ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ 400 ހައުސިން ޔުނިޓުގެ މަޝްރޫޢަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 65.99 މިލިއަން ރުފިޔާގެ ތެރެއިން 59.22 މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް އަނބުރާ ލިބިފައި ނުވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.
މިއީ އެ މަޝްރޫޢަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ޖުމްލަ ފައިސާގެ 90 އިންސައްތައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ 2018 އިން 2023 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށީ ހައުސިން މަޝްރޫޢުގެ އެއްބަސްވުން ބާތިލުކުރަން ޖެހުނީ ކޮންޓްރެކްޓަރުގެ މަސައްކަތުގެ ފެންވަރު ދަށްވުމާއި، ޕަރފޯމަންސް ގެރެންޓީގެ މުއްދަތު އިތުރުކޮށްފައި ނުވާތީއެވެ.
މި އެއްބަސްވުން ބާތިލުކުރިއިރު މުޅި މަޝްރޫޢުން ނިމިފައި ވަނީ އެންމެ 18.74 އިންސައްތަ މަސައްކަތެވެ.
ހުއްޓިފައި އޮތް މި މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި މި އަހަރުގެ އޮގަސްޓް މަހުގެ 26 ގައި މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ. ނަމަވެސް، އެ މަޝްރޫޢުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، މި މައްސަލައިގައި އިހުމާލުވި ފަރާތްތައް ބަލައި ފިޔަވަޅު އެޅުމަށް އަންގާފައެވެ.
މީގެއިތުރުން މަސައްކަތް ފުރިހަމަ ނުކުރާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމަށް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށާއި، މަޝްރޫޢުތައް ހަވާލުކުރުމުގެ ކުރިން ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލުކަން ކަށަވަރުކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ހަވާލުކުރި ބައެއް މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން އެއްބަސްވުންތައް ބާތިލުކޮށް، އެހެން ފަރާތްތަކާ ހަވާލުކުރުމުން ދައުލަތުން ބޮޑު ޚަރަދެއް އިތުރަށް ކުރަންޖެހިފައިވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.
އެގޮތުން އޮޑިޓުގައި ބެލި 7 މަޝްރޫޢެއް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ދައުލަތުގެ ބަޖެޓުން އިތުރަށް 112.33 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.