ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ ދެ ޑިވިޝަންވެސް ފެމިލީ ބޭކާސް ކާމިޔާބުކޮށްފި

ޑަބްލިއުއެސްއޭ ހޭންޑްބޯލް މުބާރާތުގެ ތެރެއިން ... ފޮޓޯ/ ޑަބްލިއު ސްޕޯޓްސް އެކެޑެމީ

ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމް އާއި ޑަބްލިއު ސްޕޯޓްސް އެކެޑެމީ ގުޅިގެން ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ އަންހެން ޑިވިޝަނާއި ފިރެހެން ޑިވިޝަންވެސް ފެމިލީ ބޭކަރސް ކާމިޔާބު ކޮށްފި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލް މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ރޭ އެވެ. މުޅިއަކު 16 ޓީމާ އެކު ކުރިއަށް ގެންދިޔަ އެ މުބާރާތް ރޭ ނިމިފައި ވާއިރު، އެ މުބާރާތް ފެމިލީ ބޭކާސްގެ އަންހެން ޓީމާއި ފިރެހެން ޓީމު ކާމިޔާބުކޮށްފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެމިލީ ބޭކާސް އާ ދެކޮޅަށް ކުޅެފައި ވަނީ ކުޅުދުއްފުށިން ބޭރުން އެ މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމް ކަމަށްވާ ނޮޅިވަރަމް އެވެ. އެ މެޗު ފެމިލީ ބޭކަރސް 9-3ގެ ނަތީޖާއަކުން ކާމިޔާބު ކުރި އިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމިލީ ބޭކާސްގެ އައިމިނަތު ހިބާ ފައިސަލް އެވެ.

ފިރެހެން ޑިވިޝަންގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެމިލީ ބޭކަރސްއާ ދެކޮޅަށް ކުޅެފައި ވަނީ ނިއުއޭޖް އެސްސީ އެވެ. އެ މެޗު ފެމިލީ ބޭކާސް 8-10ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމިލީ ބޭކަރސްގެ އަހުމީމް އަލީ އެވެ.

ފައިނަލް މެޗުތަކަށް ފަހު ބޭއްވި މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތުގައި އަންހެން ޑިވިޝަންގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވަފައި ވަނީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހަ އިދުރީސް އެވެ. އަދި ފިރެހެން ޑިވިޝަންގެ ޗެންޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން އެވެ.

އެ ރަސްމިއްޔާތުގައި ދެ ޑިވިޝަންގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިންނަށް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެ. އަދި މުބާރާތުގެ ފިރެރެހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔާ ނިއުއޭޖްގެ އިބްރާހިމް ހަސަން އަށާއި ފިރެހެން ޑިވިޝަންގެ އެމްވީޕީ، ފެމިލީ ބޭކަރސްގެ އަހުމަދު ސައިފް ނައީމްއަށް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ ރަނިކަ ޓީމްގެ ފާތިމަތު ސަރުވާ އެވެ. އަދި އެ ޑީވިޝަންގެ އެމްވީޕީއަކަށް ހޮވުނީ ފެމިލީ ބޭކަރސްގެ އައިމިނަތު ހިބާ ފައިސަލް އެވެ. އޭގެ އިތުރުން އެ ރަސްމިއްޔާތުގައި މުބާރާތުގެ އޮފިޝަލްކަން ކުރެއްވި ފަރާތްތަކަށާއި އަގުހުރި ހިދުމަތްތައް ކޮށްދީ ހުރިހާ ކަމެއްގައި އެހީ ވެދިން ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް