އެމްއާރްޑީސީގެ އޮޑިޓް: ފެނުނީ ހިޔާނާތުގެ ހާއްޔެއް

ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ އެމްއާރްޑީސީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރްޑީސީ) އިން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަމުން ގެންދާގޮތް ބެލުމަށް ކުރި ހާއްސަ އޮޑިޓުން ގިނަ މައްސަލަތަކެއް ފެންމަތި ވެއްޖެ އެވެ.

މިހާރު އާންމުކޮށްފައިވާ އޮޑިޓުގައި ބަލާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެމްއާރްޑީސީން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތަށެވެ.

އޮޑިޓުގައި ވަނީ އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

ބޭނުން ނުކުރާ ވެހިކަލްތަކަށް 5.53 މިލިއަން ރުފިޔާ!

އެގޮތުން ހަތަރު ރަށެއްގެ މަގު ހެދުމަށް ކުއްޔަށް ހިފައިގެން އެމްއާރްޑީސީއިން އެރަށްތަކަށް ގެންދިޔަ ވެހިކަލްތަކުގެ ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވުމުގެ ސަބަބުން އެ ވެހިކަލްތަކުގެ ބޭނުންނުކޮށް ހުރި ދުވަސްތަކުގެ ކުއްޔަށް 5.53 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެއީ ރ. މީދޫ، ރ. .އުނގޫފާރު، ބ. އޭދަފުށި އަދި އދ. މަހިބަދޫގެ މަގުހެދުމަށް 2016 ވަނަ އަހަރު ހަވާލުވި މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ދުވަހު ކުއްޔަށް ހިފައިގެން އެމްއާރްޑީސީން އެ ރަށްރަށަށް ގެންދިޔަ އަމިއްލަ ކުންފުނިތަކެއްގެ ވެހިކަލްތަކެކެވެ.

އެ ވެހިކަލްތައް ކުއްޔަށް ހިފާފައި ވަނީ އަދި މުއްދަތު އިތުރުކުރަމުން ގޮސްފައި ވަނީ މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނާއި މަސައްކަތުގައި ބޭނުންކުރާނެ މެޝިނަރީ އާއި އެހެނިހެން އިކުއިޕްމަންޓް ފަދަ ތަކެއްޗާއި އަދި މަގުހެދުމަށް ބޭނުންވާ މެޓީރިއަލްތައް ލިބޭނެގޮތް ހަމަޖެހުމުގެ ކުރިން ކަމަށް އޮޑިޓުގައިވެ އެވެ.

އެހެންކަމުން އެތަކެތި ކުއްޔަށް ހިފާފައިވަނީ ކުންފުންޏަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްނުކޮށް އަދި ޒިންމާދާރު ގޮތެއްގައި ނޫންކަން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ލިބުމުގައި އިހުމާލުވީ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޓަކައި މައްސަލަ ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ވެސް އޮޑިޓު އޮފީހުން ވަނީ އަންގައިފަ އެވެ.

ހަމައެއާއެކު އެ މަޝްރޫއުތަކަށް ބޭނުންކުރި ނުވަ ވެހިކަލްގެ ތެރެއިން ހަތަރު ވެހިކަލް ކުއްޔަށް ހިފާފައި ވަނީ އާންމުކޮށް އިއުލާނު ނުކޮށް ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

ސިމެންތި ސަޕްލައި ކުރުމުގައި ވެސް ކޮރަޕްޝަންގެ ތުހުމަތު!

އެމްއާރްޑީސީ އަށް 5000 މެޓްރިކް ޓަނުގެ ސިމެންތި ސަޕްލައި ކުރުމަށް ހަވާލުކުރި ކުންފުންޏަށް އެޑްވާންސް ފައިސާ ދީފައި ވަނީ އާރްއެފްޕީ އާއި މަސައްކަތް ހަވާލުކުރުމަށް ހަދާފައިވާ އެއްބަސްވުމުގައި މަސައްކަތްކުރާ ފަރާތަށް އެޑްވާންސް ފައިސާ ދިނުމަށް ހަމަޖައްސާފައިވާ ގޮތާ ހިލާފަށް ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ސިމެންތި ސަޕްލައި ކުރުމުގެ ކުރިން އެޑްވާންސްކޮށް މަސައްކަތާ ހަވާލުވި ކުންފުންޏަށް އެއްބަސްވުމުގެ ޖުމުލަ އަގަށްވާ 10.06 މިލިއަން ރުފިޔާ ދީފައިވާކަމަށް އޮޑިޓުގައިވެ އެވެ.

ތަކެތި ހަވާލުކުރުމުގެ ކުރިން އެ ކުންފުންޏަށް ފައިސާ ދޫކޮށްފައި ވަނީ އެމްއާރްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ހުއްދަ ދިނުމުންނެވެ.

މީގެ އިތުރުން ސިމެންތި ސަޕްލައިކޮށްދިނުން ލަސްވި ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި އެއްބަސްވުމުގެ ޖުމުލަ އަގުން އުނިކުރަންޖެހޭ އެއް މިލިއަން ރުފިޔާ މަސައްކަތާ ހަވާލުވި ކުންފުންޏަށް އެޑްވާންސްކޮށް ދިން ފައިސާގެ ތެރެއިން އަނބުރާ ހޯދާފައިނުވާ ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެއްބަސްވުމުގައި ވަނީ 20 ދުވަހުގެ ތެރޭގައި ސިމެންތި ސަޕްލައި ކޮށްދިނުމަށެވެ. ނަމަވެސް އެ ކުންފުނިން ސިމެންތި ސަޕްލައިކޮށްދީފައި ވަނީ އެ މުއްދަތު ފާއިތުވެ، ފަސް މަހާއި 18 ދުވަސް ފަހުންނެވެ.

އެ ކުންފުނިން ސަޕްލައިކޮށްދިން ސިމެންތި ބަސްތާތަކުގެ ތެރެއިން ހަލާކުވެފައިވާ ސިމެންތި ބަސްތާތަކުގެ ބަދަލު ހޯދާފައެއް ނުވެ އެވެ. އޮޑިޓުގައި ބުނެފައި ވަނީ އެމްއާރްޑީސީ އަށް ލިބުނު ސިމެންތި ބަސްތާތަކުގެ ގާތްގަނޑަކަށް 20 ޕަސެންޓު ހަލާކުވެފައިވާ ކަމަށެވެ. އެއީ 2.01 މިލިއަން ރުފިޔާގެ އަގަށްވާ ސިމެންތި އެވެ.

އެހެންކަމުން އެ މަސައްކަތް ހަވާލުކުރުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅު އެޅުމަށް ޓަކައި މައްސަލަ ތަހުގީގުކުރުމަށް އޭސީސީއަށް ފޮނުވުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވައިފަ އެވެ.

މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މަސައްކަތް ލަސްވި ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި އެއްބަސްވުމުގެ އަގުން އުނިކުރަންޖެހޭ ފައިސާ އާއި މަދުވާ ސިމެންތި ބަސްތާތަކާއި ހަލާކުވެފައިވާ ސިމެންތި ބަސްތާތަކުގެ ބަދަލު، މަސައްކަތާ ހަވާލުވި ކުންފުނިން އަނބުރާ ހޯދުމަށް ވެސް ވަނީ އަންގައިފަ އެވެ.

ލޭންޑިން ކްރާފްޓާ ގުޅޭ ބޮޑެތި މައްސަލަތަކެއް!

އެމްއާރްޑީސީގެ ބޭނުމަށް 200 ޓަނުގެ ލޭންޑިން ކްރާފްޓެއް ގަތުމަށް 8 އޮކްޓޫބަރު 2014ގައި އަމިއްލަ ކުންފުންޏަކާ އެކު ސޮއިކުރީ، 14.99 މިލިއަން ރުފިޔާގެ އަގަށް 90 ދުވަހުގެ ކްރާފްޓް ސަޕްލައި ކުރާ ގޮތަށެވެ.

އޮޑިޓްގައި ބުނެފައި ވަނީ އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އެއްބަސްވުމުގެ ޖުމުލަ އަގުގެ 50 ޕަސެންޓަށްވާ 7.49 މިލިއަން ރުފިޔާ ދީފައިވާ އިރު އެފައިސާގެ ތެރެއިން 5.25 މިލިއަން ރުފިޔާ ދީފައިވަނީ މުދަލާއި ހިދުމަތް ހޯދުމުގައި އެމްއާރްޑީސީއިން އަމަލުކުރަމުން އައި ގަވާއިދުގައި މަސައްކަތާ ހަވާލުވި ފަރާތަށް އެޑްވާންސް ފައިސާގެ ގޮތުގައ ފައިސާދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ކަމަށެވެ.

އެޑްވާންސް ފައިސާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ، މުދާ ލިބުމުގެ ކުރިން ކޮންޓްރެކްޓަރަށް ދޫކުރުމުން، މަސައްކަތާ ހަވާލުވާ ފަރާތުގެ އިހުމާޅުން މުދާ ފޯރުކޮށްނުދޭ ހާލަތުގައި އެޑްވާންސް ފައިސާ ހޯދަން އުނދަގޫވެ، ފައިސާ އަނބުރާ ނުލިބުމުގެ ފުރުސަތު އޮތްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ލޭންޑިން ކްރާފްޓް ސަޕްލައިކުރުމުގެ މަސައްކަތާ ހަވާލުވި ކުންފުނިން އެމްއާރްޑީސީއާ ހަވާލުކުރަން މަސައްކަތްކުރި ލޭންޑިން ކްރާފްޓަކީ އެއްބަސްވުމުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ފެތޭ އުޅަނދެއްކަމަށް އެމްއާރްޑީސީން ނުދެކޭތީ އެ އުޅަނދު އެމްއާރްޑީސީން ހަވާލުނުވެ އެއްބަސްވުން އުވާލި އެވެ.

ނަމަވެސް ލޭންޑިން ކްރާފްޓު ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި 11 ފެބުރުއަރީ 2009 ވަނަ އަހަރު ދެއްކި 7.49 މިލިއަން ރުފިޔާ އެމްއާރްޑީސީ އަށް އަނބުރާ ލިބިފައެއްނުވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރި އެވެ.

އެމްއާރްޑީސީން ލޭންޑިން ކްރާފްޓެއް ގަތުމަށް ނިންމާފައިވަނީ އެ ކުންފުނިން އެކި ރަށްރަށުގައި ހިންގަމުން ގެންދިޔަ މަޝްރޫއުތަކުގައި ބޭނުންކުރުމަށް މުދަލާއި ވެހިކަލްތައް އުފުލުމަށް ގިނަ އަދަދެއްގެ ދަތުރުތަށް ލޭންޑިން ކްރާފްޓް ކުއްޔަށް ހިފައިގެން ކުރަން ޖެހުމުން ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގައިކަމަށްވީ ނަމަވެސް އެމްއާރްޑީސީ އިން ގަތުމަށް ނިންމި ލޭންޑިން ކްރާފްޓް އެއްބަސްވުމުގައިވާ ތާރީހަށް ނުލިބުމުން އޭގެ ފަހުން ކުރަމުން ދިޔަ ދަތުރުތައްވެސް، އަމިއްލަ ފަރާތްތަކުގެ ލޭންޑިން ކްރާފްޓް ކުއްޔަށް ހިފައިގެން ކުރަންޖެހުމުން، ލޭންޑިންގ ކްރާފްޓެއް ގަތުމަށް ފައިސާ ހަރަދުކުރި މަގުސަދު ހާސިލްވެފައި ނުވާކަން އޮޑިޓުގައި ފާހަގަކުރި އެވެ.

އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށް، އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ.

ޖޫރިމަނާގެ އަދަދު އެއްބަސުވުމުގައި ނެތިސް 2.29 މިލިއަން ދެއްކި!

