އދގެ އާންމު މަޖިލީހަށް ޝާހިދު އިންތިހާބު ކުރަން އިންޑިއާގެ ތާއީދު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

އދ ގެ އާންމު މަޖިލީހުގެ ރައިސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ކުރަން އިންޑިއާ އިން ތާއީދު ކުރާ ކަމަށް ބުނެފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ހަތަރު އެމްއޯޔޔޫއެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ އދ ގެ އާން މު މަޖިލީހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު އިންތިހާބު ކުރުމަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަމަށެވެ.

ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާ ބައްދަލު ކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދާއި ފޮރިން ސެކްރެޓަރީ ހަރްޝްގެ ބައްދަލުކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް