މަރުޒޫގަށް އޯސީއޭގެ މެރިޓް އެވޯޑް ލިބިވަޑައިގެންފި

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މަރުޒޫގް ... ފޮޓޯ/ ސަން

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މަރުޒޫގަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝީއާ (އޯސީއޭ)ގެ މެރިޓް އެވޯޑް ލިބިވަޑައިގެންފިއެވެ.

އޯސީއޭގެ މެރިޓް އެވޯޑް މަރުޒޫގަށް ލިބިވަޑައިގެންފައި ވަނީ މިއަދު އޯމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވި އޯސީއޭގެ 39 ވަނަ އާންމު ޖަލްސާގައެވެ. އެ އެވޯޑް މަރުޒޫގަށް ހަވާލުކޮށްދެއްވީ އޯސީއޭގެ ރައީސް ޝެއިޚް އަހުމަދް އަލް ފަހުފް އައް ސަބާހް އެވެ.

އެވޯޑް ލިބިވަޑައިގަތުމަށް ފަހު މަރުޒޫގް އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އެ އެވޯޑް ހާސިލް ވުމުން އޭނާ ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި އެ އެވޯޑް ހާއްސަކޮށްލަން ބޭނުންވަނީ ރާއްޖޭގެ ކުޅިވަރު އާއިލާގެ އިތުރުން ވަކިން ހާއްސަކޮށް ރާއްޖޭގެ އެތްލީޓުންނަށް ކަމަށާއި، އެ އެވޯޑް ހާސިލް ކުރުމަށް އޭނާއަށް އެހީވެދިން ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް މަރުޒޫގް ވަނީ ބުނެފައެވެ.

އޯއޭސީގެ މެރިޓް އެވޯޑް މީގެ ކުރިން ރާއްޖެއިން ހޯދާފައިވާ ހަމައެކަނި ފަރާތަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އެވެ.

މަރުޒޫގް ވަނީ 2009 ވަނަ އަހަރުން ފެށިގެން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމް އަދާކުރައްވާފައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން އޯސީއޭގެ މީޑިއާ ކޮމިޓީގެ މެންބަރުކަން އަދާކުރައްވަމުން އަންނަ މަރްޒޫގް ވަނީ ރާއްޖޭގެ ކުޅިވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.

އޭގެ އިތުރުން 'މަރޭ' ގެ ނަމުން މައްޝޫރު މަރުޒޫގް ވަނީ 16 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ އިތުރުން 23 އަހަރުން ދަށުގެ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ރާއްޖެ ތަމްސީލުކޮރުމުގެ އިތުރުން، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަންވެސް ކުރައްވާފައެވެ.

comment ކޮމެންޓް