ޝިޕިން އެޖެންސީ ގަވާއިދަށް އަމަލުކުރަން ފަށައިފި، ލައިސެންސް ލިބޭނީ ދިވެހި ކުންފުނިތަކަށް

ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަތޭކަ ޕަސެންޓު ދިވެހި ކުންފުނިތަކަށް ލައިސެންސް ދޫކުރާ ގޮތަށް ޝިޕިން އެޖެންސީއާބެހޭ ގަވާއިދު އަލުން އެކުލަވާލުމަށްފަހު އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

މިއަހަރުގެ ޖުލައި 16ވަނަ ދުވަހުވެސް ޝިޕިން އޭޖޭންސީއާ ބެހޭ ގަވާއިދެއް ގެޒެޓްކުރުމަށް ފަހު، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވާއިދު ފަހުންވަނީ އުވާލައިފައެވެ.

އަލުން އެކުލަވައިލުމަށްފަހު އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނާ ގޮތުން ޝިޕިން އެޖެންސީގެ ލައިސެންސް ދޫކުރާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބުނާ ކުންފުނި ނުވަތަ ޕާޓްނަޝިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

އެ ފަރާތްތަކަކީ ލައިސެންސް ދޫކުރާ މުއްދަތް (ފަސް އަހަރު)ގެ ތެރޭގައި 100 ޕަސެންޓު ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕަކަށް ވާންވާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ލައިސެންސް ދޫކުރުމަށްފަހު އެހެން ފަރާތަކަށް އެ ލައިސެންސް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ލައިސެންސް ފީގެ ގޮތުގައި ނަގަން ކަނޑައަޅާފައިވަނީ އަހަރަކަށް 100 ރުފިޔާގެ މަގުން، 500 ރުފިޔާ އެވެ. އަދި ޑެލިވަރީ އޯޑަރަށް ނަގާ ފީތައް ވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.

ފުލް ކޮންޓެއިނަރެއް ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ ބީއެލްއަކަށް ނަގަނީ 771 ރުފިޔާ (50 ޑޮލަރު) އެވެ. އަދި ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ސީބީއެމް ހިމެނޭ ބީއެލްއަކަށް ނަގާނީ 385.50 ރުފިޔާ (25 ޑޮލަރު) އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު އިންކޯޓާރމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނަގައިގެން ނުވާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މި ގަވާއިދުގައި ނުވަވަނަ މާއްދާ (އަގު ކޮންޓްރޯލު ކުރުން)އާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރަށް 1000 ރުފިޔާ އަދި ދެވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ގަވާއިދުގެ ނުވަވަނަ މާއްދާ ފިޔަވައި އެހެން މާއްދާއަކާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރަށް 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން އަދި ތަކުރާރުވެއްޖެނަމަ 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

comment ކޮމެންޓް