ނިއުކާސަލުން ޑެ ހެއާގެ ސޮއި ހޯދަން ޝިއެރާ ގޮވާލައިފި

ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާގެ ސޮއި ހޯދަން ނިއުކާސަލް ޔުނައިޓެޑަށް އެ ކްލަބުގެ ލެޖެންޑް އެލަން ޝިއެރާ ގޮވާލައިފިއެވެ.

ޝިއެރާ ގަބޫލުކުރާގޮތުގައި ޖެނުއަރީ ޓްރާންސްފާގައި ނިއުކާސަލްގެ ސްކޮޑު ވަރުގަދަކުރުމަށް ގޯލްކީޕަރަކާއި ފޯވަޑެއް އެ ކްލަބަށް ބޭނުންވެއެވެ. އެގޮތުން ކީޕަރެއްގެ މަގާމަށް ޝިއެރާ ދީފައިވަނީ މި ވަގުތު އެއްވެސް ކްލަބަކަށް ކުޅެމުން ނުދާ ޑެ ހެއާގެ ނަމެވެ.

"ނިއުކާސަލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލަންވީ ޖެނުއަރީ ޓްރާންސްފާގައި ގޯލްކީޕަރަކާއި ފޯވަޑެއް ހޯދަން. ކީޕަރަކަށް ޑެ ހެއާ ވެސް އެ ހުރީ. އަހަރެންނަށް އެނގޭ އޭނާއަށް ބޮޑު މުސާރައެއް ދޭން ޖެހޭނެކަން. އެކަމަކު އޭނާ ހޯދުމަށް ކްލަބަކަށް އަގެއް ދައްކާކަށް ނުޖެހޭނެ،" 'ބީބީސީ ރޭޑިއޯ 5 ލައިވް'ގައި ވާހަކަދައްކަމުން ޝިއެރާ ބުންޏެވެ.

މި މަހުގެ ކުރީކޮޅު ނިއުކާސަލްގެ އެއް ނަމްބަރު ގޯލްކީޕަރު ނިކް ޕޯޕްގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ. ޕޯޕްއަށް ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވިފައިވާ އިރު، މިހާރު ނިއުކާސަލުގެ ގޯލުން އާންމުކޮށް ފެންނަމުންދަނީ ސްލޮވާކިއާ ކީޕަރު މާޓިން ޑުބްރާވްކާއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނިއުކާސަލުން މިވަގުތު އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ލޯނުގެ ދަށުން ގެންދިއުމަށެވެ.

comment ކޮމެންޓް