އޭޝިއާ-ޕެސިފިކް ގައުމުތަކުގެ މާލީ ވަޒީރުންގެ ވާޗުއަލް ބައްދަލުވުމެއް ބާއްވައިފި

ރާއްޖެ ހިމެނޭ ގޮތަށް އެސިއާ ޕެސިފިކް ގައުމުތަކުގެ މާލީ ވަޒީރުންގެ ވާޗުއަލް ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ޖަލްސާގައި ފެނާއި ނަރުދަމާއާއި ސާފުތާހިރުކަމާއި ސިއްހަތާއި (ވޯޝް) ބެހޭ ދާއިރާއަށް ލިބިފައިވާ މާލީ ވަސީލަތްތައް ކުރިއަށްވުރެ ރަނގަޅަށް ބޭނުން ކުރާނެ ގޮތްތަކާއި މި ދާއިރާއަށް އިތުރު ވަސީލަތްތައް ގެނެވޭނެ ގޮތްތަކާއި މެދު ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގެ ސަބަބުން އެ ބޭފުޅުންގެ މެދުގައި ވޯޝްއަށް ފާއިދާހުރި މޮޅު އިންވެސްޓްމެންޓަށް މަގުފަހިވާ ގޮތުގެ މަތިން ތަފާތު ދާއިރާތަކާއި ސަރަހައްދުތަކުގެ ޕާޓްނާޝިޕް ގާއިމުކޮށް، މިފަދަ ގުޅުންތައް ހަރުދަނާ ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކުރި އެވެ.

އެ ބައްދަލުވުމުގެ ބައިވެރިން ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ގައުމުތަކުގެ އިގުތިސޯދަށް ކުރަމުންދާ އަސަރުތަކުން އެނގެމުން ދަނީ ފެނާއި ސާފުތާހިރު ކަމާއި ގުޅުންހުރި މައްސަލަތައް އާއްމު ސިއްހީ ދާއިރާއިން ބޭރުން އެތައް ދާއިރާތަކާ ގުޅިލާމެހިފައިވާ ކަމެއް ކަމުގައެވެ.

މި ބައްދަލުވުން އިންތިޒާމު ކުރަނީ ސަރަހައްދީ ގައުމުތަކުގެ ސަރުކާރުތަކާއި އެހީދޭ ފަރާތްތަކާއި އާއްމު ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ތަރައްގީއަށް އެހީތެރިވާ އެކިއެކި ފަރާތްތަކާއި އާއްމުކޮށް ފެނާއި ސާފުތާހިރުކަމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ އަމާޒަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެންނެވެ.

އެ ފަރާތްތަކުގެ ތެރޭގައި ސެނިޓޭޝަން އެންޑް ވޯޓާ ފޮ އޯލް (އެސް.ޑަބުލިޔު.އޭ)، ޔުނިސެފް، ވޯލްޑް ބޭންކް، ގްލޯބަލް ވޯޓާ ޕްރެކްޓިސް އާއި އޭސިޔާ ޑިވެލޮޕްމެންޓް ބޭންކު ހިމެނެ އެވެ.

ކުރީ އަހަރުތަކާ ހިލާފަށް މިއަހަރުގެ ޖަލްސާ ވާޗުއަލްކޮށް ކުރިއަށްގެންދާއިރު، ދުނިޔޭގެ ކަންކޮޅުތަކަށް އޮންލައިންކޮން މި ޖަލްސާ ބްރޯޑްކާސްޓް ކުރެވޭނެ އެވެ.

މި ޖަލްސާ އިންތިޒާމު ކުރުމުގެ އިސްދައުރެއް އަދާކުރާ ސެނިޓޭޝަން އެންޑް ވޯޓާ ފޮ އޯލްއަކީ ފެނާއި ސާފުތާހިރުކަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޕާޓްނާޝިޕްއެކެވެ.

މިގުޅުން މެދުވެރިކޮށް މިއަދު ބާއްވާ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ މާލީ ވަޒީރުންގެ ޖަލްސާއާއި ބެހޭގޮތުން އާންމު ހޭލުންތެރިކަން އުފެއްދުމަށް ޖަމިއްޔާތަކުން ހިންގާ ހަރާކާތްތަކަށް އެހީތެރިވަނީ ވޯޓާކެއާ، ވޯޓާ ސޮލިއުޝަންސް އަދި ސޭވް މޯލްޑިވްސްއިންނެވެެ.

މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފެނާއި ނަރުދަމާއާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ކުރިއެރުވުމަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާ ޖަމާއަތްތައް ބައްދަލުވެ، އެ ޖަލްސާގައި ފާހަގަކުރަންޖެހޭ މުހިއްމު ބައެއް ކަންތައްތައް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފެނާއި ނަރުދަމާއާއި ސެނިޓޭޝަން ދާއިރާގެ ތަރައްގީއަށް ކަނޑައެޅިފައިވާ ފައިސާ ދެކޮޅުޖެހޭ އުސޫލަކުން ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައި މިދާއިރާގެ މުއައްސަސާތައް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކޮށް، ހިންގުންތެރިކަން ވަރުގަދަކުރުމަކީ މުހިއްމު ކަންތައްތައް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

މިއަދު މިބޭއްވި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފައިނޭންސް މިނިސްޓަރުންގެ ޖަލްސާގައި ފެނާއި ނަރުދަމާ އަދި ތިމާވެއްޓާއި ބެހޭ ދާއިރާގެ މިނިސްޓަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

comment ކޮމެންޓް