ތަށްޓަށް ކުޅޭ އިރު އެކްސްޕެރިމެންޓް ކުރެވޭކަށް ނެތް: މޯހަން

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވޭތުވެ ދިޔަ ދެ ތިން އަހަރު ތެރޭ އީގަލްސް އަކީ ތަށްޓަށް ވާދަކުރާ ކުލަބަކަށް ވެއްޖެ ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ލީގުގައި ދިވެހި ކީޕަރުންނަށް ފުރުސަތު ދީގެން އެކްސްޕެރިމެންޓް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް އީގަލްސްގެ ކޯޗު މުހައްމަަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ދިވެހި ކީޕަރުންނަށް ފުރުސަތު ފަހި ކޮށް ދިނުމަށްޓަކައި، އެފްއޭއެމުން 2017 ވަނަ އަހަރު ވަރަށް މުހިންމު ނިންމުމެއް އިއުލާން ކޮށްފަ އެވެ. މި އަހަރުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭނެ ގޮތަށް އެފްއޭއެމުން ނިންމި ނަމަވެސް ކޮވިޑްގެ ސަބަބުން އައި ދަތިތަކާ އެކު ކުލަބުތަކުގެ ބަހަނާތައް އިތުރުވެ އެފްއޭއެމުން މިހާރު ވަނީ ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ކީޕަރުން ޖެހުމުގެ ފުރުސަތު ހުރިހާ ޓީމަކަށް ދީފަ އެވެ.

އެހެން ކަމުން މަދު ޓީމެއް ފިޔަވައި ގިނަ ޓީމުތަކުން ބިދޭސީ ކީޕަރުން ގެނެސް ފަރިތަކުރުންތައް ކުރިއަށް ގެންދާ އިރު، ކުރިން ދިވެހި ކީޕަރުން ޕްރޮމޯޓް ކުރާނެ ކަމަށް ވާހަކަ ދެއްކި ކުލަބުތަކުގެ ރާގުވެސް ވަނީ މިހާރު ބަދަލުވެފަ އެވެ. އަދި އެހެންމެ ބައެއް ކުލަބުތަކުގެ ކޯޗުން ބުނާ ގޮތުގައި ދިވެހި ކީޕަރުންގެ ފެންވަރު ނެތުމާ އެކު ލީގުގައި އެހެން އެއްވެސް ކުލަބަކުން ބިދޭސީ ކީޕަރަކު ގެންގުޅޭ ނަމަ، ދިވެހި ކީޕަރުން ލައިގެން ކުޅުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމެއް ނޫނެވެ.

ތަޖުރިބާކާރު ކޯޗު މޯހަން ބުނީ، ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުމުގައި މިހާރު އޮތީ ދެ ހާލަތަކަށް ބަރޯސާ ވުމެވެ. އެއް ހާލަތަކީ އެ ޓީމެއް ކުޅޭ ހިސާބު ކަމަށާއި، އެއީ ޓީމެއް ލީގުގައި ވާދަކުރާ ޓާގެޓް ކަމަށެވެ.

"އަޅުގަނޑުމެން ޓީމު، އީގަލްސް މިހާރު މިއޮތީ އަބަދުވެސް ތަށްޓަށް ކުޅޭ ހިސާބަށް އައިސްފައި މިދިޔަ ދެތިން އަހަރު ތެރޭ. އެހެންވީމަ އަޅުގަނޑަށް ވަރަށް އުނދަގޫވޭ އެކްސްޕެރިމެންޓް ކުރުމުގެ ފުރުސަތު ދޭން. ނޫނީ އެ ރިސްކް ނެގުން." މޯހަން ބުންޏެވެ.

މޯހަން ބުނީ، ތަށްޓަށް ކުޅޭ އިރު އެ ރިސްކް ނެގެން ނެތް ކަމަށާއި، އެހެން ނޫން ލީގުގެ ވަކި ހިސާބެއްގައި އޮންނަ ގޮތަށް އެކަން ކުރާ ނަމަ ގިނަ ކުޅުންތެރިންތަކަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

މި އަހަރުގެ ސީޒަން ފަށަން އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތްކުރީ ޖޫން މަހު އެވެ. އެކަމަކު ކޮވިޑް-19 ފެތުރިފައިވާތީ މުބާރާތް ފެށުން ޖެހުނީ ފަސްކުރާށެވެ. ސީޒަން ފަށަން ސިއްހީ މާހިރުންގެ ހުއްދަ ހޯދުމުގައި ދިމާވި ލަސްތަކާއި އެހެނިހެން ކަންކަން ފުރިހަމަކުރަން ނެގި ވަގުތުތަކާ އެކި ސަބަބުތަކާ ހުރެ އެންމެ ފަހުން ސީޒަން ފަށަން ލިބުނު ތާރީހަކީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަހު ކުޅޭނީ މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗެވެ.

comment ކޮމެންޓް