ޒުވާން ރާޅާ އެޅުންތެރިޔާ ޗޮއްޕުއަށް ދުނިޔޭގެ ފެންވަރުގެ ސްކޮލާޝިޕެއް

ޒުވާން ރާޅާ އެޅުންތެރިޔާ ޗޮއްޕު މާލޭގެ ރާޅުގަނޑު ސާފް ޕޮއިންޓުގައި. ... ފޮޓޯ/ އެމްއެސްއޭ

ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިއެއް ކަމަށްވާ މުހައްމަދު ޒަޔާން (ޗޮއްޕު)އަށް އިންޓަނޭޝަނަލް ސާފިންގް އެސޯސިއޭޝަން (އައިއެސްއޭ)ގެ ފަރާތުން ސްކޮލާޝިޕެއް ލިބިއްޖެ އެވެ.

އައިއެސްއޭއިން ކުރިއަށް ގެންދާ 2020 އައިއެސްއޭ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ޗޮއްޕުއަށް މި ސްކޮލާޝިޕް ލިބިފައިވާކަން އައިއެސްއޭއިން ހާމަކޮށްފައި ވަނީ އިއްޔެ އެ އެސޯސިއޭޝަންގެ ވެބްސައިޓުގައި ޝާއިރުކޮށްފައި ވާ ބަޔާނެއްގަ އެވެ. ޗޮއްޕު އާއެކު ދުނިޔޭގެ 15 ގައުމަކުން 42 ރާޅާ އެޅުންތެރިންނަށް ވަނީމި ސްކޮލާޝިޕް ލިބިފަ އެވެ.

އުމުރުން އެންމެ 15 އަހަރުގެ ޗޮއްޕުއަށް މި ސްކޮލާޝިޕް ލިބުމާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަމުން ޗޮއްޕު ބުނީ އެ ސްކޮލާޝިޕް ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށާއި، މިއީ ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އައިއެސްއޭއިން އެފަދަ ސްކޮލާޝިޕެއް ލިބުނީތީ ވަރަށް ވަރަށް އުފާވި. މިއީ އަދި ރާއްޖޭގެ އެހެން އެއްވެސް ކުއްޖަކަށް ލިބިފައިވާ ސްކޮލާޝިޕެއް ނޫން. މިސްކޮލާޝިޕްގެ ދަށުން ލިބޭ ފަންޑިންއަށް ބޭނުމީ ރާޅާ އަޅާ ސާމާނު ހޯދަން. ސާފް ބޯޑާއި އެ ސާމާނު ވަރަށް އަގުބޮޑު، އެހެންވީމަ ވަރަށް އުނދަގޫ ހޯދަން. ބޭނުން ވަނީ ކުރިއަށް އޮތްތާ މިކަމުން ކުރިއަށް ދާން،" ޗޮއްޕު ބުންޏެވެ.

އައިއެސްއޭގެ ސްކޮލާޝިޕްގެ ދަށުން ހޮވުނު 43 ފަރާތުގެ މެދުގައި ފަންޑިންގްގެ ގޮތުގައި 20،000 ޑޮލަރު ބެހުމަށް ވަނީ ނިންމާފަ އެވެ. އެސްކޮލާޝިޕްގެ ގަވައިދުގެ ދަށުން އެ ފަންޑިންގް ބޭނުން ކުރެވޭނީ ސްކޮލާޝިޕް ލިބޭ ފަރާތުގެ ތައުލީމުގެ ކަންކަމަށާއި، ރާޅާ އެޅުމުގެ ވަސީލަތްތައް އިތުރުކޮށް ކުރިއެރުވުމަށެވެ.

އައިއެސްއޭއިން 2007 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބޭނުމަކީ ވަސީލަތްތައް މަދު 18 އަހަރުން ދަށުގެ ރާޅާއެޅުންތެރިންނަށް މި ދާއިރާއިން ކުރިއަށް ދިޔުމަށް އެހީވުމެވެ.

ރާއްޖޭގައި ޒުވާން ރާޅާ އެޅުންތެރިން އުފެއްދުމަށްޓަކައި "ރާޅު އެދުރު ރާއްޖެ ޓުއާ" އިން ކުރިއަށް ގެންދާ ރާޅު އެދުރު ޕްރޮގްރާމްގެ ދަށުން ޗޮއްުޕު ރާޅާ އަޅަން ފެށިތާ އަދި މިވީ އަހަރެއްހާ ދުވަހެވެ. ނަމަވެސް އޭނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް ސާފިންގް އެސޯސިއޭޝަން (އެމްއެސްއޭ)އިން ރާއްޖޭގެ ދެކުނުގައި ކުރިއަށް ގެންދިޔަ ގައްދޫ ޕްރޯ ސާފް މުބާރާތުގައި އެންމެ ޒުވާން އެއް ރާޅާ އެޅުންތެރިޔާގެ ގޮތުގައި ބައިވެރިވެ، އެ މުބާރާތުގެ ޖޫނިއާ ކެޓަގަރީން ތިންވަނަ ހޯދާފަ އެވެ.

"ގައްދޫ ޕްރޯ މުބާރާތުން ތިންވަނަ ލިބުން އެއީ މިކަމުގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ބޭނުން ވަނީ މުޅި ރާއްޖޭގައިވެސް ހުރި އެންމެ މޮޅު އެއް ރާޅާ އެޅުންތެރިއަށް ވާން. އަންނަ އަހަރުވެސް ބާއްވާ މުބާރާތްތަކުގައި ބައިވެރި ވާނަން. ސްކޫލުން ހުއްދަ ދޭ ބައެއް މުބާރާތްތަކުގައި ބައިވެރިވާން،" އިސްކަންދަރު ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ޗޮއްޕު ބުންޏެވެ.

"ރާއްޖޭގައި އެބޮތް ކޮންމެ މީހަކަށްވެސް ރާޅާ އެޅުމުން ކުރިއަށް ދިޔުމުގެ ފުރުސަތު. އެހެންވީމަ ރާޅާ އަޅަން ބޭނުންވާ ކޮންމެ މީހެއް ކައިރީވެސް ބުނެލަން ބޭނުންވަނީ އެކަމުން ކުރިއަށް ދާން މަސައްކަތް ކުރާށޭ."

comment ކޮމެންޓް