މަރޭގެ ނަޒަރުގައި ދިވެހި ފުޓުބޯޅަ ކުރިއެރުވޭނެ ގޮތް

އޮލިމްޕިކް ކޮމެޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު (މަރޭ)- ސަން ފޮޓޯ/ފަޔާޒު މޫސާ

ސަރަހައްދީ ފުޓުބޯޅައިން ބޭރަށް ދިވެހި ފުޓުބޯޅަ ގެންގޮސް، ބައިނަލްއަގްވާމީ މައިދާނުގައި ވެސް ދިވެހިރާއްޖެއަކީ ފުޓުބޯޅައިގައި ވާދަވެރި ގައުމަކަށް ހެދިދާނެ ގޮތް، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގް (މަރޭ) ކިޔައިދީފިއެވެ.

ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކޮށް، މިވަގުތު އަމަލީގޮތުން މި ދާއިރާއާ ދުރުގައި ހުރި ނަމަވެސް، މަރޭގެ އެހީތެރިކަން ކޮންމެ ވެސް ސިފައެއްގައި ދިވެހި ކުޅިވަރު އާއިލާއަށް އަބަދުވެސް ލިބެމުންދެއެވެ.

އަދި މަރޭ ފާހަގަކުރެވެނީ، ކުޅިވަރާ ގުޅުންހުރި ކަންކަމުގައި އަބަދު ވެސް ވަކި ފަރާތަކަށް ބުރަ ނުވެ، ކަން އޮތްގޮތަށް ހާމަކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށަށްދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައި، މީސްމީޑިއާގެ މަންސަ ތަކުގައި މަރޭ ކުރި ޕޯސްޓު ތަކުގައި ބުނެފައި ވަނީ، ދިވެހި ފުޓްބޯޅަ، "ސަރަހައްދުން" ބޭރަށް ގެންދެވޭނީ ދިވެހި ކުޅުންތެރިން "މި ގައުމުން ބޭރުކޮށްގެން" ކަމަށެވެ.

މި ވާހަކަ އިތުރަށް ތަފްސީލް ކޮށްދެއްވަމުން މަރޭ ބުނީ، 16 އަހަރާއި 20 އަހަރާ ދެމެދުގެ 25 ވަރަކަށް ދިވެހި ކުޅުންތެރިން، ފުޓުބޯޅަ ކުރިއަރާފައިވާ ގައުމަކަށް ހަތަރު ވަރަކަށް އަހަރަށް ފޮނުވާލީމައި، އޭގެ ތެރެއިން 10 ވަރަކަށް ކުޅުންތެރިން (ފުޓުބޯޅައިގައި) މަތީ ފަންތިއަކަށް ގެންދެވިދާނެ ކަމަށެވެ.

ބޭރު ގައުމަކަށް ކުޅުންތެރިން ތަމްރީނަށް ފޮނުވުން އެއީ ދިވެހި ކޯޗުން ދަށްވެގެން ކުރަން ޖެހޭ ކަމެއް ނުވަތަ ބުނާ ބަހެއް ނޫންކަމަށް މަރޭ ބުނެފައި ވެއެވެ.

މަރޭ އިތުރަށް ބުނީ، ރާއްޖޭގައި ކުޅުންތެރިންނަށް އެ ކުޅުންތެރިން ކުރިއަރަން ބޭނުންވާ އެކަށީގެންވާ މާހައުލެއް ނުލިބޭ ކަމަށާއި، ކުޅުންތެރިން ކުރިއަރަން ބޭނުންވާނަމަ، އެފަދަ މާހައުލެއް ލިބެންޖެހޭ ކަމަށެވެ.

އަދި މިއީ މާލީގޮތުން ބަލާނަމަ ވެސް ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އުފައްދާ މަޝްހޫރު ބައެއް ކުލަބުތަކުގެ އެކަޑެމީ ތަކުން މިފަދަ ކަންކަމަށް ތައްޔާރު ކަމަށް މަރޭ ބުނެފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ފިރިހެނުންގެ ސީނިއާ ގައުމީ ޓީމަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭ ކަމަށް ބުނެ، ގިނަ އަދަދެއްގެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ފުޓުބޯޅަ އެސޯސިއޭޝަނާއި، ޓީމުގެ ކޯޗިންގް ސްޓާފުންނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އެގޮތުން ގައުމީ ޓީމުގެ ކޯޗުކަމާ 2021 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއެރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މިހާތަނަށް 11 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. އެ 11 މެޗުގެ ތެރެއިން ފަސް މެޗަކުން ބަލިވެފައިވާއިރު ބާކީ ދެ މެޗުންވީ އެއްވަރެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ފޯ ނޭޝަންސް ކަޕަށް ސްރީލަންކާއަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ނޫސްވެރިންނާއި ވާހަކަދައްކަނީ-- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ރާއްޖެއިން މޮޅުވި ހަތަރު މެޗުގެ ތެރެއިން ތިން މެޗަކީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން މެޗެވެ.

ރާއްޖެ މޮޅުވި މެޗުތަކުގައި ކުޅެފައިވަނީ ވޯލްޑް ރޭންކިންގައި 192 ވަނައިގައި އޮތް ބަންގްލަދޭޝްއާއި، 207 ވަނައިގައި އޮތް ސްރީ ލަންކާގެ އިތުރުން، 187 ވަނައިގައި އޮތް ލާއޯސް އަދި 190 ވަނައިގައި އޮތް ބްރޫނާއިއާ ދެކޮޅަށެވެ.

އެންމެފަހުން ރާއްޖޭގެ ގައުމީ ޓީމުން ކުޅެފައި ވަނީ އެކުވެރިކަމުގެ މެޗުތަކެއްގައި މެލޭޝިއާއާއި ސިންގަޕޫރާ ދެކޮޅަށެވެ. މި ދެ މެޗުން ވެސް ރާއްޖެ ބަލިވެފައި ވާއިރު، މެލޭޝިއާ އޮތީ ރޭންކިންގެ 146 ވަނައިގައެވެ. ސިންގަޕޫރަށް ރޭންކިންގައި ލިބެނީ 175 ވަނައެވެ.

ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގައި ރާއްޖެއަށް ލިބެނީ 154 ވަނައެވެ.

https://sun.mv/171775

ގައުމީ ޓީމާއި، ދިވެހި ފުޓުބޯޅައިގެ ހާލަތު ދަށް ކަމަށް ގިނަބަޔަކު މި ދުވަސްވަރުގައި ބުނަމުންދާއިރު، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ ބައެއް އިނާޔަތްތައް ނުލިބި ހުރި މައްސަލަތަކަކާއި، ހުޅުމާލޭގައި ގާއިމްކުރަން އުޅުނު ގައުމީ ފުޓުބޯޅަ ސްކޫލުގެ މަސައްކަތް ވެސް ދިގުލައިގެން ގޮސް، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުނު ނަމަވެސް، އެ މަސައްކަތް ވެސް މިވަގުތު މަޑުޖެހިފައި އޮތްކަން ފާހަގަކޮށްލެވެއެވެ.

އަދި ފުޓުބޯޅައިގެ އެކި ޑިވިޝަންތަކުގައި ކުޅޭ މެޗުތަކުގައި އިންސާފުކުރާ ރެފްރީންނަށް ދޭންޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން އެ ރެފްރީން މެޗުތަކުގައި އިންސާފުކުރަން ދެކޮޅު ހަދައި، ބައެއް މެޗުތައް ހުއްޓިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

https://sun.mv/171610

comment ކޮމެންޓް