ވައްކަން ކުރިޔަސް ނޭނގޭނެހާ ފެންވަރު ރަނގަޅުވާނެ، އެކަމަކު ވައްކަމެއް ނުކުރާނަން: ފައްޔާޒް

ނޮވެމްބަރ 15، 2020: އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައްކަން ކުރިޔަސް "ބްރޯ" އިންނަށް މެސެޖުކޮށްގެން އެކަން ކުރާވަރަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ދުވަހަކުވެސް ވައްކަން ކުރާނެ މީހެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޯގަސްޓް މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅުވަ އެވެ. ޕާޓީ ތެރޭގައި "ބްރޯ ހެދިގެން" ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެ ތުހުމަތުތަކާއެކު އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ފައްޔާޒް މާގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި، އޭނާ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ފެށިއެވެ.

އެ ދުވަސްވަރު މަޖިލީހުގެ ތެރެއިން ފަައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ވެސް މަސައްކަތްް ފެއްޓެވި އެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އޭނާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ތުހުމަތުތަކާ ގުޅިގެން މާގިނަ ވާހަކަތަކެއް ދައްކަން ނުޖެހޭ ކަމަށާއި، ތުހުމަތު ކުރެވިގެން އުޅޭ ސަބަބު ރައްޔިތުންނަށް ވެސް ވަރަށް ސާފުވާނެއެވެ.

"މީގަ އޮންނާނީ އަޅުގަނޑަށް ނަފުރަތު ކުރާ މީހުން އަޅުގަނޑާ ދޭތެރޭގަ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ގަބޫލުކުރާނެ. އިލާހީގޮތުން މިސާލަކަށް އަޅުގަނޑު އެކަމެއް ނުކުރެއޭ އަޔަސް އެމީހުންނަށް ގަބޫލެއް ނުކުރާނެ. ދެން ތިބީ އަޅުގަނޑު އެކަން ނުކުރާނެކަން ގަބޫލުކުރާ މީހުން. އެމީހުން ގަބޫލެއް ނުކުރާނެ ކޮންމެ މީހަކު ދެއްކިޔަސް އަޅުގަނޑު އެކަން ކުރާނެ ކަމަކަށް. ދެން ތިބީ މެދުގަ ތިބޭ ބައެއް. އެމީހުންނަށް އަޅުގަނޑު ކުރިޔަސް ހެޔޮ، ނުކުރިޔަސް ހެޔޮ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެންކަމުން، އެކަމުގައި ހުރީ "ސެޓް ވިއުސް" ތަކެއް ކަމަށެވެ. އަދި އެކި މީހުން ދެކޭ ގޮތްތައް ބަދަލުކުރަން ނޫޅޭ ކަމަށާއި، އޭނާ ހަވާލުވެ ހުރީ މިނިސްޓްރީގެ ގޮތުން އެފަދަ ތުހުމަތު އަންނާނެ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގަތް އިރު "އިންޓެގްރިޓީ" ފިޔަވައި އިތުރު އެއްޗެއް އަތުގައި ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ތުހުމަތުތަކެއް ކުރުމުން ފުރަތަމަ އެކަމާ ދެރަވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުގެ އިންޓެގްރިޓީ ކިލަނބު ކޮށްފި. ކޮންމެ ސަބަބަކާ ހެދި ނަމަވެސް. ދެން އެކަމުގެ މާޔޫސްކަމުގައި އަޅުގަނޑު ކުރަން މިއުޅޭ މަސައްކަތަށް ބުރޫ ނާރުވަން އަޅުގަނޑު ނިންމައިފިން. މި ދެންނެވިހެން އަޅުގަނޑަށް ހަމަ ވަރަށް އަސަރުކުރި ކުރީކޮޅުގަ. އެހެން ނަމަވެސް މިހާރު އެ ދޫކޮށްލައިފިން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ، ގިނަ ރައްޔިތުން ވެސް އަދި ޚުދު އޭނާވެސް ބޭނުންވާ ގައުމަކަށް ރާއްޖެ ހެދުމުގެ ވިސްނުމުގައި، އެމަގުން ސިޔާސަތު ކަނޑައަޅައިގެން ކަމަށާއި މަގާމުގައި ރައީސް ބެހެއްޓެވިހާ ދުވަހަކު އެ މަގުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވަނީ ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވަޒީރަކު ވައްކަން ކޮށްގެން ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެކަން ބެލޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން މައްސަލަ ބެލުމަށް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

"މީހެއްގެ އަބުރު ކަތިލެވިދާނެ ވަރަށް ފަސޭހައިން މަޖިލިސްގެ ޕްލެޓްފޯމެއްގައި ނޫންނަމަ އެވަރުގެ ބާރުހުރި ފަރާތަކަށް. އެވަރުގެ ޕޮޕިއުލާ ފަރާތަކަށް. އެކަން ކުރައްވަންވީ. އަޅުގަނޑުގެ މައްސަލައެއް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަހުގީގީ އިދާރާއަކުން މައްސަލަ ބަލައި، އޭނާ އެފަދަ ކަމެއް ކޮށްފައިވާކަމަށް ސާބިތުވެއްޖެ ނަމަ ދެން އެހިސާބުން އެކަން ނިމުނީ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ވައްކަމެއް ނުކުރާނަން. އަދި ތިވިދާޅުވާ ބޭފުޅުންނަށް ހީވާގޮތަށް ބްރޯއަކަށް މެސެޖުކޮށްގެން ކަންކަން ކުރާ ގޮތަށް އަޅުގަނޑު ކުރިޔަސް ނުކުރާނަން. އެއަށްވުރެ މާ ފެންވަރު ރަނގަޅުވާނެ އަޅުގަނޑުގެ. އަޅުގަނޑު ވައްކަން ކުރިޔަސް ނޭނގޭނެ އެބޭފުޅުންނަަކަށް،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ވެސް ވާހަކަދައްކަވައިފައެވެ. މިނިސްޓަރު ވިދާޅުވީ އެއީ އޭގެ ޒާތުގައި ހަމަ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.

"ހަމަ ރަނގަޅު ހަގީގަތެކޭ އެއީ. އެކަމަކާ ކަންބޮޑުވެލައްވާކަށް ނުޖެހޭނެ އެހެން ބޭފުޅުންނެއް. އެކަމާ ކަންބޮޑުވެލައްވާނީ ދައުލަތުގެ މިނިސްޓަރުންނާ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމަ އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ ކުރެވޭ ކަމެއް އެކުރެވެނީ ސަރުކާރުން އެގޮތަށް އެކަން ބޭނުންވެގެންނޭ،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭނާ "ބްރޯ" އަކަށް ހައްދަވަނީ ވެސް، އޭނާ އެހެން މިނިސްޓްރީތަކުގެ މެންޑޭޓުގެ ތެރެއަށް ވަންނަ ކަމަށް ވިދާޅުވާ ބޭފުޅުން ކަމަށެވެ.

އަދި އެ "ލަގަބު" ދިން ފަހުން ވަރަށް ގިނަ މީހުން، ފައްޔާޒް އާ ގުޅުމެއް ވެސް ނެތް ކަންކަމުގައި ގުޅަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ގިނަ މީހުންނަށް ޖަވާބު ދޭ މީހެއް. އަދި އަޅުގަނޑާ ނުބެހޭ ކަމަކާ މީހަކު ގުޅިޔަސް އަޅުގަނޑު ބަލަން އަޅުގަނޑު ދަންނަ ވަޒީރެއް ވިއްޔާ، ދަންނައޭ މިބުނީ އަޅުގަނޑަށް ވާހަކަ ދެކެވޭ ކަހަލަ ވަޒީރެއް ވިއްޔާ ގުޅައިގެން އެމީހެއްގެ ކަމަކަށް ފެސިލިޓޭޓް ކޮށްދެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ވަޒީރަކު ހިތްހަމަޖެހިވަޑައިނުގެން އެވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ. އަދި އިގްތިސޯދީ ކަންކަމަކީ ވަރަށް ގިނަ މިނިސްޓްރީތަކުގެ ވަރަށް ގިނަ ކަންކަމާ ގުޅުންހުރި ކަމަކަށް ވާތީ އެކަންކަމަށް އޭނާ "އަތް ބާނާނެ" ކަމަށެވެ.

"އަތްބާނައޭ މި ދަންނަވާ ވާހަކައަކީ ބޭފުޅުންނާ އަޅުގަނޑު ގުޅާނެ،" ފައްޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް