ޓުޓިކޮރިން، އައްޑޫ އަދި ތިނަދޫ އާދެމެދު ދަތުރުތައް ފަށައިފި

އެމްވީ ބޮންތި 2 --- ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިންޑިއާގެ ޓުޓިކޮރިން (ސޫތުކުޅި) އާއި ހުވަދު އަތޮޅު އަދި އައްޑޫ ސިޓީއާ ދެމެދު ކާގޯ ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މިއަދު ބުނީ، އެކުންފުނީގެ ބޯޓު، "އެމްވީ ބޮންތި 2" ފުރަތަމަ ދަތުރުގައި މިއަދު ޓުޓިކޮރިން އަށް ފުރާފައިވާ ކަމަށެވެ.

އަދި އެ ބޯޓު ޓުޓިކޮރިން އަށް ބަނދަރުކުރާނީ މާދަމާ ހަވީރު ކަމަށެވެ. އަދި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ބޯޓު އައްޑޫއަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ އިތުރު ދަތުރުތަކެކެވެ.

އެމްއެސްއެސް އިން ބުނީ ކުންފުނީގެ ހޮޓްލައިން 7309700 އަށް ގުޅައިގެން، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ކާގޯ ބުކް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކާގޯ ދަތުރުތައް ފެށުމާ ގުޅިގެން ހިތަދޫ ޕޯޓް ލިމެޓެޑުން ބުނީ މީ ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެންދާނެ ކަމެއް ކަމަށާއި، ކާގޯ ދަތުރުތަކުގެ ސަބަބުން ޕޯޓަށާއި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ބާއްވާ ކާގޯ ފެރީ ދަތުރުތައް ފެށީ ސެޕްޓެމްބަރު މަހު ފަހުކޮޅުއެވެ.

comment ކޮމެންޓް