83 ކެންޑިޑޭޓަކު ނަން ގެންގޮސްފި، ގިނައީ އެމްޑީޕީ

މިއަހަރު މީގެކުރީން ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ އެޕްލިކޭޝަން ފޯމް ބަލައިގަތުން -- ސަން ފޮޓޯ / އަހްމަދު ސައީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 15 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން ފަސް ކެނޑިޑޭޓުންނަކީ ކައުންސިލު އިންތިހާބުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށެވެ. އަދި އަށް ކެނޑިޑޭޓުންނަކީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ވާއިރު ބާކީ ދެ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުން ކަމަށް އީސީއިން ބުނެ އެވެ.

ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރޭގައި ގިނައީ އެމްޑީޕީ ކެނޑިޑޭޓުންނެވެ. އެގޮތުން އެމްޑީޕީގެ އަށް ކެނޑިޑޭޓެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. ދެން ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރޭގައި ޕީޕީއެމްގެ ހަތަރު ކެނޑިޑޭޓުންނާއި އަމިއްލަ ގޮތުން ކުރިމަތިލީ ދެ ކެނޑިޑޭޓުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއް ހިމެނެ އެވެ.

ކައުންސިލް އިންތިހާބުން ޖުމްލަ 83 ކެނޑިޑޭޓެއްގެ ނަން މިހާރު ނަގާފައިވާއިރު އެއާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި މިވަގުތު ތިބީ 2،307 މީހެކެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1785 ފަރާތެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

އަންނަ މާޗް ހަ ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.

comment ކޮމެންޓް