިރު މޯލްޑިވިއަން ވެސް މި ހަނދަނީ ހަމަ އެ ގޯސްތަކާއި ނުބައި ހެއްޔެވެ؟ ވިޔަފާރީގެ ވިސްނުން އެއް ފަރާތްކޮށްފައި ބޮޑު ގެއްލުންވާ ގޮތަށް މޯލްޑިވިއަނުން އަޅާ ކޮންމެ ފިޔަވަޅަކީ އެއާ މޯލްޑިވްސްގެ ހިތި ނިމުމާ ކައިރިއަށް މޯލްޑިވިއަން ގެންދާނެ ކަމެއް ނޫން ހެއްޔެވެ؟

އެސްއޯއީތަކުގެ ރިވިއުގައި އައިއޭއެސްއާ ގުޅޭ ގޮތުން ކަންބޮޑުވުމާ އެކު ފާހަގަކޮށްފައި ވަނީ ނުލިބި ހުރި ފައިސާ ކުންފުންޏަށް އަނބުރާ ހޯދުމަށް އެކަށީގެންވާ އަވަސް ފިޔަވަޅު އަޅައި ކުރިޑިޓް ކޮންޓްރޯލް ނިޒާމުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، ކުންފުނީގެ ހަރަދުތައް ހަމަޖައްސަން އިތުރަށް ކެޕިޓަލް ހޯދުމުގައި އައިއޭއެސް ފެއިލްވުމުގެ ފުރުސަތު އޮތްކަން ވެސް ރިވިއުގައި ފާހަގަ ކުރެ އެވެ. އަދި އެ ކުންފުނިން ދައްކަން ހުރި ބިލްތައް ނުދެއްކި ފުނި ޖެހެމުން މިހާރުވެސް ދާއިރު އައިއޭއެސް މިހާރު ސޮއްސާލާފައި އޮތް ހިސާބަށް ވުރެ މާ ދަށް ހާލަތަކަށް ކުންފުނި ވެއްޓުން ވަނީ ވުން ކައިރި ކަމަކަށް ވެފަ އެވެ.

ގޯހަކީ ހަރަދު ބޮޑުވުން

މި ސަރުކާރު އައިއިރު، އައިއޭއެސްގެ މާލީ ހާލަތު އެހާ ގޯހެއް ނޫނެވެ. އާދައިގެ ވަރެއްގައި މާލީ ހާލަތު ހިފެހެއްޓިފައި އޮތް ނަމަވެސް މި ސަރުކާރު ހަވާލުވެ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އައިއޭއެސްގެ މާލީ ހާލަތު ދަށްވާ ކަމުގެ ނިޝާންތައް ހިސާބުތަކުން ފެންނާން ފެށި އެވެ. ފިނޭންސުން އާންމުކޮށްފައި ހުރި އައިއޭއެސްގެ ބެލެންސް ޝީޓްތަކަށް ބަލާއިރު 2018 ވަނަ އަހަރު ނިންމާލިއިރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެ ކުންފުނީގެ ސާފު ފައިދާ 93 ޕަސެންޓް ދަށްވި އެވެ. އަދި އެ ކުންފުނިން ކުރާ ވިޔަފާރިން ފައިދާ ނެރެވޭ ނިސްބަތް ނުވަތަ "ނެޓް ޕްރޮފިޓް މާޖިން" 11.73 އިން 0.81 އަށް ވެއްޓުނެވެ.

ފިނޭންސުގެ އެސްއޯއީ ރިޕޯޓުގައި ފާހަގަ ކުރި ގޮތުގައި އެގޮތަށް ދިމާވީ ކުންފުނީގެ މުސާރަ ތަކާއި އިދާރީ ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ. ނަތީޖާއަކަށްވީ، ކުންފުނީގެ ހިންގުމުގެ ފައިދާ 86 ޕަސެންޓް ހީނަރުވުމެވެ. އެގޮތުން "އޮޕަރޭޓިން ޕްރޮފިޓް މާޖިން" ނުވަތަ ކުންފުނީގެ ހަރަދުތައް ކޮށްފައި ލިބޭ އާމްދަނީއަކުން ފައިދާ ނެރެވޭ ނިސްބަތް، 2018 ވަނަ އަހަރު ނިމުނު އިރު 15.41 އިން 2.08 އަށް ވެއްޓުނެވެ. މީގެ އިތުރަށް ވެސް ފްލައިޓް ޑިލޭ ވެގެން ކުރަން ޖެހޭ ހަރަދުތަކާއި މެއިންޓަނެންސް ހަރަދުތަކުން ވެސް 76 މިލިއަން ރުފިޔާ ބޮޑުވި އެވެ.

މި ގޯސްތައް ނަމްބަރުން ފެންނާން ފެށުމުން ފައިނޭންޝަލް ރިވިއުގައި ފާހަގަ ކުރަނީ ހަރަދު ކުޑަކުރަން އަވަސް ފިޔަވަޅު އަޅައި ހަރަދު ކުޑަކުރުމުގެ ސްޓްރެޓެޖީއަކަށް ކުންފުނި ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ހަރަދުތައް ކުޑަނުވެ ކޮވިޑާ ހަމައަށް ވެސް އައިއޭއެސްގެ ހަރަދުތައް ދިޔައީ ބޮޑުވަމުންނެވެ.

މާޗް 23، 2020: މޯލްޑިވިއަންގެ ފްލައިޓެއް އެއާޕޯޓުގައި -- ސަން ފޮޓޯ. ފަޔާޒު މޫސާ

އެންމެ ފަހުން މި މަހުގެ ތެރޭގައި އާންމު ކުރި އައިއޭއެސްގެ ފައިނޭންޝަލް ރިވިއުގައި ވެސް ވަނީ ހިންގުމުގެ ހަރަދު ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖް ކުރެވޭނެ ލެވަލްއަކަށް ކުންފުނީގެ ހަރަދު ގެންނަން އައިއޭއެސްއިން ވިސްނަން ޖެހޭކަން ކަންބޮޑުވުމާ އެކު ފާހަގަކޮށްފަ އެވެ. އެހެން ވީމާ ގައުމީ އެއާލައިނުން މިފަހަރުވެސް ހަދަން ފެށި ގޯހަކީ ވިސްނުމެއް ނެތި، ތަފާސްހިސާބަށް ބެލުމެއް ނެތި ހަރަދުތައް ބޮޑުކުރުމެވެ. މިއަދު ކުންފުނި އުފުލަން ޖެހިފައިވާ ވޭނުގެ ބޮޑު ބައެއް ހިއްސާކުރަނީ "އިސްރާފު" ބޮޑުވުމެވެ. އަދި މި ފެންނަނީ ވިޔަފާރީގެ ވިސްނުން އެއް ފަރާތްކޮށް އެހެން ޒާތްޒާތުގެ ވިސްނުމަށް ނިންމުންތައް ދީލައިލުމުގެ ހިތި ނަތީޖާ އެވެ.

ދެން އިތުރަށް އެހީ ނުލިބި ގައުމީ އެއާލައިން މާގިނަ ދުވަހު ހިފެހެއްޓިދާނެ ހެއްޔެވެ؟ އެއީ ކުރިއަށް އޮތް ދުވަސްތަކުގައި ޖަވާބު ލިބޭން އޮތް ސުވާލެކެވެ. ހަމަ ގައިމުވެސް ހިސާބު ނަމްބަރުން ފެންނަނީ މޯލްޑިވިއަންގެ މަންޒިލް އަދި އުޖާލާ ނޫން ކަމެވެ. އަދި އެ އެއާލައިންގެ މިސްރާބު ހުރީ މުޅިން ރަނގަޅަށް ނޫން ކަމެވެ. އާ އެމްޑީއަކަށް އޮތް ޗެލެންޖަކީ ގައުމީ އެއާލައިނަށް ނިޔާމަ ދަތުރެއް ހޯދައިދިނުމުގެ މަސައްކަތެވެ.

comment ކޮމެންޓް