ހަމައެއާއެކު އެމްއާރްޑީސީއަށް އިންޓަލޮކިން ޒިގްޒެގް ގާ ސަޕްލައިކޮށްދިނުމުގެ މަސައްކަތާ ހަވާލުވި ކުންފުންޏަށް ފައިސާ ދެއްކުމުގައި ލަސްވި ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި 2.29 މިލިއަން ރުފިޔާ ދައްކާފައިވާކަން ވެސް އޮޑިޓުން ވަނީ ފާހަގަވެފަ އެވެ.

އެއްބަސްވުމުގައި މަސައްކަތާ ހަވާލުވާ ފަރާތުން މަސައްކަތް ނިންމުމަށްފަހު އިންވޮއިސް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ އިންވޮއިސްއަށް ފައިސާ ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ފައިސާ ދެއްކުން ލަސްވާ ދުވަސްތަކަށް ޖޫރިމަނާ ނެގުމަށާއި އަދި ޖޫރިމަނާ ނަގާނެ ވަކި މިންވަރެއް އެއެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމަށް އޮޑިޓްގައި ފާހަގަކުރި އެވެ.

ނަމަވެސް، މަސައްކަތާ ހަވާލުވި ކުންފުނިން ހުށަހެޅި 5.06 މިލިއަން ރުފިޔާގެ އިންވޮއިސްއަށް ފައިސާ ދެއްކުން ލަސްވުމުން 48 ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދުމަށް އެ ކުންފުނިން ހުށަހެޅުމުން މަސައްކަތް ލަސްވި ދުވަސްތަކުގެ ޖޫރިމަނާގެ ގޮތުގައި 2.29 މިލިޔަން ރުފިޔާ އެކުންފުންޏަށް ދީފައިވެ އެވެ.

ވިޔަފާރީގެ އުސޫލުން އެއްވެސް ފަރާތަކާ މަސައްކަތެއް ހަވާލުކުރާއިރުު، އެފަރާތަކުން ކުރާ މަސައްކަތަކަށް ދައްކަންޖެހޭ އުޖޫރަ ދެއްކޭނެ ގޮތް ރާވައި އިންތިޒާމު ކުރުމަކީ އެތަނެއްގެ މެނޭޖްމަންޓުގެ ޒިންމާއަކަށް ވާއިރު، އެމްއާރްޑީސީއަށް ގާ ސަޕްލައި ކުރުމުގައި އެ އިންތިޒާމް ހަމަނުޖައްސައި، ކުންފުންޏަށް އިތުރު މާލީ ބުރައެއް ލިބޭގޮތަށް މަސައްކަތާ ހަވާލުވި ފަރާތުން ހުށަހެޅި ނަމަވެސް އެކަމާ އަޅާނުލާ، އިންވޮއިސް ބަލައިގަނެ ފައިސާ ނުދައްކާ ބޭއްވުމަކީ ކުންފުނީގެ ޒިންމާދާރުކަންކުޑަ އަދި އިހުމާލު އޮތް ކަމެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެހެންކަމުން އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

ހަމަ އެގޮތަށް އެމްއާރްޑީސީއަށް ތިން ޓަނުގެ ފޯކްލިފްޓް ސަޕްލައިކޮށްދޭން ހަވާލުކުރި ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމާ އެއްގޮތަށް އެ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް އެމްއާރްޑީސީ އަށް ސަޕްލައިކޮށްދީފައި ނުވުމުން މަސައްކަތް ލަސްވުމުގެ އަގުގެ ގޮތުގައި އެއްބަސްވުމުގެ ޖުމުލަ އަގުން ޖޫރިމަނާ ފައިސާގެ ގޮތުގައި ކަނޑަންޖެހޭ 50،657 ރުފިޔާ ނުކަނޑާ މަސައްކަތާ ހަވާލުވި ކުންފުންޏަށް ފައިސާ ދީފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުން އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ މަސައްކަތާ ހަވާލުވި ފަރާތުން އަނބުރާ ހޯދުމަށާއި އަދި އެ ފައިސާ ނުލިބިއްޖެ ނަމަ ޖޫރިމަނާ އުނި ނުކޮށް ކުންފުންޏަށް ފައިސާ ދިނުމުގައި ޒިންމާވާ މުވައްޒަފުގެ އަތުން ފައިސާ ހޯދަން ވަނީ އަންގައިފަ އެވެ.

އެމްއާރްޑީސީއިން ސަބްކޮންޓްރެކްޓް އުސޫލުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން 7.12 މިލިޔަން ރުފިޔާގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވާފައިވަނީ ހަމައެކަނި އެންމެ ފަރާތަކުން އަގު ހޯދައިގެން އެމަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނުކޮށްގެން ކަން ވެސް އޮޑިޓުން ވަނީ ފާހަގަވެފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އިވެންޓް މެނޭޖްކުރުމާއި އެ މަސައްކަތާ ގުޅުންހުރި ތަކެތި ކުއްޔަށް ހިފުމާއި، ޖުމުހޫރީ މައިދާނުގައި ލެޑް ލައިޓް ހަރުކުރުމާއި، ބާޖެއް ކުއްޔަށް ހިފުމާއި ދަރުބާރުގެ މަރާމާތު ކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން ހދ. ހަނިމާދޫ ދަންޑެހެލު ހިނގުން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް 1.2 މިލިއަން ޑޮލަރަށް ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ އިތުރު އެހެން ފަރާތްތައް ތިބިތޯ ބެލުމަށް އާންމުކޮށް އިއުލާނު ނުކޮށްކަން ވެސް ވަނީ ހާމަވެފަ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުވި ކުންފުނިން އެމަސައްކަތް ހަވާލުވި ފަހުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރިއަށް ނުގެންދެވި އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު 11 ޖަނަވަރީ 2017 ގައި މަޝްރޫއުގެ އެއްބަސްވުން އުވާލުމަށްފަހު އައިޑުލް ކްލެއިމްގެ ގޮތުގައި މި މަސައްކަތް ހަވާލުވި ކުންފުންޏަށް އެމްއާރްޑީސީ އިން 3.45 މިލިޔަން ރުފިޔާ ދީފައިވާއިރު ހަރުދަނާ އުސޫލަކުން މި މަޝްރޫއު ރާވައި ހިންގުމުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ މަޝްރޫއުގެ ބީއޯކިއުގައި ޕްރެލިމިނަރީ ޗާޖްތަކުގެ ތެރޭގައި
މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަންގެ ހަރަދަށް ދޭންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވަނީ ޖުމުލަ 150،000 ޑޮލަރުކަމަށް ވީނަމަވެސް މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި މިމަޝްރޫއުގެ މަސައްކަތާ ހަވާލުވި ކުންފުންޏަށް އެ އަދަދުގެ އިތުރަށް 125،000 ޑޮލަރު ވަނީ ދީފަ އެވެ.

އެހެންކަމުން އެ މައްސަލައިގައި މެނޭޖްމަންޓުގެ އިހުމާލު އޮތްކަމަށް ބެލެވޭތީ، އެފަރާތްތައް ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުމުގެ އިތުރުން، އިތުރަށް ދެއްކި 125،000 ޑޮލަރު އަނބުރާ ހޯދަން އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ.

ހަތް ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަބްކޮންޓްރެކްޓް އުސޫލުން އެމްއާރްޑީސީއިން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ އަގަކީ ހައުސިން މިނިސްޓްރީ އިން އެމްއާރްޑީސީ އާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އަގަށްވުރެ ބޮޑު އަގަކަށް ކަމަށް ވެސް ވަނީ ހާމަވެފަ އެވެ.

އެގޮތުން އެމަޝްރޫއުގެ މަސައްކަތްތައް އެހެން ކުންފުންޏަކާ ސަބްކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ 1.65 މިލިޔަން ރުފިޔާގެ ގެއްލުމުގައިކަމަށް އޮޑިޓުގައި ބުނެ އެވެ.

ލ. ފޮނަދޫގައި 4.3 ކިލޯ މީޓަރުގެ މަގު ހެދުމަށް ހައުސިން މިނިސްޓްރީން ހަވާލުކުރި މަޝްރޫއުގައި ވެސް ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ އަމިއްލަ ކުންފުންޏަކާ ސަބްކޮންޓްރެކްޓް އުސޫލުން 41.81 މިލިޔަން ރުފިޔާއަށް، މަސައްކަތް ހަވާލުކުރާތާ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ނިންމަންޖެހޭ މުއްދަތަށްވުރެ އިތުރަށް 21 މަސް ދުވަސް ފާއިތުވެ އެމްއާރްޑީސީއަށް ގެއްލުންތަކެއް ލިބިފައި ވީނަވެސް މަސައްކަތް ލަސްވުމުގެ އަގު މަސައްކަތާ ހަވާލުވި ކުންފުނިން ހޯދުމާ އެކުންފުނި ޒިންމާކުރުވުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވަނީ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހަރުދަނާ އުސޫލަކުން މޮނިޓަރާ ކުރަމުން ގޮސްފައިނުވުމުންނާއި މަޝްރޫއުގެ މަސައްކަތަށް އެމްއާރްޑީސީން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދިނުން ލަސްވުމުން ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.

ހަ ރަށެއްގެ ޖެޓީ ހެދުމަށް ހައުސިން މިނިސްޓްރީ އިން އެމްއާރްޑީސީއާ ހަވާލުކުރި މަސައްކަތްތައް 18 މެއި 2017 ގައި ސަބްކޮންޓްރެކްޓް އުސޫލުން އެމްއާރްޑީސީ އިން އަމިއްލަ އެހެން ކުންފުންޏާ ހަވާލުކޮށްފައިވީ ނަމަވެސް އެ މުއްދަތު 15 ސެޕްޓެންބަރު 2017 ގެ ނިޔަލަށް ހަމަވިއިރު މަސައްކަތް ނުނިމި ހުއްޓުމަކަށް އައިސްފައިވާކަމާއި 2019 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މުޅިއެކު ނިމިފައިވަނީ ހަމައެކަނި ދެ ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް ކަން ވެސް އޮޑިޓުގައި ވެއެވެ.

ނަމަވެސް އެ މަސައްކަތާ ހަވާލުވި ކުންފުންޏަށް މުޅި މަސައްކަތުގެ ޖުމުލަ އަގުގެ 67 ޕަސެންޓަށްވާ ފައިސާ ވަނީ ދީފަ އެވެ.

އެމްއާރްޑީސީ އަކީ 24 އޯގަސްޓް 2010 ގައި ރައީސްގެ ގަރާރަކުން އުފެއްދި ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުނި އުފެއްދީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީއާއި އިޖްތިމާއީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދައަކުން ރަށްރަށުގެ މަގުތައް ހަދާ ތަރައްގީކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށެވެ.

ނަމަވެސް 2018 ވަނަ އަހަރު އެ ކުންފުނީގެ ހިންގުން ހުއްޓުމަކަށް ގެނެސް، ކުންފުނީގެ މުވައްޒަފުން ސަރުކާރުގެ އެހެން އިދާރާތަކަށް ބަދަލުކޮށް ކުންފުނީގެ މުދަލާއި ތަކެތި ސަރުކާރުގެ އެކި އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ކުންފުނީގެ ބަދަލުގައި ރާއްޖޭގެ ރަށްރަށުގައި މަގު ހެދުމާއި މަގުތައް ބެލެހެއްޓުމަށްޓަކައި މި ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ވަނީ އުފައްދައިފަ އެވެ.

އޮޑިޓް އޮފީހުން ބުނީ އެމްއާރްޑީސީގެ ހިންގުން ހުއްޓުމަކަށް ގެނެސްފައި އޮތުމާއި ލިޔެކިއުން ފޯރުކޮށްދޭނެ މުވައްޒަފުން ކުންފުނީގައި ނެތުމުން އޮޑިޓްގައި ހޯދަން ބޭނުންވި ބައެއް ލިޔެކިއުންތަކާއި މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެހެންކަމުން އެމްއާރްޑީސީން ކުރިއަށް ގެންދިޔަ ބައެއް ޕްރޮޖެކްޓްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްވޭތޯ ކަށަވަރުކުރެވިފައި ނުވާނެ ކަމަށެވެ.

comment ކޮމެންޓް