އެއިޑްސް ބަލި ނިމުމަކަށް ގެނައުމަށް މުޅި ދުނިޔެ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންޖެހޭ: އދ

ނިޔުޔޯކް (ޑިސެމްބަރު 1) : މިއަދަކީ އެއިޑްސް ބައްޔާބެހޭ ބައިނަލްއަގްވާމީ ދުވަހެވެ.

މިއަދުގެ މުނާސަބަތުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ދެއްވި ޚިތާބުގައި އެއިޑްސް ބަލި ނިމުމަކަށް ގެނައުމަށް މުޅި ދުނިޔެ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސް ކުރެއްވިއެވެ. ގުޓެރޭޒް ވިދާޅުވީ، ކޮވިޑް-19 ގެ ވަބާއާ ދުނިޔެ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި އެއިޑްސް ބަލި ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ފަރުވާކުޑަކޮށްގެން ނުވާނެކަމަށާ އެއިޑްސްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ހަމްދަރުދީވެ އެމީހުންގެ ޝުޢޫރުތަށް އިހްސާސް ކުރަންޖެހޭ ކަމުގައެވެ.

އެއިޑްސް (އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް) ބައްޔަކީ، ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ނަމަކަށް ކިޔާ ވައިރަސްއެއްގެ ޒަރިއްޔާއިންޖެހޭ ފަނާކުރަނިވި ބައްޔެކެވެ. މަރުބައްޔަކަށް މިބަލިވަނީ މިބަލީގެ ވައިރަސް އިންސާނާގެ ދިފާއީ ނިޒާމަށް ހަމަލާދީ ދިފާއީ ނިޒާމު ހަލާކުކޮށްލާތީއާއި މިބައްޔަށް އަދި ޝިފާއެއް ނުލިބޭތީއެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިން އެއްވެސް ހޯދިފައިނުވާ މިބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ ލެއާއި ހަށިގަނޑުގައިވާ ދިޔާ ބައެއް ތަކެތީގެ ޒަރީއާއިންނެވެ. މިގޮތުން މިބަލި ގައިން ގަޔަށް ވާސިލްވަނީ ރައްކާތެރިކަމުގެ ވަސީލަތްތަށް ބޭނުން ނުކޮށް ޖިންސީ ގުޅުން ހިންގުމުންނާއި ލޭގެ ޒަރިއްޔާއިންނާ އަދި އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ގައިން އެމީހުންގެ ބަނޑުގައިވާ ދަރިފުޅަށެވެ.

ދުނިޔެއަށް ބަލާއިރު އެޗްއައިވީ ވައިރަސްޖެހި އެއާއެކު ދިރިއުޅެމުންދާ މީހުންގެ އަދަދު 39 މިލިޔަނަށް އަރާކަމަށް ތަފާސް ހިސާބުތަށް ބުނެއެވެ. މީގެތެރެއިން 1.7 މިލިޔަން އަކީ ކުޑަކުދިންނެވެ.ފަރުވާލިބެނީ މީގެތެރެއިން ގާތްގަނޑަކަށް 25 މިލިއަން މީހުންނަށެވެ.

މިހާތަނަށް 80 މިލިޔަން މީހުންނަށް މިބަލި ޖެހިފައިވާކަން ރިޕޯޓްކޮށްފައިވާއިރު އޭގެތެރެއިން 41 މިލިޔަން މީހުން މިބަލީގެ ޝިކާރައަކަށްވެ މަރުވެފައިވާކަން ރިޕޯޓްތަކުން ހާމަވެފައިވެއެވެ. ނަމަވެސް މިބަލިޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންނާ އަދި މިހާރު މިބަލީގައި އުޅޭ މީހުންގެ ހަގިގީ އަދަދު މުޅިން ކަށަވަރެއް ނުވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރުވަނީ އެޗްއައިވީ ކޮންޓްރޯލް ކޮށްފައެވެ. މި ވައިރަސް މިހާރު އެންމެ ގިނައިން ފެތުރެމުންދަނީ އެފްރިކާގެ ބައެއް ގައުމުތަކާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައެވެ.

އެއިޑްސްއާ ގުޅުންވާ ކަމަށް ބެލެވޭ ބަލިތަކުގެ ޝިކާރައަކަށްވެ މިހާތަނަށް 800 މިލިޔަން މީހުން މަރުވެފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް