އަނިޔާއާއި ބޭއިންސާފުގެ ހާއްޔަކުން އަތުލި ތުއްތު ފުރާނަ!

އިބްތިހާލް -- ފޮޓޯ/ އަސަދު ފޮޓޯގްރަފީ

މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން، 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު މުޅި ރާއްޖެ ސިއްސުވާލީ، ވ. ރަކީދޫގައި މަޔަކު ތުއްތު ކުއްޖަކަށް ލާއިންސާނީ އަނިޔާކޮށް މަރާލި ހަބަރުންނެވެ. ބަނޑުއަޅައި ވިހެއި ދަރިފުޅު މަރާލި މަޔަކީ އާފިޔާ މުހައްމަދު މަނިކެވެ. މަންމަގެ އަނިޔާތަކުގެ ޝިކާރައަކަށްވެ، އެތައް ޒަހަމަކާއި ލަކުނަކާ އެކު ބަރަހަނާ ހާލުގައި އޮވެ، ފަހު ނޭވާ ދޫކޮށްލީ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލެވެ.

މީޑިއާ އާއި ދިވެހި ރައްޔިތުންގެ ސަމާލުކަން ހުއްޓުނު އެ މަރަކީ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ރާއްޖޭގައި ހިނގި އެންމެ ރަހުމްކުޑަ މަރެވެ. މައްސަލައިގެ ތަހުގީގާ ހިސާބުން ވެސް އާފިޔާ ވަނީ އިބްތިހާލަށް އެކި ދުވަސް މަތިން އަނިޔާކުރި ކަމަށާއި، އިބްތިހާލްގެ ކަރުގައި ހިފާ އެ ތުއްތު ކުއްޖާ މަރާލިކަމަށް އެއްބަސްވެފަ އެވެ. މައްސަލައިގެ ޝަރީއަތް ފެށި ފަހުން އާފިޔާ ދައުވާއަށް އިންކާރު ކުރި ނަމަވެސް، އިބްތިހާލް މަރާލި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ތަހުގީގުގައި ކިޔައިދީފަ އެވެ. ފުލުހުންގެ ކެމެރާތަކުގައި އެ މަންޒަރުތައް ވަނީ ރެކޯޑްކޮށްފަ އެވެ. އަދި އިބްތިހާލާ މެދު އެހާ ނަފްރަތު ކުރާ ސަބަބު ވެސް އާފިޔާ ވަނީ ތަހުގީގުގައި ކިޔައިދީފަ އެވެ.

އާއިލާ އާއި މުޖުތަމައުން އާފިޔާއަށް ދިން އަނިޔާ!

އާފިޔާ ތަހުގީގަށް ދީފައިވާ 14 ސަފްހާގެ ބަޔާނާއި، ސައިކޮލޮޖިކަލް އެސެސްމަންޓުންނާއި އަދި އެހެނިހެން ހެކީންގެ ބަހަށް ބަލާއިރު، އާފިޔާ އަށް އެންމެ ކުޑައިރުން ފެށިގެން އޭނާގެ އާއިލާ އާއި މުޖުތަމައުގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ހާމަވެ އެވެ.

އާފިޔާގެ އުމުރުން ހަތް އަހަރުގައި އޭނާގެ ބައްޕަ ނިޔާވެފައިވާއިރު، އޭނާ ދިރިއުޅެމުން ދިޔައީ އާއިލާއާއެކު ބައްޕަގެ ގޭގަ އެވެ. އޭރުވެސް މަންމަ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން، އާފިޔާ އާއި އޭނާގެ ކޮއްކޮމެންގެ ގައިގައި ތަޅާ އަނިޔާކުރެ އެވެ. އޭރު އާފިޔާމެން ވެސް ދިރިއުޅެމުން ދިޔައީ އެކި ގޭގޭގައި މަސައްކަތް ކޮށްދީގެންނެވެ.

އެގޭގައި ދިރިއުޅެމުން ދިޔައިރު އާފިޔާގެ ބޮޑުދައިގެ ފިރިމީހާ އާފިޔާއާމެދު އެކި ފަހަރު މަތިން ބަދުއަހުލާގީ އަމަލުހިންގާފައިވާ ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އެވާހަކަ އޭނާގެ މަންމައަށާއި ބޮޑުދައިތައަށް ކިޔައިދިން ނަމަވެސް އެއްވެސް މީހަކު އެވާހަކަ ގަބޫލެއް ނުކުރި އެވެ. އާފިޔާ ދޮގު ހަދަނީ ކަމަށް ބުނެ ރަށު ތެރޭގައި އާފިޔާއާ ގުޅޭގޮތުން އެކި ކަހަލަ ވާހަކަ ދައްކައި އޭނާ ބަދުނާމު ކުރަމުން ދިޔައީ ވެސް އޭނާއަށް ރައްކާތެރިކަމާއި އަޅާލުން ދޭން ތިބި މީހުންނެވެ.

އާފިޔާ މާލޭގައި ކިޔަވަން ބެހެއްޓި ގޭގެ ފިރިހެނަކު ވެސް ވަޅިންނާއި އެކި ގޮތްގޮތުން ބިރުދައްކައި، ތަކުރާރުކޮށް އާފިޔާ ރޭޕްކޮށްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ފަހުން މ. މަޑުއްވަރިއަށް ކިޔަވަން ގޮސް ހުރި ގެއިން ވެސް އާފިޔާއަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނެވެ.

ހަތަރު އަހަރު ފަހުން އޯލެވެލް ނިންނައި އާފިޔާ ރަށަށް ދިޔައިރު މަންމަ އުޅެނީ އިސްމާއިލް ރައޫފް ކިޔާ މީހަކާ ކައިވެނިކޮށްގެންނެވެ. ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އަދި ދުވަސްކޮޅެއް ތެރޭ އެމީހުން ކެޔޮދޫއަށް ބަދަލުވުމުން، އާފިޔާގެ ހާލަތު ހުރިގޮތުން މަޖުބޫރުވީ ކެޔޮދޫއަށް ބަދަލުވާށެވެ.

ކެޔޮދޫއަށް ބަދަލުވި ފަހުން، އޭނާގެ މަންމަ އާއި ދޮންބައްޕަ އާފިޔާއަށް މަޖުބޫރު ކުރުވީ ހަށި ވިއްކާށެވެ. އާފިޔާގެ ނުރުހުމުގައި އެ ދެމީހުން ވަނީ އާފިޔާގެ ކޮޓަރިއަށް އެތައް ފިރިހެނުންނެއް ވައްދައިފަ އެވެ. އެމީހުން އާފިޔާ ރޭޕް ކުރަމުން ދިޔައީ ދޮން ބައްޕަ އާއި މަންމައަށް ފައިސާ ދީގެންނެވެ. އެކަމަށް އިންކާރު ކޮށްފި ނަމަ، އެ ދެމަފިރިން ވެގެން އާފިޔާ ގައިގައި ތަޅާ އަނިޔާކުރާ ކަމަށް ބުނެފައިވެ އެވެ.

އާފިޔާ ކިޔައިދިން ގޮތުން، ދުވާލެއްގެ މައްޗަށް އޭނާއާއެކު އެތައް ބަޔަކު ގަދަކަމުން ގުޅުން ހިންގަ އެވެ. އޭނާ ރޭޕް ކުރީ ކިތައް މީހުންކަން ބުނެދޭން ވެސް އޭނާއަކަށް ނޭނގޭ އެވެ. އަދި ފަހުން ފަހުން އައިސް އޭނާގެ ގަޔަށް އަރަންފެށީ ދޮން ބައްޕަ، ރައޫފެވެ. އަދި ދޮން ބައްޕަ ބަރަހަނާ ހާލުގައި އޮވެ އާފިޔާ ރޭޕް ކުރަމުން ދާއިރު، އާފިޔާގެ މަންމަ އެ މަންޒަރު ބަލަން ހުންނަ ކަމަށާއި، ގަދަހަދައިފި ނަމަ އާފިޔާގެ ގައިގައި ތަޅާ އަނިޔާކޮށް، ދޮން ބައްޕައާއެކު ގުޅުން ހިންގަން މަންމަ މަޖުބޫރު ކުރާ ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.

ދޮން ބައްޕަ އާފިޔާއާ ބެހުނީ ކިތައް ދުވަހު، ކިތައް ފަހަރު ކަމެއް ނޭނގެ އެވެ. ގިނަ ދުވަސް ދުވަހު އާފިޔާއަށް ހޭލެވޭއިރު ދޮންބައްޕަ އޭނާގެ ކައިރީގައި އިނދެ އެވެ. އޭރު އާފިޔާގެ ހަށިގަނޑުގައި ފޭރާމެއް ނޯވެ އެވެ.

ދެމަފިރިން ވެގެން އާފިޔާގެ ހަށިވިއްކަމުން ދަނިކޮށް އާފިޔާ ދަރިއަކަށް ބަލިވެ އިންކަން އެނގި، އެ ދަރިފުޅު ވައްޓާލަން އެކި ގޮތްގޮތުން މަސައްކަތް ކުރި އެވެ. އެގޮތުން ފަންޑިތަ ހަދައިގެންނާއި، ބަނޑުގައި ބާރުކޮށް ފޮތި އޮޅައި އަދި ފަޅޯ ފަދަ އެއްޗެހި ކާންދީގެން ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަން އުޅުނެވެ.

ނަމަވެސް އާފިޔާ ވަނީ އެކަމާ ދެކޮޅު ހަދައި އެނބުރި ރަކީދޫއަށް ގޮސްފަ އެވެ. އާފިޔާގެ މިހާރުގެ ފިރިމީހާ، އިބްރާހީމް ޝަފީގް އާ ދިމާވީ އެ ދަތުރުގަ އެވެ. ދެމީހުން ކައިވެނި ކޮށްފައި ވަނީ އާފިޔާ ވިހައި ގަދަވުމަށްފަހު އެވެ. އާފިޔާ ވިހެއި ދަރިފުޅަކީ، އިބްތިހާލް އެވެ.

އާފިޔާގެ ރުޅިއާއި ބަދަލުހިފުމުގެ ރޫހު ވަރަށް ގަދަ!

އާފިޔާގެ ސައިކޮލޮޖިކަލް އެސެސްމަންޓުން އެނގުނު ގޮތުގައި، އާފިޔާ އިބްތިހާލް މަރާލި އިރު އޭނާގެ ކިބައިގައި ހޭބުއްދި ފިލައިދާފަދަ އެއްވެސް އަލާމާތެއް ނެތެވެ. ސައިކޯޓިކް ސިމްޕްޓަމްސް ވެސް ނެތެވެ. އަދި އޭނާއަކީ ވިސްނުމުގައި ނުކުޅެދުންތެރިކަމެއް ހުރި މީހެއް ވެސް ނޫނެވެ.

އެސެސްމަންޓު ހަދަމުން ދިޔަ އިރު އާފިޔާ ބުނެފައި ވަނީ އިބްތިހާލް ދެކެ ރުޅި އާދެވެނީ ރަށު މީހުން ކުރާ މަލާމާތުގެ ސަބަބުން ކަމަށެވެ. އަދި މިހާރު އޭނާއަކީ މީހުން މަރާ މީހެކޭ ކިޔާތީ ދެރަވާ ކަމަށާއި، އިބްތިހާލް މަރާނުލެވުނު ނަމައޭ ހިތަށް އަރާ ކަމަށް ވެސް ބުނެފައިިވެ އެވެ.

"މީހުން ނުއެއް މަރަން. ރުޅި އާދެވުނީމަ ކުރެވުނު ކަމެއް އެއީ،" އާފިޔާ ބުނެފައިވެ އެވެ.

އާފިޔާގެ އެސެސްމަންޓުން ފާހަގަކުރެވުނު ގޮތުގައި، އަމިއްލައަށް ކޮންޓްރޯލް ނުވާ ވަރަށް އޭނާ ރުޅި ގަދަވެ އެވެ. އެންމެ ކުޑައިރުން ފެށިގެން އޭނާ އަކީ ރުޅި ގަދަ މީހެއް ކަމަށާއި، ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާކަމަށް ބުނެފައިވެ އެވެ.

އާފިޔާގެ ތޫނުފިލިކަން އާދައިގެ މީހެއްގެ ކިބައިގައި ހުންނަ ވަރަށް ހުރި ނަމަވެސް ހިތާމަކުރުމުގެ ބައްޔާއި ހާސްކަން މެދުމިންވަރެއްގައި ހުއްޓެވެ.

ސައިކޮލޮޖިކަލް އެސެސްމަންޓުގައި ފާހަގަކޮށްފައި ވަނީ އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް އާފިޔާގެ ރުޅި އެބަހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި އާފިޔާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރުވުން އެކަށީގެންވާ ކަމަށެވެ. އަދި އާފިޔާ އެކަހެރިކޮށް އެހެން މީހުންނާ ވަކިން ގެންގުޅެންޖެހޭ ސަބަބުތައް ހުރި ކަމަށެވެ.

އޭގެ އިތުރުން ދެކޮޅުވެރި ހިޔާލާއި ބަދަލުހިފުމަށް ބޭނުންވުން އިންތިހާއަށް މަތީ ދަރަޖައަކަށް އާފިޔާގެ ކިބައިގައި ހުއްޓެވެ. އެގޮތުން އާފިޔާގެ ދޮން ބައްޕަ މަރާލަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ވަރަށް ރުޅި އާދޭ. ހިތަށް އަރާ މަރާލަފާނަމޭ ވެސް. އެގޮތަށް ހެދީމައި،" ދޮން ބައްޕަ އާ ގުޅޭގޮތުން އާފިޔާ ބުނެފައިވެެ އެވެ.

އިބްތިހާލްގެ ފަހު ދުވަސް!

އާފިޔާ ކިޔާދީފައިވާ ގޮތުން، އޭނާ އިބްތިހާލާ މެދު އެހާބޮޑަށް ނަފުރަތު ކުރަނީ ރަށުގެ މީހުން ކުރާ މަލާމާތުގެ ސަބަބުންނެވެ. އިބްތިހާލަކީ އާފިޔާގެ ދޮން ބައްޕަ، އިސްމާއީލް ރައޫފުގެ ދަރިއެއް ކަމަށާއި، އިބްތިހާލުގެ އުޅުމާއި ހިނގުން ވެސް ރައޫފާ ވައްތަރުކަމަށް މީހުން ކިޔާތީ އެވެ. އަދި މީހުން އެހެން ކިޔާ ވަރަކަށް، އާފިޔާއަށް ވެސް އިބްތިހާލާއި ރައޫފާ ވައްތަރުވާން ފެށީ އެވެ.

ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ އާފިޔާ ވަނީ އޭނާގެ ރައްޓެއްސެއް ކައިރީ ވެސް އިބްތިހާލް ބަސް ނާހާ ވާހަކަ ދައްކައިފަ އެވެ. އެރޭ ދެއްކި ވާހަކަތަކުގެ ތެރެއިން، އިބްތިހާލް "ޖެހި ޖެހީނުން މަރާލައި، ފޮށްޓަކަށް ލައި މޫދަށް އެއްލާލާށޭ" އެކުވެރިޔާ ބުނި ކަމަށް އާފިޔާ ވަނީ ބުނެފަ އެވެ.

އެކުވެރިޔާ އެވާހަކަ ދެއްކީ ސީރިއަސް ކަމެއް ނެތި ނުވަތަ އެ މަގުސަދުގައި ނޫން ނަމަވެސް، އެ ވާހަކަތަކުގެ ސަބަބުން އާފިޔާއަށް "ހިތްވަރު ލިބުނު" ކަމަށް ބުނެފައިވެ އެވެ. އަދި ޖެހިގެން އައި ދުވަސް، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު، އާފިޔާ ނިދާ ހޭލިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ހިޔާލެކެވެ. ޓައިލްސް މަތީގައި ބޯދަށަށް ބާލީހެއް ލައިގެން ނިދާފައި އޮތް ތުއްތު އިބްތިހާލް މަރާލުމުގެ ހިޔާލެވެ.

"ނޭނގޭ ކީއްވެކަމެއް، އެދުވަހު ހޭލި އިރު ހުރީ އިބްތިހާލް މަރާލުމުގެ ހިޔާލު. އިތުރު އެއްވެސް ހިޔާލެއް ނާދޭ. ހަމަ މަރާލަން. ދެން އަޅުގަނޑު ހިތަށް އެރީ އެކުއްޖާ މަރާލަން. އޭރުން އަނިޔާ އާއި ގޯނާއިން ސަލާމަތް ވީއޭ. ރަށު މީހުން ބުނަނީ ބޮޑުވީމާ ދަރިފުޅު ދުވާނީ އަންހެން ކުދިން ފަހަތުން ކަމަށް. އެކުއްޖާގެ ބައްޕަ، އާފިޔާގެ ދޮން ބައްޕަ އުޅޭ ގޮތަށް އަންހެން ކުދިން ފަހަތުން ދުވާނޭ އިބްތިހާލް ބޮޑުވެގެން، މީހުންނަށް އަނިޔާކޮށް ގެއްލުން ދޭނޭ،" އާފިޔާ ކިޔައިދީފައިވެ އެވެ.

އެދުވަހު ގޭގައި އުޅުނީ އާފިޔާ އާއި އޭނާގެ ތިން ކުދިން އެކަންޏެވެ. އާފިޔާގެ ފިރިމީހާ ވީ މަސައްކަތުގައި ފުލިދޫއަށް ގޮހެވެ. އިބްތިހާލް ދެކެ ހިތުގައި އުފެދިފައި އޮތް ރުޅިވެރިކަމާއި ނަފްރަތުގެ ސަބަބުން، އަންހެން ދަރިފުޅު ކޮޓަރިން ބޭރަށް ލުމަށްފަހު، އާފިޔާ މިސްރާބު ޖެހީ ބިންމަތީގައި އޮތް އިބްތިހާލާ ދިމާލަށެވެ.

އާފިޔާއަށް ފުރަގަސްދީގެން އޮތް އިބްތިހާލް އޮތީ ހޭލާ ކަމެއް ނުވަތަ ނިދާފައި ކަމެއް ނޭނގެ އެވެ. އާފިޔާ ގޮސް އިބްތިހާލްގެ ކޮނޑުގައި ހިފާ އުޑުތިލަމައްޗަށް ވާގޮތަށް ފުރޮޅާލީ އެވެ. އެއަށްފަހު އިބްތިހާލްގެ ކަރުގައި ކަނައަތުން ހިފައި ނޭވާ ހާސްކުރުމުގެ ގޮތުން ކަރަށް ފިތައި ބާރުކުރަމުން ދިޔައިރު މައުސޫމް އިބްތިހާލް އޮތީ އޭނާއާ ދިމާލަށް ބަލަން ކަމަށް އާފިޔާ ބުނެފައިވެ އެވެ.

އާފިޔާ އިބްތިހާލުގެ ކަރަށް ބާރު ކުރަމުން ދަނިކޮށް، މަޑުމަޑުން އިބްތިހާލް ގޮވާލީ "މަންމާ" އެވެ. މަރުވުމުގެ ކުރިން އެކުއްޖާގެ އަނގައިން ބޭރުވި އެންމެ ފަހު ބަހަކީ އެއީ އެވެ. ނަމަވެސް ދެންވެސް އާފިޔާ އުޅުނީ އެކުއްޖާގެ ނޭވާ ހާސްކުރާށެވެ. އެހެން އުޅެނިކޮށް އިބްތިހާލްގެ ހަށިގަނޑަށް ވާންވެ، އެކުއްޖާ ކުއްލިއަކަށް ތެޅިގަތެވެ. އަދި އަނގައިން ލޭވެސް ފޭބި ކަމަށް އާފިޔާ ކިޔައިދީފައިވެ އެވެ.

ކަރުން ދޫކޮށްލި އިރުވެސް އިބްތިހާލްގެ ހަރަކާތް ހުއްޓެވެ. އެވަރުން ވެސް އާފިޔާގެ ހިތެއް ނުފުރުނެވެ. ދެން އާފިޔާގެ ދަށް ފައިން، އެ ތުއްތު ކުއްޖާގެ މޭ މަތީގައި ތިން ފަހަރު ވަރަށް ބާރަށް ޖެހި އެވެ. އެއަށްފަހު ކަށިމަތީގައި ވެސް ފައިން ޖެހި އެވެ. އެގޮތަށް އަނިޔާ ދިނުމަށް ފަހު، އާފިޔާގެ ގޮށްމުއް ކަވާފައި ޖެހީ އިބްތިހާލްގެ ދަތްދޮޅި ދަށުގަ އެވެ. އަދި ވައަތު ކަންކަށި މަތީގައި ވެސް ޖަހާފައި ކޮޓަރިން ނުކުމެގެން ދިޔައީ އެވެ. އޭރު ތުއްތު އިބްތިހާލް މަޑުމަޑުން ކުކުރަމުން ދިޔަ ނަމަވެސް، އަޅާނުލާ ދޮރު ތަޅުލާފައި އާފިޔާ ނުކުމެގެން ދިޔައީ އެވެ.

އިބްތިލާހް މަރަށް ތެޅެމުން ކުކުރެމުން ދިޔަ އަޑު އަވައްޓެރިއަކަށް އިވުނު ނަމަވެސް، އާފިޔާ ދޮރު ތަޅުލާފައި ހުރުމުން އެމީހާއަށް އެތެރެއަށް ވަދެވޭ ގޮތެއް ނުވި އެވެ.

އިބްތިހާލް މަރަށް ތެޅެމުން ދިޔައިރު އާފިޔާ އިނީ އެކުވެރިއެއްގެ ގޭގައި ޑްރާމާ ބަލާށެވެ. އެނބުރު ގެއަށް ދިޔައީ 11:30 ހާއިރު އެވެ.

އާފިޔާ ކޮޓަރިއަށް ވަތް އިރު އިބްތިހާލް އޮތީ ބަރަހަނާ ހާލުގައި ހަރަކާތް ހުއްޓިފަ އެވެ. އެވަރުން ވެސް އެ ކުޑަކުޑަ ހަށިގަނޑަށް އަމާޒުވީ އާފިޔާގެ އިތުރު ހަމަލާއެކެވެ. އެވަގުތު އިބްތިހާލް ހަރަކާތް ނުކުރާކަން ފާހަގަވެ، އެކުއްޖާއަށް ފެން ދޭން މަސައްކަތް ކުރި އެވެ. އިބްތިހާލުގެ އަރު ތެރެއިން ފެން ނުދިއުމުން، މޫނުގައި ވެސް ފެން އުނގުޅި އެވެ. އެކަމަކު އެފަކީރުގެ ހަރަކާތެއް ނެތެވެ.

އިބްތިހާލް މަރުވީ ލިބުނު އެތައް އަނިޔާއެއްގެ ސަބަބުންނެވެ. އެކުއްޖާގެ މޭކަށިތަކުގައި ރެނދުލާފައި ހުރި އިރު، ބަނޑަށް ލޭ ފައިބައިފައި ހުއްޓެވެ. އެއީ ތާޒާކޮށް ހުރި ލޭ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

އިހުމާލުގެ މައްޗަށް އިހުމާލު!

އާފިޔާ އިބްތިހާލު ގައިގައި ތަޅާ އަނިޔާކުރާ ވާހަކައަކީ އެރަށު އެންމެނަށް އެނގޭ ވާހަކައެކެވެ. އެތައް ފަހަރަކު އެރަށު މީހުންނަށް އެ މަންޒަރު ފެނި، އިބްތިހާލްގެ ރުއިމުގެ އަޑު އިވިފައި އެބަހުއްޓެވެ. އެރަށުގެ ކައުންސިލަށް ވެސް އެކަން އެނގެ އެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ވެސް އެނގެ އެވެ.

އާފިޔާގެ ފަރާތުން އިބްތިހާލަށް ލިބޭ އަނިޔާތަކުން ސަލާމަތް ކުރަން، އާފިޔާގެ ފިރިމީހާ ބައެއް ދުވަސް ދުވަހު ދަނީ އޭނާ ދަތުރުކުރާ އަތޮޅު ފެރީގައި އެކުއްޖާ ގޮވައިގެންނެވެ. އަދި އިބްތިހާލުގެ ހަށިގަނޑުން ލަކުނުތައް ނުފިލާ، އަބަދުވެސް އަނިޔާއެއް ލިބިފައި ހުންނަ އިރު، އެއީ ދައުލަތަށް ކުއްޖާ ނަގަން ވާޖިބުވާ ހާލަތެއް ކަމަށް މިއަދު ޝަރީއަތުން ވެސް ފާހަގަކުރި އެވެ.

ނަމަވެސް ރަށު މީހުން ހަނު ތިބުމާއި، ކުއްޖާ އާފިޔާގެ އަތުން އަތުނުލާ ހުރުމުގެ ސަބަބުން ނަތީޖާއަކަށް ވެގެން ދިޔައީ، އާފިޔާގެ އަތުން އެކުއްޖާ މަރުވެ ދިއުމެވެ.

ގާތިލަކީ އާފިޔާ، އަދަބު ލިބެންޖެހޭ! ނަމަވެސް...

އިބްތިހާލް މަރާލީ އާފިޔާއެވެ. އެކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ޝަރީއަތުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ. އާފިޔާއަށް ލިބުނު އަނިޔާއަށް އަދަބު ނުލިބުމަކީ، އޭނާ އިބްތިހާލަށް ދިން އަނިޔާގެ އަދަބު އޭނާއަށް ނުލިބޭންވީ ސަބަބެއް ނޫނެވެ. އަދި އިބްތިހާލަށް އަނިޔާކޮށް އެކުއްޖާ މަރާލަން އޮތް ހުއްޖަތެއް ވެސް ނޫނެވެ.

އަމިއްލަ ދަރިފުޅު މަރާލި މައްސަލައިގައި އާފިޔާއަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ތުއްތު އިބްތިހާލުގެ ގާތިލަށް އަދަބު ލިބިއްޖެ އެވެ.

ނަމަވެސް މިއީ މިއަށްވުރެ ފުނަށް މޫ ލާފައި އޮތް މުޑުދާރު މައްސަލައެކެވެ. ހައްލު ނުކުރެވި އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ އެތައް މައްސަލަތަކެކެވެ.

