ޕޯޗުގަލް އާއި ޖަރުމަނު މޮޅުވި އިރު ފްރާންސް ބަލިވެއްޖެ

ޕޯޗުގަލްއާއި އެންޑޯރާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ

ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަނާއި، ޔޫއެެފާ ނޭޝަންސް ލީގުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ޕޯޗުގަލް އަދި ޖަރުމަނުގެ އިތުރުން ބެލްޖިއަމް މޮޅުވި އިރު ފިންލަންޑް އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިވެއްޖެ އެވެ.

ޕޯޗުގަލުން ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން އެންޑޯރާގެ މައްޗަށް ކުރި ހޯދީ 0-7 ގެ ބޮޑު ތަފާތަކުންނެވެ. އެންމެ ފަހުގެ ޔޫއެފާ ނޭޝަންސް އަދި ޔޫރޯގެ ޗެމްޕިއަން ޕޯޗުފަލުން އެ މެޗަށް ނުކުތީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ބެންޗްގައި ހިމަނައިގެންނެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޔާއޯ ފެލިކްސް އަދި ބާނޭޑޯ ސިލްވާ ވެސް ބެންޗުން ފެށި އިރު އެންޑޯރާއަށް ޕޯޗުގަލް ލަނޑެއް ޖެހިޔަ ނުދީ މާ ގިނައިރު ހިފޭއްޓޭ ގޮތެއް ނުވި އެވެ.

މެޗުގެ އަށްވަނަ މިނަޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ޒުވާން ފޯވާޑް ޕެޑްރޯ ނެޓޯ އެވެ. އެއަށްފަހު 28 ވަނަ މިނަޓުގައި ޕޯލީނިއޯގެ ގޯލުން ޕޯޗުގަލް ލީޑު ފުޅާ ކުރި އިރު، ބާކީ ފަސް ގޯލު އެ ޓީމުން ޖެހީ ދެވަނަ ހާފުގަ އެވެ. ދެވަަނަ ހާފުގައި ޕޯޗުގަލުން ޖެހި ގޯލުތަކަކީ ރެނާޓޯ ސަންޗޭޒްއާއި، ޕޯލީނިއޯ، ރޮނާލްޑޯ އަދި ފެލިކްސްގެ އިތުރުން އެންޑޯރާ އަތުން ބައި ކޮޅަށް ވަން ގޯލެކެވެ.

ފަހަކަށް އައިސް ފޯމު ކަޓައި، ގިނަ މެޗުތަކަކުން ބަލިވެފައިވާ ޖަރުމަނުން ރޭ ޗެކް ރިޕަބްލިކްގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު އެ މެޗުގައި ޖެހި ހަމައެކަނި ގޯލަކީ 13 ވަނަ މިނަޓުގައި ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ ޖިއަން ލޫކާ ވަލްޑްޝްމިޓް ޖެހި ގޯލެކެވެ.

އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުލައި ބެލްޖިއަމުން ރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 1-2 ގެ ތަފާތަކުންނެވެ. ފަހަތުން އަރައި ބެލްޖިއަމުން މޮޅުވި އެ މެޗުގައި ސްވިޒަލޭންޑަށް ފުރަތަމަ ގޯލު ޖަހައިދިނީ އަދްމީރް މެހްމެދީ އެވެ. ބެލްޖިއަމުން މެޗުގައި ޖެހި ދެ ގޯލު ވެސް ޖަހައިދިނީ ކްރިސްޓަލް ޕެލަހަށް ކުޅެމުން އަންނަ މިޗީ ބަޓްޝުއާއީ އެވެ.

މީގެ 10 އަހަރު ކުރިން ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕުގެ ފައިނަލުގައި ވާދަކުރި ސްޕެއިނާއި ނެދަލޭންޑް ރޭ ބައްދަލު ކުރި ވާދަވެރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ސްޕެއިނުން ޖެހި ގޯލު ފުރަތަމަ ހާފުގެ ކުރީ ކޮޅު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއާ ކަނާލެސް އެވެ. ދެވަނަ ހާފު ފެށިގެން މިނަޓެއް ތެރޭ ނެދަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް މިފަހުން ސޮއި ކުރި ޑޮނީ ވެންޑެ ބީކް އެވެ.

މީގެ އިތުރުން ފިންލޭންޑުން ރޭ ވަނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. ފަހަކަށް އައިސް ފްރާންސް ސްކޮޑުގެ މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ އެންޓޮއިން ގްރީޒްމަން އަދި ޕޯލް ޕޮގްބާއަށް ސޯޝަލް މީޑިއާގެ ފާޑުކިޔުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ފްރާންސްގެ ފަރާތުން ރޭ ފެނުނީ އާދައިގެ ކުޅުމެކެވެ.

ދުނިޔޭގެ ރޭންކިންގް 50 ވަނައިން ވެސް ދަށުގައި އޮތް ފިންލޭންޑުން އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލު ފްރާންސްގެ ގޯލަށް އަމުނާލި އިރު، އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ މާކަސް ފޯރސްއާއި އޮއްނި ވަލްކްރީ އެވެ.

comment ކޮމެންޓް