ކޮވިޑްގެ ސަބަބުން ނިއުކާސްލް ޔުނައިޓަޑްގެ ތަމްރީނު ދަނޑުތައް ބަންދުކޮށްފި

ނިއުކާސަލްގެ ފުޓުބޯޅަ ސްޓޭޑިއަމެއް

ޓީމުގެ ބައެއް ކުޅުންތެރިންނާއި މުއައްޒަފުންނަށް ކޮވިޑް-19 ޖެހުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ ޕްރިމިއަރ ލީގް ޓީމެއް ކަމަށް ވާ ނިއުކާސްލް ޔުނައިޓަޑްގެ ތަމްރީނު ދަނޑުތައް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަންދު ކޮށްފިއެވެ.

ނިއުކާސްލް ޔުނައިޓަޑްގެ މެނޭޖަރ ސްޓީވް ބްރޫސް ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އެ ޓީމުގެ ތިން ކުޅުންތެރިންނާއި މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި އޭގެ އިތުރުންވެސް މި ވޭތުވެދިޔަ ދުވަސްތަކުގައި އެ ބަލީގެ އިތުރު ކޭސްތައް ފެނިފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

އޭގެ އިތުރުން އަންގާރަ ދުވަހު އެ ޓީމުގެ ތަމްރީނުތައް ބާއްވާނެ ކަމުގެ ޔަގީންކަން ދޭން ނިއުކާސްލްއިން ވަނީ ފަސްޖެހިފައެވެ. ޕްރިމިއަރ ލީގުގައި އެ ޓީމު ދެން އެންމެ އަވަހަށް ނިކުންނާނީ ހުކުރު ދުވަހަށް ތާވަލް ކުރެވިފައިވާ މެޗުގައި އެސްޓަން ވިލާ އާ ދެކޮޅަށެވެ.

މިދިޔަ ހުކުރު ދުވަހު ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ކުރި ހޯދި ނަމަވެސް، މި ދަނޑިވަޅުގައި ކަންކަން މެނޭޖުކުރަން ދަތިކަމަށް އެ ޓީމުގެ މެނޭޖަރ ބްރޫސް ވަނީ ބުނެފައެވެ. ބަލީގެ ސަބަބުން އެ ޓީމުގެ މިޑްފީލްޑަރ އައިސަކް ހޭޑަންއަށް އެ މެޗުގައި ނުކުޅެވުމުގެ އިތުރުން، އެ ޓީމުގެ ކެޕްޓަން ޖަމާލް ލަސޫލްސް އާއި ވިންގަރ އެލެން ސެއިންޓް-މެކްސިމިން އަދި ޑިފެންޑަރ އެމިލް ކްރާފްޓް ވަނީ އިންޖަރީގައި ކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ޕްރިމިއަރ ލީގުގައި ކޮރޯނާ ވައިރަސްގެ 10 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް އެ ކޭސްތައް ފެނިފައި ވަނީ ކޮން ކްލަބްތަކަކުން ކަން ލީގުން ހާމަ ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް