ހޯރަފުށި އެއާޕޯޓު ހުޅުވުން މާދަމާއަށް ފަސްކޮށްފި

ހޯރަފުށީ އެއާޕޯޓަށް ފްލައިޓު ޖައްސާފައި -- ފޮޓޯ: އެމްޓީސީސީ

ހއ ހޯރަފުށި އެއާޕޯޓު ހުޅުވުން މާދަމާ އަށް ފަސްކޮށްފި އެވެ.

މީގެ ކުރިން އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެރަށަށް ވަޑައިގެން އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާ ގޮތަށެވެ.

ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން މާދަމާ އަށް ވަނީ ފަސްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުންޏެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ. މިއީ މި ސަރުކާރުން ކުރިއަށް ގެންގޮސް، ނިންމައިލި ފުރަތަމަ ބޮޑު މަޝްރޫއެވެ.

އެއާޕޯޓަށް އިއްޔެ ޓެސްޓު ފްލައިޓު ޖައްސާފައިވާއިރު އެކަން ފާހަގަ ކުރުމަށް ގިނަ ބަޔަކު ވަނީ އެއާޕޯޓަށް ގޮސްފައެވެ.

އެއާޕޯޓު ރަސްމީކޮޮށް ހުޅުވުމާއެކު އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާނެއެވެ.

އެ އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

comment ކޮމެންޓް