އަދަބު ނުލިބެނީ މި މައްސަލަ މި ހިސާބަށް ދިޔަ އިރު ކުޅި ބަލަން ތިބި މީހުންނަށެވެ. އިބްތިހާލުގެ ވޭނީ ރުއިންތަކަށް ބީރު ކަންފަތެއް ދިން ރަށުގެ ރައްޔިތުންނަށެވެ. ތުއްތު ކުއްޖަކު ނަޖިސް ނެޕީއާއެކު މުޅި ދުވަހު ހުންނަކަން އެނގި ތިބެ، އެކުއްޖާ ބަނޑުހައިހޫނުކަންމަތީ ގޭގެ ބޭރުގައި އިންނަ ކުޑަ ގޮނޑިއެއްގެ ގިސްލާން އިންނަ މަންޒަރު ނުބަލަން މޫނު އަނބުރާލި މީހުންނަށެވެ.

މައްސަލަ ޖެއްސުމުން ވެސް އާފިޔާގެ އަނިޔާވެރި ހަމަލާތަކުން ތުއްތު އިބްތިހާލަށް ރައްކާތެރިކަން ފޯޜުކޮށްނުދެވުނު ދައުލަތުގެ އިދާރާތަކާއި ވެރިންނަށެވެ. އާފިޔާގެ ޅަ ދުވަސް ޖަހައިގަނެ، އޭނާގެ އިއްފަތާއި އަބުރު ނަގާލައި، ވެއްޔާ މޮޑެލި މީހުންނަށެވެ. އާފިޔާގެ ނުރުހުމުގައި އޭނާގެ ގަޔަށް އެތައް ފިރިހެނުންނެއް އަރަމުން ދިޔައިރު، އެ މަންޒަރު ބަލަން ދުރުގައި ހުރި އޭނާގެ މަންމައަށެވެ. ފައިސާއަށް އަމިއްލަ ދަރިފުޅު ވިއްކަމުން ދިޔަ މަންމައަށެވެ. އާފިޔާއަށް ލިބެމުން ދިޔަ އަނިޔާތަކަށް އިންސާފު ހޯދައިނުދެވުނު ފަރާތްތަކަށެވެ.

އާފިޔާ ނަހަލާލަށް ބަލިވެ އިނދެ ވިހެއުމުން އޭނާއަށް މަލާމާތްކޮށް، އިބްތިހާލާ މެދު އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯކޮށް، އެ ހުޅުގަނޑު އެންމެ ފަހުން އިބްތިހާލުގެ ގައިގައި ރޯވި އިރުވެސް ބަލަން ތިބި އެންމެންނަށެވެ.

ޖިންސީ ގޯނާ އާއި، ރޭޕް އާއި ގެވެށި އަނިޔާގެ ސަބަބުން ފުރަތަމަ ފަނާވެގެން ދިޔައީ އާފިޔާގެ ދިރިއުޅުމެވެ. އެ މައްސަލަތައް އޭނާ ކަމާބެގޭ ފަރާތްތަކަށް ހުށަހެޅި ނަމަވެސް އެއްވެސް މައްސަލައެއް ބެލިފައެއް ނުވެ އެވެ. އޭނާއަށް އިންސާފެއް ނުލިބުނެވެ. ޅަ ދުވަހު އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ލީ ފާރުތައް ފަސޭހަ ނުވެ، އެ އަނިޔާތަކަށް އިންސާފު ލިބިފައި ނުވާއިރު އެ އަނިޔާތަކުން އުފަންވީ އިތުރު ފުރާނައެކެވެ. އެންމެ ފަހުން އެ ތުއްތު ފުރާނަ ދުއްވާލައި، މި ހައިޖާނުގަނޑުން އުފަންވީ ގާތިލެކެވެ. މި ރަހުމުކުޑަ މަރުގެ މައްސަލަ ފެށުނީވެސް އާފިޔާއާ ހަމައަކުން ނޫނެވެ. އަދި އާފިޔާއާ ހަމައިން ނިމިގެން ވެސް ނުވާނެ އެވެ.

comment ކޮމެންޓް