ކްރައުން އެންޑް ޗަންޕާގެ އިންނަހުރާ، ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށް، 'ނަލަ މޯލްޑިވްސް'ގެ ނަމުގައި އަލުން ހުޅުވައިފި

އިންނަހުރާ މޯލްޑިވްސް ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށް 'ނަލަ މޯލްޑިވްސް ބައި ޖާވާކަރަ'އަށް ރީބްރޭންޑްކުރުމަށްފަހު ވިޔަފާރިވެރިޔާ އުއްޗުއާއި މިނިސްޓަރު ޠާރިގު ފޮޓޮއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ: ނިޝާން ޢަލީ/ މިހާރު

ޅ. އަތޮޅުގައި މަޝްހޫރު 'ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް' ކުންފުނިން ހިންގި އިންނަހުރާ މޯލްޑިވްސް ރިސޯޓު، 'ނަލަ މޯލްޑިވްސް ބައި ޖާވާކަރަ'އަށް ރީބްރޭންޑްކުރުމަށް ފަހު އަލުން ހުޅުވައިފިއެވެ.

ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް ރީބްރޭންޑްކުރުމަށް ފަހު އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމާއި ޗަމްޕާ ގްރޫޕްގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)އެވެ.

މިއީ ކްރައުން އެންޑް ޗަމްޕާއިން ރާއްޖޭގައި ހިންގާ 11ވަނަ ރިސޯޓެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯ މުހައްމަދު ޞަލާހު ވިދާޅުވީ، އޯވަ ވޯޓާ ވިލާތައް ހިމެނޭހެން 80 ވިލާއާ އެކު ތަރައްގީކުރި ނަލަ މޯލްޑިވްސްއަކީ ލަގްޒަރީ ފަސްތަރީގެ އެންޓްރީ ލެވެލްގެ ފެންވަރަށް ހުރިހާ ޚިދުމަތެއް ބައްޓަންކޮށްފައިވާ ރިސޯޓެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަލަ މޯލްޑިވްސްއަށް ބޭނުންވާ 1.8 މެގަވޯޓްގެ ކަރަންޓު އުފައްދަނީ ސޯލާ ހަކަތައިންނެވެ. ޞަލާހު އިތުރަށް ވިދާޅުވީ، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ 11 ރިސޯޓުގެ ތެރެއިން ދެ ރިސޯޓަކީ ފޯބްސް މެގަޒިންއިން ސާޓިފައިކޮށްފައިވާ ފަސް ތަރީގެ ރިސޯޓުތަކެއް ކަމަށެވެ.

ޠާރިގު ވިދާޅުވި ގޮތުގައި 'ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް'އަކީ މި ވިޔަފާރީގައި ރާއްޖޭގައި އެންމެ ވަރުގަދަ އަދި އީޖާދީ އެއް ކުންފުންޏެވެ.

ނަލަ ރިސޯޓުގައި ހުންނަ ޖުމްލަ 80 ވިލާގެ ތެރޭ ހިމެނެނީ 20 ސަންރައިސް ބީޗް ވިލާއާއި އަށް ރޮމެންޓިކް ބީޗް ވިލާއާއި 22 ސަންސެޓް ބީޗް ޕޫލް ވިލާއާއި 30 އޯޝަން ޕޫލް ވިލާއެވެ.

comment ކޮމެންޓް