ރާއްޖެއިން އެންގޯލާއާއެކު ޚާރިޖީ ގުޅުން ގާއިމުކޮށްފި

އެފްރިކާގެ ގައުމެއް ކަމުގައިވާ އެންގޯލާ އާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފިއެވެ. މިއީ ރާއްޖެއިން ޚާރިޖީ ގުުޅުން ގާއިމުކުރި 173 ވަނަ ގައުމެވެ.

އެންގޯލާއަކީ އެފްރިކާ ބައްރުގެ މެދުތެރޭގައި، އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ.

ރާއްޖެއާ އެންގޯލާއާ ގުޅުން ގާއިމުކުރީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި އޮތް ރަސްމިއްޔާތެއްގައެވެ.

ރާއްޖެއާ އެންގޯލާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރި ކަމުގެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. އެންގޯލާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މަރީއާ ޑެ ޖެސޫސް ޑޮސް ރެއިސް ފެރޭރާއެވެ.

"ދެގައުމުގެ ދެމެދުގައި ގުޅުން ގާއިމުކުރުމުން ފާހަގަކުރެވެނީ ދެގައުމުގެ ރައްޔިތުންނާއި އެކި ދާއިރާތަކުން ގުޅުން އުފެދުމާއި ގުޅުން ބަދަހިކުރުމުގެ ތާރީޚީ ފެށުމެއް،" ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެކިއެކި ގައުމުތަކާއެކު ރާއްޖެއިން ގުޅުމާއި އެކުވެރިކަން އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެންގޯލާއަކީ 15 ވަނަ ގަރުނުގައި ޕޯޗުގަލްގެ ދަތުރުވެރިން އައިސް އިސްތިއުމާރުކުރަން ފެށި އެފްރިކާގެ ގައުމެކެވެ. އަދި ޕޯޗުގަލްގެ އޭރުގެ އިސްތިއުމާރީ ވެރީން، އެންގޯލާގެ ގިނަ ރައްޔިތުން އަޅުންގެ ގޮތުގައި ގެންގުޅުނު އިރު، އެކި ގައުމުތަކަށް އެމީހުން އަޅުންގެ ގޮތުގައި ވިއްކައި ހެދިއެވެ. އެންގޯލާގައި އިންސާނުން އަޅުންގެ ގޮތުގައި ވިޔަފާރިކުރުން މަނާކުރީ 19 ވަނަ ގަރުނުގެ ކުރީކޮޅުއެވެ.

ޕޯޗުގަލްގެ އިސްތިއުމާރުން މިނިވަންވުމަށް އެންގޯލާގެ ރައްޔިތުން މަސައްކަތް ފެށީ 20 ވަނަ ގަރުނުގެ ތެރޭގައެވެ. އަދި 1960 ގައި ޕޯޗުގަލްގެ އިސްތިއުމާރީންނާ ދެކޮޅަށް އެންގޯލާގެ އެކި ހަނގުރާމަވެރި ގްރޫޕުތަކުން މަސައްކަތްކުރި ކުރި އިރު، އެކަންކަން ފަހުން ބަދަލުވީ ދާޚިލީ ހަނގުރާމައަކަށެވެ. އެންމެ ފަހުން އެންގޯލާއަށް ޕޯޗުގީޒުންގެ ކިބައިން މިނިވަންކަން ލިބުނީ 11 ނޮވެމްބަރު 1975 ގައެވެ.

އެންގޯލާ

  • ވެރިކަންކުރާ ސިޓީ: ލުއާންޑާ
  • ދައުލަތުގެ ވެރިޔާ: ރައީސް ޖޮއާއޮ ލޮރިއެންސޯ
  • ރަސްމީ ބަސް: ޕޯޗުގީޒް
  • އާބާދީ: 32.5 މިލިއަން
  • ބޮޑުމިން: 1.2 މިލިއަން އަކަ ކިލޯމީޓަރު (ދުނިޔޭގެ 22 ވަނައަށް އެންމެ ބޮޑު ގައުމު)
comment ކޮމެންޓް