އިންތިގާލީ އިންސާފުގެ ބިލް ތަސްދީގުކުރައްވައި އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވައިފި

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރައްވައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް އުފައްދަވައިފިއެވެ.

ރައީސްުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.

މި ބިލު ގާނޫނަކަށްވުމުން އުފެއދެވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

އެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގައި ލިބިދީފައިވެއެވެ.

އަދި ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލު ނަގައިދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ބަދެލެވެ.

އަދި ވަޒީފާއެއް އަދާކުރަމުން ދިޔަ މީހަކަށް ވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލެއް ދެވިދާނެ ކަމަށް ގާނޫނު ބުނެއެވެ.

ހަމައެއާއެކު ލިބުނު އަނިޔާއަށް ފަރުވާ ހޯދައި، އެ އަނިޔާއިން ލިބުނު ގެއްލުމުން މިންޖުވުމަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދުގެ ބަދަލު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލު ވެސް އެ އޮފީހަށް ނަގައިދެވޭނެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

އެ ގާނޫނަކީ، 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމަށް އުފެއްދި ގާނޫނެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް