ސޮނޭވާ ޖާނީގެ ދެވަނަ ބާބު: އިސްކަން ދޭނީ އަންހެނުންނަށް

ސޮނޭވާގެ އަންހެން މުވައްޒަފުން-- ފޮޓޯ/ސޮނޭވާ

ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީއަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު އެއް ލަގްޒަރީ ރިސޯޓެވެ. ކޮވިޑް19 ޕެންޑެމިކްގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބޮޑު ހީނަރުކަމުގެ ތެރެއިން ސޮނޭވާ ޖާނީ ނިކުންނަނީ 100އާ ގާތްކުރާ އަދަދަކަށް އާ ވަޒީފާގެ ފުރުސަތުތަކާއެކުގަ އެވެ.

ސޮނޭވާ ޖާނީ-- ފޮޓޯ/ސޮނޭވާ

މި މަހުގެ ހަތަރުވަނަ ދުވަހު ސޮނޭވާ ޖާނީއިން ވަނީ 85 ވަޒީފާގެ ފުރުސަތު އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

 • ހައުސް ކީޕިން (18)
 • ބަޓްލަރު (16)
 • ވޯޓާ ސްޕޯޓްސް (2)
 • ބޯޓް ކްރޫ (2)
 • ރިޒަވޭޝަން އެޖެންޓް (1)
 • ގިފްޓް ޝޮޕް އެސިސްޓެންޓް (2)
 • އެއާޕޯޓް ހޮސްޓް (2)
 • އެފްއެންޑްބީ އެސިސްޓެންޓް މެނޭޖަރު (1)
 • ޑެސްޓިނޭޝަން މެނޭޖާ (3)
 • އެފް އެންޑް ބީ ޓީމުގެ އިތުރު އަށް ވަޒީފާ
 • އިންޖިނިއަރިން (10)
 • ކިޗަން ޓީމް (14)

ސޮނޭވާ ޖާނީގެ މި 'އެކްސްޕޭންޝަން'ގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހިން، އަދި ވަކިން ހާއްސަކޮށް އަންހެނުންނަށެވެ. ސޮނޭވާ ޖާނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ނިސްބަތުން 20 ޕަސެންޓަކީ މިހާރުވެސް އަންހެނުންނެވެ. އަދި އެކުންފުނީގެ އަމާޒަކީ 2021ވަނަ އަހަރު ނިމޭއިރު މިއަދަދު 30 ޕަސެންޓަށް އިތުރުކުރުމެވެ.

ސޮނޭވާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކެއް-- ފޮޓޯ/ސޮނޭވާ

މިކަން ހާސިލުކޮށް، މި ވަޒީފާތަކަށް އަންހެނުން ޝައުގުވެރިކުރަން ހާއްސަ ފިޔަވަޅުތަކެއް ވެސް ސޮނޭވާއިން ވަނީ އަޅާފަ އެވެ.

ފުރަތަމަ އަދި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން ސޮނޭވާގެ ދަށުން ހިންގާ ހުރިހާ ރިސޯޓުތަކުގައި ވެސް ޖިންސީ ފުރައްސާރަ ކުރުމަށް ދެނީ ޒީރޯ ޓޮލަރެންސް އެވެ. ދެ ޖިންސުގެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަކީ ސޮނޭވާއިން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ. އަހުލާގީ މިންގަނޑުތައް ދެމެހެއްޓުމަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ސޮނޭވާގެ ހުރިހާ މުވައްޒަފުންނަށް ވެސް ހިންގަ އެވެ.

ސޮނޭވާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސައިދެނީ ވަކި ފެސިލިޓީތަކެއްގަ އެވެ. އަދި ރިސޯޓުގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް، އާއިލާ ގޮވައިގެން ރިސޯޓުގައި އުޅެވޭނެ ގޮތް ވެސް ސޮނޭވާއިން ހަމަޖައްސައިދެ އެވެ. އެހެން ހުރިހާ ފަންތީގެ މުވައްޒަފުންގެ އާއިލާތަކަށް ވެސް ރިސޯޓަށް ޒިޔާރަތްކޮށް ރިސޯޓުގެ އިސްބޭފުޅުންނާ ބައްދަލުކޮށް، ރިސޯޓުގެ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް އެއްވެސް ހުރަހެއް ނޯވެ އެވެ.

ހަމައެއާއެކު އަންހެނުންނަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން އޮންލައިންކޮށް ހިންގާ ޖޮބް ޑިވެލޮޕްމަންޓް ޓްރެއިނިންތަކަށް ހިނގާ ހުރިހާ ހަރަދެއްވެސް ސޮނޭވާއިން ކޮށްދެ އެވެ. މިއީ ދެ ޖިންސުގެ މުވައްޒަފުންނަށްވެސް ސޮނޭވާގައި ލިބޭ ފުރުސަތެކެވެ.

ރިސޯޓު ވަޒީފާގައި ދުވަސް ގުނަމުންދާއިރު، ވަޒީފާގެ ބޭރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް މުހިންމުކަމެއްގެ ގޮތުގައި ސޮނޭވާއިން ދެކެ އެވެ. މިކަމުގައި އަންހެން މުވައްޒަފުންނަށް އޮތް ފުރުސަތު ހަނިވިޔަ ނުދިނުމަށްޓަކައި ކޮންމެ މަހަކުވެސް މަދުވެގެން އެއް ހަރަކާތް އަންހެނުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދެ އެވެ.

ސޮނޭވާ ޖާނީ-- ފޮޓޯ/ސޮނޭވާ

ނޫނު އަތޮޅު މެދުފަރުގައި ހިންގާ ސޮނޭވާ ޖާނީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 35 މިނެޓު އަދި ސްޕީޑްބޯޓުގައި އެއްގަޑިއިރުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. އަދި އެ ރިސޯޓާއި މިފަހުން ހުޅުވި ނ. މާފަރު އެއާޕޯޓާ ދެމެދު ސްޕީޑްބޯޓުގައި ކުރަން ޖެހެނީ 15 މިނެޓުގެ ކުރު ދަތުރެކެވެ.

comment ކޮމެންޓް