ފަހަތުން އަރައި ޔުނައިޓެޑް މޮޅުވި އިރު، ޓޮޓެންހަމް އެއްވަނައަށް

މެންޗެސްޓާ ޔުނައިޓެޑާއި ސައުތަމްޓޮން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތަމްޓޮން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް މޮޅު ހޯދި އިރު، ޗެލްސީއާ އެއްވަރުކޮށް ޓޮޓެންހަމް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ސައުތަމްޓޮން ދަނޑުގައި ރޭ ކުޅުނު އެ މެޗުން މެންޗެސްޓާ ޔުނައިޓެޑް ކުރި ހޯދީ 2-3ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ޖުމުލަ 16 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް މިވަގުތު އޮތީ އަށް ވަނައިގަ އެވެ. ރޭ ޗެލްސީއާ އެއްވަރުކޮށް ޓޮޓެންހަމުން އެއްވަނައަށް ޖެހިލި އިރު، އެ ޓީމަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. ދެވަނައިގައި އޮތް ލިވަޕޫލް ވެސް 21 ޕޮއިންޓް ހޯދާފައިވާ އިރު، ޓޮޓެންހަމް ކުރި ހޯދަނީ ފައިދާ ގޯލުންނެވެ.

ސައުތެމްޓަން ދަނޑުގައި ރޭ ފުރަތަމަ ހާފުގައި އެ ޓީމުން ޔެން ބެޑްނަރެކް އާއި ޖޭމްސް ވޯޑް-ޕްރައުސްގެ ހިލޭ ޖެހުމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު މެޗު ބަދަލުކޮށްލީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑްގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އެވެ.

މިފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ކަވާނީ ވަނީ ރޭގެ މެޗުގައި ދެ ގޯލުގެ އިތުރުން ބްރޫނޯ ފަނޭންޑޭޒް ޖެހި ގޯލު ޖަހަން އެސިސްޓް ކޮށްދީފަ އެވެ. ކަވާނީ އޭނާގެ ފަހު ގޯލު ޖަހައި ޔުނައިޓެޑަށް ރޭގެ މޮޅު ޔަގީންކޮށްދިނީ މެޗުގެ އިތުރުވަގުތުގެ ތެރޭގަ އެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވި ނަމަވެސް ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ޓޮޓެންހަމާއި ޗެލްސީ ކުޅުނު މެޗެއް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރޭ ވުލްވްސްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ވުލްވްސް ކުރި ހޯދީ 1-2ގެ ނަތީޖާއަކުންނެވެ. އެއާ އެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ވުލްވްސް އަށް ލީޑުނަގައިދިނީ ޕެޑްރޯ ނެޓޯ އެވެ. އާސެނަލަށް އެއްވަރުކޮށްދިން ލަނޑު ގަބްރިއެލް މަގަޅާއެސް ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވުލްވްސް އަށް އަލުން ލީޑުނަގައިދިނީ ކަސްޓޭލޯ ޕޮޑެންސް އެވެ.

comment ކޮމެންޓް